ޔޫރޯ 2020

ޔޫރޯ: ނޯތު މެސަޑޯނިއާ 1-3 އޮސްޓްރިއާ

14 Jun 09:00

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ކޮޅުގައި އޮސްޓްރިއާގެ ކަލަޒިކް ޖެހި ބޯޅަ ނޯތު މެސަޑޯނިއާ ގޯލްކީޕަރު ޑިމިޓްރީވްސްކީ މަތަކުރި
  • އޮސްޓްރިއާއަށް ލީޑު ނަގައިދިނީ ލައިނާގެ ހިތްގައިމު ގޯލަކުން
  • ނޯތު މެސަޑޯނިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އުމުރުން 37 އަހަރުގެ ލެޖެންޑް ޕަންޑޭވް
  • ދެވަނަ ހާފުގައި އޮސްޓްރިއާ ކުޅުން ރަނގަޅު ކުރި
  • ފަހު ހާފްގެ ދެ ގޯލް ޖަހައިދިނީ ބަދަލަކަށް ނުކުތް ދެ ކުޅުންތެރިން
  • ދެ ގޯލް ޖަހައިދިނީ އަރްނޯޓޮވިޗް އަދި މިޝޭލް ގްރެގޮރިޗް
14 Jun 08:53

މެޗުގެ ފުރަތަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން އޮސްޓްރިއާ ކުރީގައި އޮވެގެން.

14 Jun 08:52

'90 - އޮސްޓްރިއާއަށް އިތުރު ފުރުސަތެއް. އެލްމާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލެއިމާ ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއެވްސްކީ ވަނީ މަތަކޮށްފައި.

14 Jun 08:50

'89 - އޮސްޓްރިއާ އިން ލީޑު ފުޅާކޮށްފި. އެޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އާނާޓޮވިޗް. އޭނާ އެ ގޯލު ޖެހީ ލައިމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން. އާނާޓޮވިޗް އަކީ ވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިއެއް.

14 Jun 08:44

ޔޫރޯ މުބާރާތްތަކުގައި އޮސްޓްރިއާ އިން ޖެހި ގޯލުގެ އަދަދު މިހާރު މިވަނީ ހަތަރަކަށް އަރާފައި. މި މެޗުގައި ޖެހި ދެ ގޯލުގެ އިތުރުން ދެން ހިމެނެނީ ޔޫރޯ 2008ގައި ޖެހި ގޯލަކާއި ޔޫރޯ 2016ގައި ޖެހި ގޯލެއް.

14 Jun 08:41

އޮސްޓްރިއާ އިން އަލުން ލީޑު ހޯދުމަށް ކެޕްޓަން އަލަބާގެ މަސައްކަތް ފާހަގަކޮށްލެވޭ. މެޗު ފެށުނު އިރު، އަލަބާ ސެންޓާ ބެކް މަގާމަށް ކުޅުނު ނަމަވެސް މިހާރު އޭނާ ފެންނަނީ ލެފްޓް ބެކުން އެޓޭކުތަކުގައި ބައިވެރިވާ ކުޅުންތެރިއެއްގެ ގޮތުގައި.

14 Jun 08:37

'78 - އޮސްޓްރިއާ އިން އަލުން ލީޑު ހޯދައިފި. އަލަބާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ގްރެގޯރިޗް. އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލާފައި.

14 Jun 08:34

'72 - ނޯތު މެސެޑޯނިއާގެ ކައުންޓާ އެޓޭކެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަލިއޮސްކީ ފޮނުވާލި ބާރު ހަމަލާ، އޮސްޓްރިއާގެ ލައިންހާޓް ވަނީ ބްލޮކްކޮށްފައި.

14 Jun 08:24

'64 - އޮސްޓްރިއާގެ ނުރައްކާތެރި ހަމަލާއެއް. އާނާޓޮވިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގްރެގޯރިޗް ބޮލުން ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

14 Jun 08:22

'62 - ނޯތު މެސެޑޯނިއާއަށް ފުރުސަތެއް. އެލްމާސް ދިން ތުރޫ ޕާހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކޮލޯވް ފޮނުވާލި ހަމަލާ، އޮސްޓްރީގެ ކީޕަރު ބެކްމަން ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕަންޑޭވް ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށް.

