ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެޔަށް ބަދަލުކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.
އަދީބު ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާތީ ފުރާނައަށް ނުރައްކާވެދާނެ ކަމަށްބުނެ ގޭ ބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށް އަދީބުގެ ފަރާތުން އެދިފައި ވަނީ އިއްޔެ ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލައަކީ އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައެޅުމުން އަދީބުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
ހައި ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުމްގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ވިދާޅުވީ، އެ މައްސަލަ ނިމެންދެން އަދީބު މިވަގުތު ގޭގައި ބެހެއްޓުމުގެ އަމުރު ނެރެންޖެހޭ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.
އަދި އަމުރު ނެރުމުގެ ކުރިން މައްސަލައާ ގުޅިގެން ދެފަރާތަށްވެސް ވާހަކަދައްކަން ފުރުސަތު ދެއްވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ވަގުތީ އަމުރެއް ނެރެންޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށެވެ. އަދި އަދީބު ގޭގައި ބެހެއްޓުމަށްފަހު ޖަލަށް ބަދަލުކުރީ އިތުރަށް ގޭގައި ބަހައްޓަން ޑޮކްޓަރުން ލަފާދީފައި ނުވާތީ ކަމަށާއި އަދީބު ޖަލުގައި ހުންނަވަނީ ޕީއައިޕީ ގޮޅިއެއްގައި ކަމަށެވެ.
އަދި އެ ގޮޅީގައި ޓީވީ ބެލެން ހުންނައިރު ކޮންމެ ދުވަހަކު އަދީބުގެ ސިއްހީ ހާލަތު ބެލުމަށް ނަރުހަކު ހަމަޖައްސާފައިވާ ކަމަށާއި ހާލު ގޯސްވެއްޖެނަމަ، އެހީތެރިވުމަށް އެ ގޮޅީގައި އިތުރު ގައިދީއަކުވެސް ބަހައްޓާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ އަދީބުއަށް އެހީތެރިވުމަށް އަދީބު ހުންނަވާ ގޮޅިއަށް ލާފައިވަނީ ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދާ 60 އަހަރުން މަތީގެ މީހެއް ކަމަށެވެ.
އެހެންކަމުން އަދީބަށް ސިއްހީ ކަމެއް ދިމާވި ނަމަވެސް އެއުމުރުގެ މީހަކަށް އަދީބަށް އެހީތެރި ނުވެނޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.