ޔޫރޯ 2020

ޔޫރޯ: ނެދަލޭންޑްސް 3-2 ޔޫކްރެއިން

14 Jun 11:58

މެޗުގެ އުސްއަލިތައް

  • އެމްސްޓެޑާމްގައި ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނުނީ ނެދަލޭންޑްސް
  • ޕްރެޝަރުކޮށް ޔޫކްރެއިން ކޮޅަށް ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި
  • ޔޫކްރެއިން ގޯލްކީޕަރު ބުޗާންގެ ހުނަރުވެރި ދެ ސޭވްސްއެއް ފެނުނު
  • ޑަމްފްރައިސްގެ ހަމަލާއެއްގެ އިތުރުން ވެން އަންހޯލްޓްގެ ފުރުސަތެއް ބޭކާރުވި
  • ޔަރްމަލެންކޯގެ ހަމަލާއެއް ނެދަލޭންޑްސް ކީޕަރު މަތަކުރި
  • ދެވަނަ ހާފު ފެނުނީ ފޯރި ގަދަކޮށް
  • ފުލުފުލުގައި ނެދަލޭންޑްސްއަށް ދެ ގޯލް ޖަހައިދިނީ ވައިނާލްޑަމް އާއި ވެގޯސްޓް
  • އެ ދެ ގޯލަށް ޔޫކްރެއިން ރައްދު ދިނީ ޔަރްމަލެންކޯއާއި ޔަރެމްޗުކް ޖެހި ދެ ގޯލުން
  • ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ނެދަލޭންޑްސް މޮޅުވީ ޑަމްފްރައިސްގެ ގޯލުން
14 Jun 11:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-2ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.

14 Jun 11:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

14 Jun 11:44

އެ ގޯލަށް ފުރުސަތު ތަނަަވަސްވެގެން ދިޔައީ ޔޫކްރޭނުގެ ކީޕަރު ބުޝްޗާންއަށް ފަހަަތުން ލިބުނު ބޯޅަ ރަނގަޅަށް ކްލިއާކޮށް ނުލެވުމުން.

14 Jun 11:42

'85 - ނެދަލެންޑްސްއިން އަލުން ލީޑު ހޯދައިފި. ނޭތަން އަކޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑަމްފްރައިސް.

14 Jun 11:37

'79 - ޔޫކްރޭނުން ނަތީޖާ ހަމަހަމަކޮށްފި. މަލިނޮވްސްކީ ނަގައިދިން ހިލޭ ޖެހުމަކުން ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ޖެހުމަށް އެސިސްޓްކޮށްދިން ޔަރެމްޗުކް. އޭނާ ގޯލު ޖެހީ ނެދަލެންޑްސް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.

14 Jun 11:33

ޕެނަލްޓީ އޭރިއާ ބޭރުން ޔާމަލެންކޯއަށް ލިބުނު ބޯޅަ އަމާޒުކޮށްލީ ޔޫކްރޭން ގޯލުގެ މަތީ ކަނަކަށް.

14 Jun 11:32

'75 - ޔޫކްރޭނުގެ ރީތި ގޯލެއް. ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޔާމަލެންކޯ.

14 Jun 11:31

71' ޔަރްމަލެންކޯގެ ހަމަލާއެއް. ޔޫކްރެއިން ފޯވަޑް ބޯޅައާއެކު އެނބުރިލައި އޭރިއާ ބޭރުން ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ސީދާ ނެދަލޭންޑްސް ކީޕަރު އަތަށް.

14 Jun 11:29

ދެ ގޯލަށް ފަހުވެސް ނެދަލޭންޑްސް ފެންނަނީ ނުރައްކާ ކޮށް. ހާއްސަކޮށް އަރިމަތިން ކުރިއަށް ޖެހި ގިނަ ހުރަސްތަކެއް އޭރިއާ ތެރެއަށް ފޮނުވާލެވޭތޯ ދަނީ މަސައްކަތް ކުރަމުން.

14 Jun 11:18

ގޯލް ޖެހުމަށް ފުރުސަތު ފަހި ކުރުމަށް ޑަމްފްރީ ފައުލް ކުރިތޯ ވިއޭއާރު އެހީގައި ރެފްރި ޗެކް ކުރި. ވީއޭއާރުން ނިންމީ ފައުލް ނޫން ކަމަށް.

14 Jun 11:16

58' ނެދަލޭންޑްސްގެ ދެވަނަ ގޯލެއް. ލީޑު ފުޅާކޮށްދިނީ ވޯޓް ވެގޯސްޓް.

14 Jun 11:11

52' ނެދަލޭންޑްސް ލީޑު ނަގައިފި. ގޯލް ޖެހީ ކެޕްޓަން ވައިނާލްޑަމް. ޑަމްފްރީގެ ހުރަސް ގޯލްކީޕަރު ބުޗާން އޭރިއާ ބޭރަށް ޕަންޗު ކޮށްލި ނަމަވެސް ލިބުނީ ވައިނާލްޑަމްއަށް. އޭނާ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލި.