14 Jun 08:12

އޮސްޓްރިއާ އިން އަލުން ލީޑު ހޯދުމަށް، ކުރިއަށް ޖެހި އަންނަނީ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް ނޯތު މެސެޑޯނިއާގެ ގިނަ ކުޅުންތެރިންތަކެއް ޑިފެންސަށް ފައިބައިގެން ކުޅޭތީ ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައި.

14 Jun 08:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

14 Jun 08:00

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ކޮޅުގައި އޮސްޓްރިއާގެ ކަލަޒިކް ޖެހި ބޯޅަ ނޯތު މެސަޑޯނިއާ ގޯލްކީޕަރު ޑިމިޓްރީވްސްކީ މަތަކުރި
  • އޮސްޓްރިއާއަށް ލީޑު ނަގައިދިނީ ލައިނާގެ ހިތްގައިމު ގޯލަކުން
  • ނޯތު މެސަޑޯނިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އުމުރުން 37 އަހަރުގެ ލެޖެންޑް ޕަންޑޭވް
14 Jun 07:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

14 Jun 07:42

މި މެޗުގައި އޮސްޓްރިއާގެ ލައިނާ، އޭނާގެ ގޯލު ހާއްސަކުރީ ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހަބަރު ހުސްވެގެން ރޭ ދަނޑުމައްޗަށް ވެއްޓުނު ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް. އެރިކްސަންއަށް މިހާރު ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި. އޭނާގެ ހާލު ސްޓޭބަލް ކަމަށް ޔޫއެފާ އިން މައުލޫމާތުދޭ.

14 Jun 07:38

އޮސްޓްރިއާގެ ގޯލަކީ ޔޫރޯއެއްގެ ފުރަތަމަ ހާފުގައި ފެނުނު އެޓީމުގެ ފުރަތަމަ ގޯލު. ޔޫރޯ 2008 އާއި ޔޫރޯ 2016ގައި އެޓީމުން ޖެހި ދެ ގޯލު ވެސް ފެނުނީ ދެވަނަ ހާފުގައި.

14 Jun 07:33

މިއީ ނޯތު މެސެޑޯނިއާގެ ފުރަތަމަ ޔޫރޯ. އަދި ޕަންޑޭވްގެ ގޯލަކީ ޔޫރޯގައި އެޓީމުން ޖެހި ފުރަތަމަ ގޯލު.

14 Jun 07:31

ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު ބެޗްމަން ވަނީ އެ ބޯޅަ ހޯދުމަށް މަސައްކަތްކޮށްފައި. ނަމަވެސް އޭނާ އަތުން އެ ބޯޅަ ވަނީ ދޫވެފައި. ޕަންޑޭވްއަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައި.

14 Jun 07:31

'28 - ނޯތު މެސަޑޯނިއާ އިން ނަތީޖާ ހަމަހަމަކޮށްފި. އޮސްޓްރިއާގެ ޑިފެންސަށް ހެދުނު ގޯހަކުން ނޯތު މެސެޑޯނިއާއަށް މި ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ގޯރާން ޕަންޑޭވް.

14 Jun 07:24

'22 - އޮސްޓްރިއާއަށް އިތުރު ފުރުސަތެއް. ސަބިޓްޒާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ގޯލަށް ފޮނުވާލި ހަމަލާ، ކީޕަރު ޑިމިޓްރިއެވްސްކީ ވަނީ މަތަކޮށްފައި.

14 Jun 07:21

'18 - އޮސްޓްރިއާ އިން ލީޑު ހޯދައިފި. ސަބިޓްޒާ ދިން ބޯޅައަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސްޓެފަން ލައިނާ. އޭނާ އެ ގޯލު ކާމިޔާބުކުރީ ނޯތު މެސެޑޯނިއާ ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހަނި އޭންގަލްއަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން.

