ޔޫރޯ 2020

ޔޫރޯ: އިންގްލެންޑް 1-0 ކްރޮއޭޝިއާ

14 Jun 05:55

މެޗުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނުނީ އިންގްލެންޑް
  • ސްޓާލިންނަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެފައި
  • ފޮޑެން ކުރީކޮޅުގައި ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށް
  • ފިލިޕްސް ދުރުން ފޮނުވާލި ހަމަލާ މަތަކުރީ ކްރޮއޭޝިއާ ގޯލްކީޕަރު
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ސްޓާލިން އިންގްލެންޑަށް ލީޑު ނަގައިދިން
  • އޭގެ ފަހުން މައުންޓްގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެން ދިޔަ
  • ކޭންއަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭނުން ނުކުރެވިފައި
14 Jun 05:52

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.

14 Jun 05:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

14 Jun 05:35
މުޙައްމަދު ޝަމްޢޫން

ލީޑާއެކު އިންގްލެންޑުން މި ފެންނަނީ ވަރަށް ބޮޑަށް ފަހަތަށް ސަމާލުކަން ދީގެން ކުޅެމުންދާތަން. އެހެންނަމަވެސް އެއީ ރިސްކީ ކުޅުމެކޭ ބުނެވިދާނެ. ހާއްސަކޮށް ކްރޮއޭޝިއާ ކަހަލަ ޓީމަކަށް ޖާގަ ދީފިނަމަ ނުރައްކާ ކުރާނެ. އިންގްލެންޑުން ދެވަނަ ގޯލެއް ނުޖަހައި މެޗު ނިންމާލަން ވިސްނައިފިނަމަ ކްރޮއޭޝިއާ ނުރައްކާ ކުރާނެ ކަމަށް ބެލެވޭ.

14 Jun 05:26

'66 - އިންގްލެންޑުގެ ހަމަލާއެއް. މައުންޓް ފޮނުވާލި ހިލޭ ޖެހުން، ހުރަސް ދަނޑީގެ ކުޑަ ތަންކޮޅެއް މަތިން ބޭރަށް.

14 Jun 05:13

މިއީ 17 މެޗުން ސްޓާލިން އިންގްލެންޑަށް ކާމިޔާބުކޮށްދިން 13 ވަނަ ގޯލު.

14 Jun 05:13

'57 - އިންގްލެންޑުން ލީޑު ނަގައިފި. ފިލިޕްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން.

14 Jun 05:11

'54 ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މޮޑްރިޗް ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ޕިކްފޯޑާ ދިމާއަށް. އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

14 Jun 05:04

'47 މައުންޓަށް ކުރި ފައުލަކާ ގުޅިގެން ކްރޮއޭޝިއާގެ ކޮވަސިޗްއަށް ރީނދޫ ކާޑެއް.

14 Jun 05:01

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

14 Jun 04:54

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނުނީ އިންގްލެންޑް
  • ސްޓާލިންނަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެފައި
  • ފޮޑެން ކުރީކޮޅުގައި ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށް
  • ފިލިޕްސް ދުރުން ފޮނުވާލި ހަމަލާ މަތަކުރީ ކްރޮއޭޝިއާ ގޯލްކީޕަރު
14 Jun 04:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

14 Jun 04:44

'42 ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ކަލެޓާ ކާ، ބޯޅައިގައި އަތްލުމުން އޭނާއަށް ރީނދޫ ކާޑެއް. އިންގްލެންޑަށް ހިލޭ ޖެހުމަށް. ޓްރިޕިއާގެ ހިލޭ ޖެހުން ކްރޮއޭޝިއާގެ ވޯލުގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

14 Jun 04:38

ދެ ޓީމުން ވެސް ކުޅެމުންދަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން. އެޓޭކުގައި ބައިވެރިވުމަށްފަހު ދެ ޓީމުން ވެސް ގިނަ ކުޅުންތެރިން ޑިފެންސްގައި ބައިވެރިވޭ.

14 Jun 04:32

މިހާރު މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން އަންނަނީ ކްރޮއޭޝިއާ އިން. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

14 Jun 04:30

ހުރަސްތަކެއް ނަގައި އިންގެލެންޑުގެ ގޯލަށް ނުރައްކާކުރުމަށް ކްރޮއޭޝިއާ އިން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް މާބޮޑު ނުރައްކަލެއް ކުރިމަތިކުރެވިފައެއް ނުވޭ.

14 Jun 04:27
މުޙައްމަދު ޝަމްޢޫން

ފުރަތަމަ 20 ވަރަކަށް މިނެޓްގައި ފެނިގެން ދިޔައީ އިންގްލެންޑްގެ ހަމަލާތައް. އެހެންނަމަވެސް އެޓީމަށް ހަމަލާތަކުގެ ބޭނުން އެކްށީގެންވާ ގޮތެއްގައި ނުކުރެވި ދިޔަކަން ފާހަގަވި. ގިނަ ހަމަލާތަކެއް ބޭކާރުވަމުންދާނަމަ ގޯލެއް ޖެހުމަށް ޕްރެޝަރު ބޮޑުވެ، ގޭމްޕްލޭނަށް އަސަރުކުރުން އެކަށީގެންވޭ. އަވަހަށް ގޯލެއް ޖެހުން އިންގްލެންޑަށް މުހިއްމު. އެހެން ނޫންނަމަ މެޗުގެ އޮއިވަރު ބަދަލުވާނެ.

