އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމައިފާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264589 ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓު މާދަން އިއުލާނު ކުރާނެ ކަމަށް އިލްކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މާދަން އިއުލާނު ކުރާ އިރު އެޔާއެކު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މާދަމާ ހުޅުވައިލައްވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޅީން އަލަށް 2336 މީހަކަށް ވޯޓު ލެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރުތައް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާ އިރު ޕާޓީތަކުންނާއި އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރާ ފަރާތްތަކުން އަންނަނީ ވަރަށް ފޯރިއާ އެކު ކެމްޕޭން ކުރަމުންނެވެ. އަދި މަޖިލިސް އިންތިޚާބުގެ މައްސަލައިގައި ވެރިކަން ކުރާ ކޯލިޝަން ތެރޭ ނުތަނަވަސްކަން ވެސް ވަނީ އުފެދިފަ އެވެ. އެމްޑީޕީ ފިޔަވައި ކޯލިޝަނުގެ އެހެން އެއްވެސް ބައިވެރިޔަކު މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ.