ޔޫރޯ 2020

ޔޫރޯ: ތުރުކީ 0-3 އިޓަލީ

12 Jun 11:52

މެޗުގެ އުސްއަލިތައް:

  • މިއީ އިޓަލީއަށް ވަރުގަދަ ފެށުމެއް
  • ފުރަތަމަ ހާފުގައި އިޓަލީން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ނިންމާލަން ޖެހުނީ ގޯލެއް ނުޖެހި
  • މެޗުގައި އިޓަލީގެ ފޯވަޑް ލައިނުގައި އިމޯބިލޭއާއި އިންސީނިއާ ދެއްކި ކުޅުން ފާހަގަކޮށްލެވޭ
  • ދެވަނަ ހާފުގައި އިޓަލީ ލީޑު ނެގީ ތުރުކީ ޑިފެންޑަރު މެރިހް ޑެމިރަލް އަތުން ބައިކޮޅަށް ވަން ގޯލަކުން
  • އިޓަލީގެ ދެވަނަ ގޯލު 66 ވަނަ މިނެޓުގައި ޖަހައިދިނީ އިމޯބިލޭ
  • ތިންވަނަ ގޯލް ޖެހީ އިންސީނިއާ
12 Jun 11:51

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

12 Jun 11:48

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

12 Jun 11:38

'79 - އިޓަލީން ތިން ގޯލުގެ ލީޑެއް ހޯދައިފި. އިޓަލީއަށް އެ ގޯލު ޖަހައިދިނީ އިންސީނިއޭ. އޭނާ އެ ގޯލު ކާމިޔާބުކުރީ އިމޯބިލޭ ދިން ބޯޅައަކުން ތުރުކީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން.

12 Jun 11:25

'66 - އިތުރު ގޯލެއް ޖަހައި، އިޓަލީން ލީޑު ފުޅާކޮށްފި. އިޓަލީއަށް އެ ގޯލު ޖަހައިދިނީ އިމޯބިލޭ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކީޕަރު ފުރަތަމަ ހަމަލާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން.

12 Jun 11:14

'53 - އިޓަލީގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިޓަލީގެ ސްޕިނަޒޯލާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ތުރުކީގެ ކީޕަރު އުޖާން ޗެކަރް.

12 Jun 11:12

'52 - އިޓަލީން ލީޑު ހޯދައިފި. އެ ލަނޑަކީ ތުރުކީގެ ޑިފެންޑަރު މެރީހް ޑެމިރާލް އަތުން ބައިކޮޅަށް ވަން ލަނޑެއް. އިމޯބީލޭ ނަގައިދިން ބޯޅަ، ބައިކޮޅަށް ވަދެފައިވަނީ ޑެމިރޭލްގެ ގައިގައި ޖެހިފައި.

12 Jun 11:10

'51 - ކައުންޓާ އެޓޭކެއްގައި ތުރުކީގެ ހަމަލާއެއް. ތުރުކީގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން އިޓަލީގެ ހާފުގެ ތެރެއަށް ވަދެ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ތުރުކީގެ ހަލުވި ފޯވަޑް އުންޑާ ފޮނުވާލި ހަމަލާ އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ މަތަކޮށްފައި.

12 Jun 11:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިޓަލީން.

12 Jun 10:57

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނުނީ އިޓަލީ
  • އިމޯބިލޭއާއި އިންސީނިއާއަށް ލިބުނު ފުރުސަތުތައް ފާހަގަވެގެން ދިޔަ
  • ޗިއެލީނީގެ ނުރައްކާ ކޯނަރުތަކުން ފެނިގެން ދިޔަ
  • ދެވަނަ ހާފުގައި ގޯލު ފެނުން އެކަށީގެންވޭ
12 Jun 10:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

12 Jun 10:45

'43 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިމޯބިލޭ ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު އުޖާން ޗެކަރް ވަނީ މަތަކޮށްފައި. އޭނާ ކުރިމަތީ ކުޅުންތެރިންތަކެއް ތިބި ނަމަވެސް، ކީޕަރު ހުރީ އެ ބޯޅައަށް ވަރަށް ވިސްނައިގެން.

12 Jun 10:38

އިޓަލީން ތުރުކީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކީޕަރު އުޖާން ޗެކަރް ފެންނަނީ ހުޝިޔާރުކޮށް.

12 Jun 10:37

'36 - އިޓަލީގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިންސީނިއޭ ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު އުޖާން ޗެކަރް ވަނީ މަތަކޮށްފައި.

12 Jun 10:33

'32 - އިޓަލީގެ ހަމަލާއެއް. ބެރާޑީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިމޯބީލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ތުރުކީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

12 Jun 10:28
މުޙައްމަދު ޝަމްޢޫން

ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން މިދަނީ ފުރަތަމަ މެޗުގެ ޕްރެޝަރު. ވަރަށް އަވަސް ޕާސްތަކެއް ޖަހައިގެން ކުޅެން މަސައްކަތް ކުރާތަން އެބަފެނޭ. މިހާތަނަށް ފެނުނު ފެނުމުގައި ނުރައްކާތެރިކޮށް ފެންނަނީ އިޓަލީން. އަމިއްލަ ގައުމުގައި ކުޅުމަކީ އިޓަލީއަށް ލިބޭނެ ހިތްހަމަ ޖެހުމެއް.