14 Jun 11:08

49' ހާފުގައި ނެދަލެންޑްސްގެ ފުރަތަމަ ފުރުސަތު. އަރިމަތިން އެރި ޑަމްފްރީއަށް މެމްފިސްގެ ބޯޅައިގައި ޖެއްސޭ ގޮތެއް ނުވި.

14 Jun 11:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

14 Jun 10:50

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • އެމްސްޓެޑާމްގައި ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނުނީ ނެދަލޭންޑްސް
  • ޕްރެޝަރުކޮށް ޔޫކްރެއިން ކޮޅަށް ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި
  • ޔޫކްރެއިން ގޯލްކީޕަރު ބުޗާންގެ ހުނަރުވެރި ދެ ސޭވްސްއެއް ފެނުނު
  • ޑަމްފްރައިސްގެ ހަމަލާއެއްގެ އިތުރުން ވެން އަންހޯލްޓްގެ ފުރުސަތެއް ބޭކާރުވި
  • ޔަރްމަލެންކޯގެ ހަމަލާއެއް ނެދަލޭންޑްސް ކީޕަރު މަތަކުރި
14 Jun 10:47

ނެދަލޭންޑްސްގެ ގޯލު ބަލަހައްޓަމުން ދަނީ އުމުރުން 38 އަހަރުގެ މާޓެން ސްޓެކެލެންބާގު. އޭނާއަކީ މިއަހަރުގެ ޔޫރޯގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ. ނެދަލޭންޑްސް ކޯޗު ބުނެފައި ވަނީ ކީޕަރަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް.

14 Jun 10:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

14 Jun 10:44

'39 - ނެދަލެންޑްސްއަށް އިތުރު ފުރުސަތެއް. ޑިޕާއީ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑަމްފްރީސް ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

14 Jun 10:40

'38 - ބުޝްޗާންގެ މޮޅު ސޭވްއެއް. ނެދަލެންޑްސް ކެޕްޓަން ވައިނާލްޑަމްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން އޭނާ ފޮނުވާލި ބާރު ހަމަލާ، ބުޝްޗާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

14 Jun 10:34

ޔޫކްރޭނަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އެޓީމުން ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ކުޅޭކަން ފާހަގަކޮށްލެވޭ.

14 Jun 10:34

'30 - ޔޫކްރޭނަށް ފުރުސަތެއް. ރީތި ކުޅުމަކާއެކު ޔާމެލެންކޯއަށް ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ސްޓެކެލެންބާގް ވަނީ މަތަކޮށްފައި.

14 Jun 10:32

'28 - ނެދަލެންޑްސްގެ ޑިފެންޑަރު ވޭން އާންހޯލްޓްގެ މުހިންމު ޓެކަލްއެއް. ޔަމާލެންކޯ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ނެދަލެންޑްސްގެ ގޯލަށް ހަމަލާއެއް ފޮނުވާލުމުގެ ކުރިން، އާންހޯލްޓް ވަނީ ޓެކަލްކޮށް އެ ބޯޅަ ހޯދާފައި.

14 Jun 10:31

'27 - ބުޝްޗާންގެ މުހިންމު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ވެގްހޯސްޓް ފޮނުވާލި ހަމަލާއެއް، ކުރިއަށް ނުކުމެ ނެދަލެންޑްސްގެ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.

14 Jun 10:27

ޔޫކްރޭނުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދޭ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ނުރައްކާ ކުރުމަށް ޔޫކްރޭނުން ވެސް ދަނީ މަސައްކަތްކުރަމުން.

14 Jun 10:26

'22 - ނެދަލެންޑްސްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ވޭން އާންހޯލްޓަށް ބޯޅަ ލިބުމުގެ ކުރިން ޔޫކްރޭންގެ ކީޕަރު ބުޝްޗާން ވަނީ ބޯޅަ ހޯދާފައި.

14 Jun 10:15

ނެދަލޭންޑްސްއިން ކުޅެމުން ދަނީ ހަލުވި ޕްރެސިން ފުޓުބޯޅައެއް. ޔޫކްރެއިންގެ ޑިފެންސަށް ހަމަޖެހިލާނެ ވަގުތުވެސް ނުދީ ނެދަލޭންޑްސްއިން ދަނީ ކުރިއަށް ޖެހި ކުޅެމުން.

14 Jun 10:12

6' އަނެއްކާވެސް ނެދަލޭންޑްސް އަށް ފުރުސަތެއް. ޑަމްފްރީސް ނަގައިދިން ހުރަސް ވައިނާލްޑަމް ގޯލަށް ޖެހި ނަމަވެސް ދިޔައީ އަމާޒުނުވެ ބޭރަށް

14 Jun 10:07

5' ނެދަލޭންޑްސްއަށް ރަނުގެ ފުރުސަތެއް. އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ޑަމްފްރީސް ފޮނުވާލި ހަމަލާ ކުރިއަށް ޖެހި މަތަކުރީ ޔޫކްރެއިންގެ ގޯލްކީޕަރު ބުޝްޗާން.