14 Jun 04:23

19' އިންގްލެންޑުން އަނެއްކާވެސް ފުރުސަތެއް ބޭކާރު ކޮށްލައިފި. ސްޓާލިންއަށް އޭރިއާ ތެރެއިން ހުސްކޮށް ބޯޅަ ލިބުނު ނަމަވެސް ލަސްކުރުމުން ރަނގަޅަށް ބޯޅަ ފޮނުވައިލެވޭ ގޮތެއް ނުވި.

14 Jun 04:19

16' ކޭންއަށް ރަނގަޅު ފުރުސަތެއް. ކެލްވިން ފިލިޕްސް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިގައި ބޮލުން ޖެއްސޭތޯ މަސައްކަތް ކުރި ނަމަވެސް ބޯޅަ ދިޔައީ ކުޑަ ތަންކޮޅެއް މަތިން.

14 Jun 04:16

މެޗަށް އިންގްލެންޑުން ނެގި ސްކޮޑުގައި ޖޯޑަން ސަންޗޯއާއި ބެން ޗިލްވެލްވެސް ހިމަނާފައެއް ނުވޭ. އެ ދެ ކުޅުންތެރިންނަކީވެސް މެޗުގެ ފުރަތަމަ 11 އިން ޖާގަ ލިބޭނެ ކަމަށް ކުރިން ބެލެވިފައި އޮތް ދެކުޅުންތެރިން.

14 Jun 04:12

9' އަަނެއްކާވެސް އިންގްލެންޑްގެ ހަމަލާއެއް. ކެލްވިން ފިލިޕްސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރު އަތަށް. އިންގްލެންޑުން ދަނީ ގިނަ އެޓޭކްތަކެއް ކުރަމުން.

14 Jun 04:12

6' އިންގްލެންޑުން ލީޑު ނެގުމާ ގާތަށް. ފޮޑެންގެ ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށް. ފޮޑެން ހަމަލާ އުފެއްދީ ސްޓާލިންގެ ޕާހަކުން.

14 Jun 04:02

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި ކްރޮއޭޝިއާ ވާދަކުރާ މި މެޗަކީ މުބާރާތުގައި މިހާތަން ފެންނާނެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށް ވާނެ. ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި. މުބާރާތުގެ ފައިނަލްވެސް ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއީ އެ ސްޓޭޑިއަމްގައި ކުޅޭނެ ފުރަތަމަ މެޗު.

ވެމްބްލީއާއި ލަންޑަންގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ލަންޑަން
ސްޓޭޑިއަމް : ވެމްބްލީ
ސަޕޯޓަރުންގެ ޖާގަ: 90،000 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 22،500 މީހުން (25 ޕަސެންޓް) ފައިނަލާއި ސެމީ ފައިނަލް މެޗުތަކަށް އިތުރު ކުރެވޭނެ

ލަންޑަން
- ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ސިޓީ، އަހަރަކު ގާތް ގަނޑަކަށް 31،2 މިލިއަން ފަތުރުވެރިން ލަންޑަނަށް ޒިޔާރަތް ކުރޭ
- 9 މިލިއަން މީހުން ދިރިއުޅޭ ލަންޑަނަކީ އިނގިރޭސި ރާނީގެ ހޯމް ސިޓީ
- ލަންޑަންގައި ތިން އަހަރު އޮލިމްޕިކްސް ބޭއްވި، އެއީ 1908، 1948 އަދި 2012

ވެމްބްލީ
- ޔޫކޭގެ އެންމެ ބޮޑު ސްޓޭޑިއަމް
- އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ހޯމް ސްޓޭޑިއަމް
- 2007 ވަނަ އަހަރު ރީބްރޭންޑްކޮށް ހުޅުވިފަހުންވެސް 21 މިލިއަން މީހުން ވަނީ ސްޓޭޑިއަމް ބެލުމަށް ޒިޔާރަތް ކޮށްފައި
- ޔޫރޯގެ ސެމީ ފައިނަލް ދެމެޗާއި ޝަރަފުވެރި ފައިނަލް ކުޅޭނެ ސްޓޭޑިއަމް
- ޔޫރޯގައި މެޗުތައް ކުޅޭނެ އެންމެ ބޮޑު ސްޓޭޑިއަމް

އިންގްލެންޑާއި ކްރޮއޭޝިއާއަކީ އެއް ފަންތިއެއްގެ ވާދަވެރި ދެޓީމު. މިހާތަނަށް 10 މެޗު އެ ދެޓީމު ކުޅެފައިވާ އިރު، އިންގްލެންޑުން ވަނީ ފަސް މެޗު ކާމިޔާބުކޮށްފައި. ކްރޮއޭޝިއާއަށް އިންގްލެންޑް އަތުން ތިން ފަހަރު މޮޅުވެވިފައިވޭ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗު. ކްރޮއޭޝިއާއިން އެ މެޗުގައި އިންގްލެންޑް ބަލިކުރީ އިތުރު ވަގުތުގައި ގޯލް ޖަހައިގެން. އޭގެ ފަހުން ނޭޝަންސް ލީގުގައި ކުޅުނު މެޗު ކާމިޔާބުކުރީ އިންގްލެންޑުން.