ޔޫރޯ 2020

ޔޫރޯ: ބެލްޖިއަމް 3-0 ރަޝިއާ

13 Jun 11:56

މެޗުގެ އުސްއަލިތައް:

  • ބެލްޖިއަމްގެ އެންމެ މުހިންމު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ، އަނިޔާގެ ސަބަބުން މެޗުގައި ފެނިފައެއް ނުވޭ.
  • މެޗުގެ ދިހަވަނަ މިނެޓުގައި ބެލްޖިއަމަށް ލީޑު ހޯދައިދިނީ ލުކާކޫ.
  • މެޗުގެ 34 ވަނަ މިނެޓުގައި ބެލްޖިއަމަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުނިއޭ.
  • މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ބެލްޖިއަމަށް ތިން ގޯލުގެ ލީޑެއް ހޯދައިދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ލުކާކޫ.
  • މެޗުގައި ބެލްޖިއަމުން ތިން ގޯލު ޖެހި ނަމަވެސް، އެޓީމުގެ އެންމެ ވަރުގަދަ ކުޅުން ފެނިފައެއް ނުވޭ.
13 Jun 11:53

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެން.

13 Jun 11:50

ލުކާކޫ އެ ގޯލު ޖެހީ މުނިއޭ ދިން ތުރީ ބޯޅައެއް ހިފައިގެން ރަޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން.

13 Jun 11:49

'88 - ބެލްޖިއަމުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ޖަހައިދިން ލުކާކޫ.

13 Jun 11:35

72' ބެލްޖިއަމުން މޭޓެންސްގެ ބަދަލުގައި އެޓީމުގެ ތަރި އެޑެން ހަޒާޑް ކުޅެން އަރުވައިފި.

13 Jun 11:34

ބެލްޖިއަމްގެ ފަރާތުން ފެނިގެންދަނީ ހަމަޖެހިލައިގެން ޑިފެންސަށް ވިސްނައިގެން ކުޅޭ މަންޒަރު.

13 Jun 11:16

ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ވަރުގަދަކޮށް ފެނިގެންދިޔައީ ރަޝިއާ. އެޓީމުން ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވޭ.

13 Jun 11:06

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

13 Jun 10:53

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ބެލްޖިއަމްގެ ފުރަތަމަ 11ގައި ކެޕްޓަން އެޑެން ހަޒާޑް ހިމަނައިފައެއް ނުވޭ.
  • ބެލްޖިއަމްގެ އެންމެ މުހިންމު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވެސް އަނިޔާގެ ސަބަބުން ސްކޮޑުގައި ހިމަނައިފައެއް ނުވޭ.
  • މެޗުގެ ދިހަވަނަ މިނެޓުގައި ބެލްޖިއަމްއަށް ލީޑު ހޯދައިދިނީ ލުކާކޫ.
  • މެޗުގެ 34 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުނިއޭ.
  • ބެލްޖިއަމުން ދެ ގޯލުގެ ލީޑެއް ހޯދި ނަމަވެސް، އެޓީމުގެ އެންމެ ވަރުގަދަ ކުޅުން ފެނިފައެއް ނުވޭ.
13 Jun 10:50

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމުނު އިރު، 2-0ގެ ނަތީޖާއަކުން ކުރީގައި އޮތީ ބެލްޖިއަމް.

13 Jun 10:48

'45 - ބެލްޖިއަމްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކަރަސްކޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ރަޝިއާ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

13 Jun 10:36

'34 - ބެލްޖިއަމުން ލީޑު ފުޅާކޮށްފި. ތޯގަން ހަޒާޑް ނަގައިދިން ބޯޅައެއް ކީޕަރު ޝުނިންއަށް ރަނގަޅަށް ދިފާއު ނުކުރެވި، ލިބުނު ރީބައުންސް ބޯޅައަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުނިއޭ. އޭނާ އެ ގޯލު ޖެހީ ރަޝިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން.

13 Jun 10:29

ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބެލްޖިއަމްގެ ކަސްޓަނީ ބަދަލުކޮށްފި. ކުޅެން ނުކުތީ ތޯމަސް މުނިއޭ.