14 Jun 07:11

8' މިހާތަނަށް އެއްވެސް ޓީމަކުން ހަމަލާއެއް އުފައްދާފައެއް ނުވޭ. ދެޓީމުންވެސް ފެންނަނީ ހަމަޖެހިލައިގެން ހަމަލާއަކަށް މަސައްކަތް ކުރާ މަންޒަރު.

14 Jun 07:11

އޮސްޓްރިއާގެ ކެޕްޓަން އަލާބާ ބަޔާން މިއުނިކަށް އާންމުކޮށް އަރިމަތިން ފަހަތަށް ނޫނީ މެދުތެރެއަށް ކުޅުނު ނަމަވެސް، ގައުމީ ޓީމުގައި ފެންނަނީ ސެންޓަ ބެކެއްގެ ރޯލުން. އޭނާ ވެގެންދާނި ޓީމުގެ ތަނބަށް.

14 Jun 07:01

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫރޯ 2020 ގެ ގްރޫޕް ސީގައި އޮސްޓްރިއާ އާއި ނޯތު މެސަޑޯނިއޯ ކުޅޭ މެޗަކީ ދެޓީމަށްވެސް މުހިއްމު ވާނެ މެޗެއް. ނޯތު މެސަޑޯނިއާ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗަކީ މިރޭގެ މެޗު ކަމަށްވާ އިރު، އޮސްޓްރިއާ ނުކުންނާނީ ޔޫރޯގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމުގެ ވިސްނުމުގައި. މެޗު ކުޅެވިގެންދާނީ ރޮމޭނިއާގެ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި.

ބުޗަރެސްޓް އަދި ނޭޝަނަލް އެރީނާގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ބުޗަރެސްޓް
ސްޓޭޑިއަމް : އެރީނާ ނޭޝިއޮނާލޭ
ސަޕޯޓަރުންގެ ޖާގަ: 55،600 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 13،000 (25 ޕަސެންޓް)

ބުޗަރެސްޓް
- ރޮމޭނިއާގެ ވެރިރަށް
- "މުކެލް ޕެރިސް" (ކުޑަކުޑަ ޕެރިސް)އެއްގެ ގޮތުގައި 1918-47 ވަނަ އަހަރަށް މަޝްހޫރު ސިޓީއެއް

އެރީނާ ނޭޝިއޮނާލޭ
- ކުރިން ގައުމީ ސްޓޭޑިއަމް އޮތް ތަނުގައި އިމާރާތް ކޮށްފައިވާ ސްޓޭޑިއަމެއް
- މައިކަލް ޖެކްޝަންގެ ދެ ކޮންސެޓެއް ކުރިން ހޯސްޓް ކުރި
- 2012 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ބިލްބާއޯ ވާދަކުރި މެޗު ބޭއްވި ސްޓޭޑިއަމް

މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ގައުމަކީ ނޯތު މެސެޑޯނިއާ. ނޯތު މެސެޑޯނިއާ އިން އަންނަނީ 1996 ވަނަ އަހަރުން ފެށިގެން ޔޫރޯ ކޮލިފައިންތަކުގައި ވާދަކުރަމުން. އެހެންނަމަވެސް މިއީ ގައުމުގެ ތާރީހުގައި ފުރަތަމަ ބޮޑު މުބާރާތެއް. ފުރަތަމަ ޔޫރޯވެސް މެ. އަނެއްކޮޅުން އޮސްޓްރިއާއަކީވެސް ޔޫރޯގައި މާ ކާމިޔާބު ޓީމެއް ނޫން. އޮސްޓްރިއާއިން 2008 ވަނަ އަހަރު އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި އޮސްޓްރިއާއިން ވާދަކުރި ނަމަވެސް އެޓީމަށް މިހާތަނަށް ޔޫރޯގައި މޮޅެއް ހޯދިފައެއް ނުވޭ.

މި ދެޓީމު މިހާތަނަށް ކުޅެފައި ވަނީ ވާދަވެރި ދެ މެޗެއް. އެ ދެމެޗުންވެސް މޮޅުވީ އޮސްޓްރިއާ.