12 Jun 10:24

'22 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކިއެލީނީ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތުރުކީގެ ކީޕަރު އުޖާން ޗެކަރް.

12 Jun 10:20

'19 - ތުރުކީގެ ޕެނަލްޓީ އޭރިއާ ބޭރުން އިޓަލީގެ ބޮނޫޗީ ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒެއް ނުވި.

12 Jun 10:19

'17 - އިޓަލީއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިންސީނިއާ ފޮނުވާލި ހަމަލާ ތުރުކީގެ ގޯލާ އަމަޒުވެފައެއް ނުވޭ.

12 Jun 10:18

16' ޕެނަލްޓީ އޭރިޔާ ބޭރުން އިޓަލީގެ ބެރާޑީ ތުރުކީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރަމުންދިޔަ ނަމަވެސް، އޭނާގެ ދެ ބޯޅައެއް ތުރުކީގެ ވަރުގަދަ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި. ތުރުކީގެ ޑިފެންސް ލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މިދިޔަ ސީޒަނުގައި ލިވަޕޫލުގެ ޑިފެންސް ލައިނުން ފެނުނު އޮޒާން ކަބާކް.

12 Jun 10:13

މެޗުގައި އަދިވެސް އިޓަލީގެ ޓީމަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވޭ. މެޗުގެ ފުރަތަމަ ދިހަ މިނެޓު މެދުތެރެއިން ފޯވަޑު ލައިނަށް ރަނގަޅު ބޯޅައެއް ދެވިފައެއް ނުވޭ.

12 Jun 10:06

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އަންނަނީ އިޓަލީން. ނަމަވެސް ތުރުކީން ޑިފެންސިވް ކުޅުމެއް ކުޅެމުންދާތީ، އިޓަލީއަށް ތުރުކީގެ ގޯލަށް ނުރައްކާކުރެވޭ ގޮތެއް ނުވޭ.

12 Jun 10:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ތުރުކީން.

ޔޫރޯ 2020 ގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫރޯގެ ފުރަތަމަ މެޗު ކުރިއަށް ދާނީ އިޓަލީގެ ހިތްގައިމު ސިޓީ ރޯމްގެ ތާރީހީ ސްޓޭޑިއަމް ސްޓޭޑިއޯ އޮލިމްޕިކޯގައި.

ސްޓޭޑިއަމްއާއި ސިޓީގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ރޯމް
ސްޓޭޑިއަމް : ސްޓޭޑިއޯ އޮލިމްޕިކޯ
ސަޕޯޓަރުންގެ ޖާގަ: 70،634 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 17،659 މީހުން (25 ޕަސެންޓް)

ރޯމް
- މަގުބޫލް ޓޫރިސްޓް ސިޓީއެއް
- ވެޓިކަން ދާރުލްއާސާރު، ޓްރެވީ ފައުންޓެން ފަދަ މަގުބޫލު ބިނާތައް އެކުލެވޭ ސިޓީއެއް
- އިޓަލީގެ ވެރިރަށް

ސްޓޭޑިއޯ އޮލިމްޕިކޯ
- އިޓަލީ ލީގުގެ ރޯމާއާއި ލާޒިއޯއިންވެސް ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް
- ޔޫރަޕްގެ ކްލަބު މުބާރާތްތަކުގެ ހަތަރު ފައިނަލެއް ކުޅެފައިވާ ސްޓޭޑިއަމެއް
- ޔޫރޯ 1968 ފައިނަލް، 1990 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައިވާ ސްޓޭޑިއަމް
- މިއަހަރު ޔޫރޯގެ އޯޕެނިން މެޗު އޮންނަ ސްޓޭޑިއަމް

މީގެ ކުރިން އެކިއެކި މުބާރާތްތަކުގައި އިޓަލީއާއި ތުރުކީ ވަނީ 10 ފަހަރެއްގެ މަތިން ވާދަވެރި މެޗުތަކުގައި ކުރިމަތިލާފައި. ތުރުކީއަށް މިހާތަނަށް އިޓަލީ ބަލިކުރެވިފައިނުވާ އިރު، އިޓަލީ ވަނީ ހަތް މެޗުން ތުރުކީ ކައިރިން މޮޅުވެފައި. ތިން މެޗު ނިމުނީ އެއްވަރުވެގެން. އެންމެ ފަހުން އިޓަލީއާއި ތުރުކީ ކުޅުނީ 2006 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއް. އޭރު ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް އިޓަލީއާ ތުރުކީ ވަނީ 1-1 އިން އެއްވަރުކޮށްފައި.