14 Jun 10:02

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ސީގެ ދެވަނަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫރޯ 2020ގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި މިރޭ ނެދަލޭންޑްސް ނުކުންނާނީ ޔޫކްރެއިންއާ ދެކޮޅަށް. ނެދަލޭންޑްގެ އަމިއްލަ ދަނޑު، ޔޯހަން ކްރައިފް އެރީނާގައި މެޗު ކުޅުން ވެގެންދާނީ ނެދަލޭންޑްސްއަށް ބޮޑު ހިތްހަމަޖެހުމަކަށް. ހާއްސަކޮށް އެގައުމުން ފުޓުބޯޅަ އަލުން ނަގައި ކޮޅަށް ޖެހުމަށް މިރޭ ކުޅޭ ފުރަތަމަ މެޗު ވަރަށް ބޮޑަށް މުހިއްމު ވާނެ.

މިރޭގެ މެޗު ތަފާތުވާނެ އެއް ސަބަބަކީ ގައުމީ ޓީމުގެ ދެ ލެޖެންޑުން ދެކޮޅުގެ ބެންޗުގައިވެސް އިރުޝާދު ދޭން ތިބުން. ފްރޭންކް ޑި ބޯއަކީ އެގައުމުގެ ގޯލްޑަން ޖެނެރާޝަންގެ ކެޕްޓަން. އަނެއްކޮޅުން އެންދްރޭސް ސެވްޗެންކޯއަކީ ޔޫކްރެއިންގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާ.

ޔޯހަން ކްރައިފް އެރީނާއާއި އެމްސްޓަޑާމްގެ ބައެއް މައުލޫމާތު

ސިޓީ: އެމްސްޓެޑާމް
ސްޓޭޑިއަމް: ޔޯހަން ކްރައިފް އެރީނާ
ސަޕޯޓަރުންގެ ޖާގަ: 54،990 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 12،000 މީހުން (25 ޕަސެންޓް)

އެމްސްޓަޑާމް
- 60 ޕަސެންޓް ދަތުރުތަކަށް ބޭނުން ކުރަނީ ބައިސްކަލް
- އެންމެ މަގުބޫލު މަންޒިލަކީ ކެނަލްސް ގެލޯ، ކެނަލްގައި 1500 ފާލަން ހުރަސްކޮށްފައިވޭ
- އަހަރަކު ގާތް ގަނޑަކަށް 17 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރޭ


ޔޯހަން ކްރައިފް އެރީނާ
- މަތި ކަހާލެވޭ ފުރާޅަކާއެކު ޔޫރަޕްގައި ބިނާކުރި ފުރަތަމަ ސްޓޭޑިއަމް
- 2018 ވަނަ އަހަރު ނަން ބަދަލުކުރީ ނެދަލެންޑްގެ ފުޓުބޯޅަ ލެޖެންޑް ޔޯހަން ކްރައިފްގެ ނަމާ ގުޅުވާފައި
- ނެދަލެންޑްގެ ވަރުގަދަ ކްލަބު އަޔެކްސްގެ ހޯމް ސްޓޭޑިއަމް

ޔޫރޯގައި ނެދަލެންޑްސް ފާހަގަކޮށްލެވެނީ ވަރުގަދަ ޓީމެއްގެ ގޮތުގައި. އެޓީމު ވަނީ ޔޫރޯގައި ނުވަ ފަހަރު ވާދަކޮށްފައި. އޭގެ ތެރެއިން ވެސް ނެދަލެންޑްސްއަށް ކާމިޔާބު ކުރެވުނީ އެންމެ މުބާރާތެއް. އެއީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ. ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014 ގެ ފަސް. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވޭ.

އަނެއްކޮޅުން ޔޫރޯއަށް ޔޫކްރޭން ކޮލިފައިވީ ދެ ފަހަރު. އެއީ އެންމެފަހުން ކުޅުނު ދެ ޔޫރޯއަށް. ޔޫރޯ 2012، ޔޫރޯ 2016ގައި ވެސް ޔޫކްރޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުން. މިހާތަނަށް ޔޫކްރެއިން އާއި ނެދަލޭންޑްސް ވާދަކޮށްފައިވަނީ އެންމެ ދެ މެޗުގައި. އޭގެތެރެއިން 2008 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ނެދަލޭންޑްސްއިން ކާމިޔާބު ކުރި ނަމަވެސް 2010 ގެ އެކުވެރިކަމުގެ މެޗު ނިމުނީ އެއްވަރުވެގެން.