މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'86 - ސްވިޒަލެންޑްގެ ގަވްރަނޮވިޗް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އޭނާ އޮފްސައިޑް ކަމަށް.
'75 - ވޭލްސް އިން ނަތީޖާ ހަމަހަމަކޮށްފި. މޮރެލް ނަގައިދިން ހުރަހަކުން ވޭލްސްއަށް އެ ގޯލު ޖަހައިދިނީ މޫ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސްވިޒަލެންޑްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.
'65 - ސްވިޒަލެންޑް ފޯވަޑް އެމްބޯލޯގެ އިތުރު ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ވޭލްސްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'63 - ޑެނިއެލް ޖޭމްސްއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑުގެ އެމްބާބޫއަށް ރީނދޫ ކާޑެއް.
ސްވިޒަލޭންޑަށް މި ލިބުނީ ވަރަށް ބޮޑު ހިތްވަރެއް. އެޓީމުން ފުރަތަމަ ހާފުގެ ބޮޑު ބައެއްގައިވެސް މޮޅަށް ކުޅެ ހަމަލާތައް އުފެއްދި، އެހެން ނަމަވެސް ހާފް ނިންމާލަން ޖެހުނީ ގޯލެއް ނުޖެހި. ހާފް ޓައިމްގައި ކޯޗުގެ އިރުޝާދަކަށް ޔަގީނުންވެސް ވާނީ ކުޅުން ހިފަހައްޓައި ގޯލެއް ޖެހުން. ޓީމުން އެކަން އެކުރީ މާ ގިނައިރެއް ނުވެ، ފަހަތުން އަރަން ވޭލްސްއަށް އުނދަގޫވާނެ ކަމަށް ބެލެވޭ.
'60 - ވޭލްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ބެން ޑޭވިސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑުގެ ކުޅުންތެރިއެއް ގައިގައި ޖެހި، ކޯނަރަކަށް ވަނީ ބޭރުވެފައި.
ސްވިޒަލެންޑުން ގޯލު ޖެހުމާއެކު ވޭލްސްގެ ފަރާތުން މިހާރު ފެންނަނީ އެޓޭކިން ކުޅުމެއް. ނަމަވެސް ސްވިޒަލެންޑުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. ވޭލްސްގެ އެޓޭކުން އެންމެ އިސްކޮށް ފެންނަނީ ކެޕްޓަން ގެރެތު ބޭލް އާއި އާރޮން ރަމްސީ އަދި ޑެނިއެލް ޖޭމްސް.
އެމްބޯލޯ އެ ގޯލު ކާމިޔާބުކުރީ ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.
'49 - ސްވިޒަލެންޑުން ލީޑު ހޯދައިފި. ޝަގީރީ ނަގައިދިން ކޯނަރަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެމްބޯލޯ.
'48 - ސްވިޒަލެންޑަށް ރަނގަޅު ފުރުސަތެއް. ވޭލްސްގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު އެމްބޯލޯ ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ވާޑް ވަނީ މަތަކޮށްފައި.
'47 - ޝާއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސްގެ ކިއެފާ މޫ އަށް ރީނދޫ ކާޑެއް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ވޭލްސްއިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ސްވިޒަލެންޑަށް ހުސް ފުރުސަތެއް. އެމްބޯލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސެފެރޮވިޗް ފޮނުވާލި ހަމަލާ ވޭލްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'44 - ޝަގީރީގެ ހިލޭ ޖެހުން ނުރައްކާވުމުގެ ކުރިން ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޭލް، ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފި.
ވޭލްސް އިން މިހާރު ކުޅެމުން ދަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ކުޅުމެއް. ސްވިޒަލެންޑްގެ އެޓޭކް ފެންނަނީ ވަރުގަދަކޮށް.
'42 - އެމްބާބޫއަށް ބެން ޑޭވީސް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑަށް ހިލޭ ޖެހުމެއް.
