ބްރޯޑްކާސްޓިން ކޮމިޝަން

ޕީއެސްއެމް އިން ކޮންޓެންޓް ގެނެސްދިނުގައި ވަކި ފަރާތަކަށް ބުރަވެފައިވޭ: ޝަހީބް

1

ދައުލަތުގެ މީޑިއާ، ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް) އިން ރިޔާސީ އިންތިހާބުގެ ތެރޭގައި ކޮންޓެންޓް ގެނެސްދިނިމުގައި ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކޮމް އިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ބްރޯޑްކާސްޓަރުން ގެނެސްދިން ކޮންޓެންޓްއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކުރައްވައިފައެވެ.

ޝަހީބު ވިދާޅުވީ ގިނަ ޗެނެލްތަކުން ވަކި ކެންޑިޑޭޓަކަށް ބުރަވެ، ކޮންޓެންޓް ގެނެސްދީފައިވާ ކަމަށާއި ޕަބްލިކް ސާވިސް ބްރޯޑްކާސްޓްކުރާ ދައުލަތުގެ މީޑިއާއަކީ ހާއްސަ މަސްއޫލިއްތެއް އަދާކުރާ ފަރާތެއްކަން ދެނެތިބެ ވެސް ކޮންޓެންޓް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށް ބްރޯޑްކޮމްގެ ދިރާސާއިން ދައްކާ ކަމަށެވެ.

"މި ރިޕޯޓްގެ ދިރާސާއިން ދައްކާގޮތުގައި ގިނަ ޗެނެލްތަކުން ވަކި ކެންޑިޑޭޓަކަށް ބުރަވެ، ކޮންޓެންޓް ގެނެސްދީފައިވޭ. އިންތިހާބީ ކަންކަމާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓްކުރާ ދައުލަތުގެ މީޑިއާއަކީ ހާއްސަ މަސްއޫލިއްތެއް އަދާކުރާ ފަރާތެއްކަން ދެނެތިބެ، އިންތިހާބާ ބެހޭ ކަވަރޭޖް ވަކި ފަރާތަކަށް ބުރަވުމެއް ނެތި ސިޔާސީ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތު، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެނެސްދިނުމާއި ވޯޓުލާ މީހުން ހޭލުންތެރި ކުރުމަށްޓަކައި މައުލޫމާތު ސައްހަކަމާމެދު ދެ ފުށް ފެންނަ އުސޫލެއްގެ މަތިން ގެނެސްދީފައި ނުވާކަން އަޅުގަނޑުމެންނަށް މި ދިރާސާއިން ފާހަގަކުރެވުނު. މީގެ އިތުރުން ރީ ބްރޯޑްކާސްޓިން ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން،" ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އެކުލަވާލި އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ހާއްސަކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް އަމަލުކުރަން ފެށުމާއެކު އެ އުސޫލުގެ ދަށުން ބްރޯޑްކާސްޓަރުން ކެންޑިޑޭޓުންނަށް ޑިރެކްޓް އެކްސެސް ދިނުމާ ބެހޭ އުސޫލުތަކެއް ހަމަޖެހިގެންދިޔަ ކަމަށެވެ.

"ނުވަ ޗެނަލަކުން ގެނެސްދޭ ކޮންޓެންޓްތައް ސިކުންތުން ސިކުންތައް ބަލައި، ދައުލަތުގެ މުއައްސަސާތަކާއި އިލެކްޝަންސް ކޮމިޝަނާއި ގުޅޭގޮތުން ގެނެސްދިން ކޮންޓެންޓުގައި ޕޮސިޓިވް ނެގެޓިވް ނުވަތަ ނިއުޓްރަލް ހުރިގޮތް ދެނެގަނެ ވަގުތުގެ ދިގުމިން ނޯޓުކޮށް ޖުމްލަކޮށް ދިރާސާކޮށްގެން. ކޮމާޝަލް ޗެނެލްތަކުން ކެންޑިޑޭޓުންނަށް ވަގުތު ވިއްކުމަށް ކަނޑައެޅި އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ކަމުން ޗެނެލްތަކުން ރިޔާސީ ކެންޑިޑޭޓުން، ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ވަގުތު ގަތުމަށް ނުވަތަ ހޯދުމަށްޓަކައި ހުށަހަޅާފައި ނުވުމުގެ ސަބަބުން ޑިރެކްޓް އެކްސެސްގެ މަގްސަދު ހާސިލްވެފައި ނުވާކަން ހިތާމައާއެކު އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