13 Jun 10:26

'22 - ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް. ކަރަސްކޯ ދިން ބޯޅައަކުން ރަޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ތޯގަން ހަޒާޑް ފޮނުވާލި ބާރު ހަމަލާ، ކީޕަރު ޝުނިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

13 Jun 10:18

ބެލްޖިއަމުން ލީޑު ހޯދި ނަމަވެސް، އެޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ. ބެލްޖިއަމްގެ ގޯލާއެކު ރަޝިއާ އިން އަންނަނީ ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

13 Jun 10:12

ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، ލުކާކޫ ހުރީ ވަރަށް ހުސްކޮށް. ރަޝިއާގެ ގޯލުގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލީ ހަމަޖެހިލާފައި.

13 Jun 10:11

'10 - ބެލްޖިއަމުން ލީޑު ނަގައިފި. ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ.

13 Jun 10:08

އަނިޔާގެ ސަބަބުން މި މެޗުން ބެލްޖިއަމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ކެވިން ޑި ބްރޭނާ ނުފެންނާނެ. އަދި އެޓީމުގެ ކެޕްޓަން އެޑެން ހަޒާޑު ވެސް އިނީ ބެންޗުގައި. ބެލްޖިއަމްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުންދަނީ ޑިފެންޑަރު ވާޓޮންގެން.

13 Jun 10:01

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ބީގެ ދެވަނަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ފިންލޭންޑް ނުކުތީ ޑެންމާކާ ދެކޮޅަށް. އެ މެޗުގެ ތެރެއިން ދިމާވި މެޑިކަލް އެމަޖެންސީއަކާއެކު ކުޅުން މެދުކަނޑާލާފައި ބޭއްވުމަށްފަހު ފެށީ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން. އަދިވެސް މެޗުގެ ކުޅުން ދަނީ ކުރިއަށް. ބެލްޖިއަމް ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.

ސްޓޭޑިއަމްއާއި ސިޓީގެ ބައެއް މައުލޫމާތު

ސިޓީ: ސެއިންޓް ޕީޓާސްބާގް
ސްޓޭޑިއަމް: ކްރެޓޮވްސްކީ ސްޓޭޑިއަމް
ސަޕޯޓަރުންގެ ޖާގަ: 68،134 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،067 މީހުން (50 ޕަސެންޓް)

ސެއިންޓް ޕީޓާސްބާގް
- މޮސްކޯއަށްފަހު ރަޝިޔާގެ އެންމެ މަގުބޫލު ސިޓީ
- ހޫނު މޫސުމުގައި ހިތްގައިމު ސިޓީއެއް، 342 ފާލަމާއެކު މަލަމަތި ޗާލު ސިޓީއެއް

ކްރެސްޓޯވްސްކި ސްޓޭޑިއަމް
- އޭޕްރީލް 2017 އިން ފެށިގެން ރަޝިޔާ ލީގުގެ ޒެނިތުގެ ހޯމް ސްޓޭޑިއަމް
- 2018 ވަނަ އަހަރު ވޯލްޑް ކަޕް ހަތް މެޗު ކުޅުނު
- ޑިޒައިން ކޮށްފައި ވަނީ ޖަޕާނުގެ އާކިޓެކްޓް ކިޝޯ ކުރޮކާވާ

ތާރީހު ބުރަވަނީ ބެލްޖިއަމް ކޮޅަށެވެ. މިހާތަނަށް ރަޝިއާއާއި ބެލްޖިއަމް ކުޅުނު ހަތް މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި ރަޝިއާ މޮޅުވެފައެއް ނުވެއެވެ. ދެ މެޗު އެއްވަރުވެގެން ނިމުނު އިރު، ބެލްޖިއަމް ވަނީ ފަސް މެޗު ކާމިޔާބުކޮށްފައެވެ. ކޮލިފައިންގައި ބެލްޖިއަމްއިން ރަޝިއާއާ ދެކޮޅަށް 2019 ވަނަ އަހަރު ކުޅުނު މެޗު 4-1 އިން ކާމިޔާބު ކުރީ ބެލްޖިއަމްއެވެ. އެއީ އެ ދެޓީމު އެންމެފަހުން ކުޅުނު މެޗެވެ.