'40 - ސްވިޒަލެންޑްގެ ސެފެރޮވިޗްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
ބަކޫ ފެންނަނީ ހޫނު ގަދަކޮށް. ކުޅުންތެރިންގެ ފަރާތުން ހޫނުވުމުގެ އަސަރު ކޮންމެވެސް ވަރަކަށް އެބަފެނޭ. ހޫނަށް ހޭނި މެޗު ކޮންޓްރޯލް ސްވިޒަލޭންޑުން މިހާރު ވަނީ ވަރަށް ބޮޑަށް ހޯދާފައި. އެޓީމުގެ ޕާސްތައް އެކުވެ، ހަމަލާތައް އުފައްދާތަން ފެނިގެން އެބަދޭ. ހާއްސަކޮށް ޝަގީރީގެ ބޭނުންކޮށް ވޭލްސް ހުޅުވާލުމަށް ސްވިޒަލޭންޑުން މަސައްކަތް ކުރާކަން ފާހަގަވެގެންދޭ.
'30 - ޖޭމްސްއަށް ކުރި ފައުލަކާ ގުޅިގެން ޝާއަށް ރީނދޫ ކާޑެއް. ބޭލް ފޮނުވާލި ހިލޭ ޖެހުމުން ވޭލްސްއަށް ނުރައްކާ ކުރެވިފައެއް ނުވޭ.
'27 - ސްވިޒަލެންޑުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސެފެރޮވިޗް ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'20 - ސްވިޒަލެންޑަށް ފުރުސަތެއް. ޝަގީރީ ދިން ބޯޅައަކުން ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށް ޝާ ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ވާޑް ވަނީ މަތަކޮށްފައި.
'14 - ވޭލްސްގެ ނުރައްކާތެރި ހަމަލާއެއް. ޖޭމްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ މޫ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައް ނުވޭ. ދެ ޓީމުން ވެސް ކުޅެމުންދަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްވިޒަލެންޑުން.
ޔޫރޯ 2020 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ގްރޫޕުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ ވަނީ 3-0 އިން ތުރުކީ ބަލިކޮށްފައި. ވޭލްސްއާއި ސްވިޒަލޭންޑް މިއަދުގެ މެޗަށް ނުކުންނާނީ އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި.
ސިޓީ: ބަކޫ
ސްޓޭޑިއަމް: އޮލިމްޕިކް ސްޓޭޑިއަމް
ސަޕޯޓަރުންގެ ޖާގަ: 68،700 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،350 މީހުން (50 ޕަސެންޓް)
ބަކޫ
- އަޒަރުބައިޖާންގެ ވެރިރަށް
- ދުނިޔޭގެ އެންމެ ތިރި ވެރިރަށް، އެ ސިޓީއަކީ މޫދު ލެވެލްއަށްވުރެ 28 މީޓަރު ތިރި ސިޓީއެއް
- ޔުނެސްކޯގެ ހެރިޓޭޖް ސައިޓުގައި ހިމެނޭ މައިޑެން ޓަވަރާއި ޝިރްވަންޝާހްސް ގަނޑުވަރަކީ މަގުބޫލު ބިނާތައް
އޮލިމްޕިކް ސްޓޭޑިއަމް
- 2019 ވަނަ އަހަރު ޔޫރޮޕާ ލީގު ފައިނަލް ކުޅުނު ސްޓޭޑިއަމް، ވާދަކުރީ ޗެލްސީއާއި އާސެނަލް
- އަޒަރުބައިޖާން ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ވޭލްސްއާއި ސްވިޒަލޭންޑް ވަނީ ވާދަވެރި މެޗުތަކުގައި ކުރިމަތިލައިފައެވެ. އެ ރެކޯޑަށް ބަލާއިރު ކުރި ލިބެނީ ސްވިޒަލޭންޑަށެވެ. ހަތް މެޗުގެ ތެރެއިން ފަސް މެޗު ސްވިޒަލޭންޑް ކާމިޔާބުކޮށްފައިވާ އިރު، ވޭލްސްއަށް ކާމިޔާބު ކުރެވުނީ ދެ މެޗެވެ. މިހާތަނަށް ސްވިޒަލޭންޑުން ވޭލްސް ކޮޅަށް އެކިއެކި މެޗުތަކުގައި 16 ގޯލް ޖެހި އިރު، ވޭލްސްއަށް ސްވިޒަލޭންޑް ކޮޅަށް ޖެހިފައި ވަނީ އެންމެ ހަ ގޯލެވެ. ވޭލްސްއާއި ސްވިޒަލޭންޑް އެންމެފަހުން ބައްދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު ކުޅުނު ޔޫރޯ ކޮލިފިކޭޝަން މެޗެއްގައެވެ. އެ މެޗުން ވޭލްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.