ޔޫރޯ 2020

ޓީމް ޕްރޮފައިލް: ޔޫކްރޭން

  • އާބާދީ: 41.4 މިލިއަން
  • ވެރިރަށް: ކިއެވް
  • ޓީމުގެ ވަނަން: ދަ މެއިން ޓީމް / ދަ ޔެލޯ އެންޑް ބްލޫ
  • ކެޕްޓަން: އަންދްރޭ ޕިޔަޓޯވް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: އެނަޓޮލީ ޓިމޮޝްޗުކް (144 މެޗު)
  • ޓޮޕް ސްކޯރާ: އަންދްރޭ ޝެވްޗެންކޯ (48 ގޯލް)

ޔޫކްރޭނަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ބޮޑު ތާރީހެއް އޮތް ޓީމެއް ނޫނެވެ. އެ ޓީމުން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ފަހަރަކުއެވެ. ނަމަވެސް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 2006ގައި ވާދަކޮށް އެޓީމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ޔޫރޯއަށް ވެސް ޔޫކްރޭން ކޮލިފައި ވީ ދެ ފަހަރުއެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް އެޓީމު މުބާރާތުން ޖާގަ ހޯދައެވެ. ޔޫރޯ 2012، ޔޫރޯ 2016ގައި ވެސް ޔޫކްރޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުންނެވެ.

މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ޔޫކްރޭނުން ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ކޮލިފައިންގައި އެޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗަކުން ވަނީ މޮޅުވެފައެވެ. އަދި އަނެއް މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.

ކޯޗު

އަންދްރޭ ޝެވްޗެންކޯ
އުމުރު: 44 އަހަރު

އަންދްރޭ ޝެވްޗެންކޯއަކީ ޔޫކްރޭނުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވުނު މޮޅު ފޯވަޑެކެވެ. ޔޫކްރޭނުން ވާދަކުރި ހަމައެކަނި ވޯލްޑް ކަޕުގައި ކުއާޓާއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޝެވްޗެންކޯއެވެ. ވޯލްޑް ކަޕް 2006ގައި ޔޫކްރޭނުގެ ކެޕްޓަން ޝެވްޗެންކޯ ވަނީ ދެ ގޯލު ޖަހައިފައެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ބެލެންޑިއޯ އެވޯޑު ވެސް ހޯދައިފައެވެ. އިޓަލީގެ އޭސީ މިލާނާއި އިނގިރޭސިވިލާތުގެ ޗެލްސީން ފެނުނު ޝެވްޗެންކޯ ކުޅުން ހުއްޓާލީ 19 އަހަރަށްފަހު 2012 ވަނަ އަހަރުއެވެ.

ޝެވްޗެންކޯ، ޔޫކްރޭނުގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ ކޯޗިން ކެރިޔަރުގައި ފުރަތަމަ ހަވާލުވި ޓީމަކީ ވެސް ޔޫކްރޭނެވެ.

ތަރި

އޮލެކްސެންޑާ ޒިންޗެންކޯ
އުމުރު: 24 އަހަރު
ކްލަބު: މެންޗެސްޓާ ސިޓީ

މިފަހަރުގެ މުބާރާތުގައި ޔޫކްރޭނުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒިންޗެންކޯއެވެ. އޭނާއަކީ ތަފާތު މަގާމުތަކަށް ކުޅޭ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ލެފްޓް ބެކް، ލެފްޓް ވިންގް ބެކް އަދި އެޓޭކިން މިޑްފީލްޑަރަކަށް ވެސް ކުޅެއެވެ. ސިޓީއާއެކު ތިން ސީޒަނެއްގެ ޕްރިމިއާ ލީގު ހޯދި ޒިންޗެންކޯ ވަނީ 2015 އިން ފެށިގެން ޔޫކްރޭނަށް 38 މެޗުން ފަސް ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ ޔޫރޯ 2016 ގައި ވެސް ޔޫކްރޭނަށް ކުޅެފައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 19 އަހަރެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

  • 14 ޖޫން/ 00:00 ނެދަލެންޑްސް – ޔޫކްރޭން
  • 17 ޖޫން/ 18:00 ޔޫކްރޭން – ނޯތު މެސެޑޯނިއާ
  • 21 ޖޫން/ 21:00 ޔޫކްރޭން – އޮސްޓްރިއާ

ޔޫކްރޭނުގެ ސްކޮޑު:

ގޯލްކީޕަރުން

ހެއޮރްހީ ބުޝްޗަން (ޑައިނަމޯ ކިޔެވް)
އަންދްރޭ ޕިޔަޓޯވް (ޝަކްތާރު ޑޮނެސްކް)
އެނަޓޯލީ ޓްރުބިން (ޝަކްތާރު ޑޮނެސްކް)

ޑިފެންޑަރުން

އެޑުއާޑް ސޮބޮލް (ކްލަބު ބްރޫޖު)
ސެރްހީ ކްރީވްޓްސޮވް (ޝަކްތާރު ޑޮނެސްކް)
އިލްޔާ ޒަބަރްނީ (ޑައިނަމޯ ކިޔެވް)
ވިޓަލީ މީކޮލެންކޯ (ޑައިނަމޯ ކިޔެވް)
އޮލެކްސެންޑާ ކަރަވަޔޭވް (ޑައިނަމޯ ކިޔެވް)
މީކޮލާ މެޓްވިޔެންކޯ (ޝަކްތާރު ޑޮނެސްކް)
އޮލެކްސެންޑާ ޓީމްޗީކް (ޑައިނަމޯ ކިޔެވް)
ޑެނީސް ޕޮޕޯވް (ޑައިނަމޯ ކިޔެވް)

މިޑްފީލްޑަރުން

ހެއޮރީ ސުޑަކޯވް (ޝަކްތާރު ޑޮނެސްކް)
ސެރްހީ ސީޑޯޗުކް (ޑައިނަމޯ ކިޔެވް)
ޓެރަސް ސްޓެޕަނެންކޯ (ޝަކްތާރު ޑޮނެސްކް)
އަންދްރޭ ޔަރްމޮލެންކޯ (ވެސްޓް ހާމް ޔުނައިޓެޑް)
ރުސްލަން މަލިނޮވްސްކީ (އެޓަލާންޓާ)
މީކޯލާ ޝަޕަރެންކޯ (ޑައިނަމޯ ކިޔެވް)
މާލޯސް (ޝަކްތާރު ޑޮނެސްކް)
ޔެވްހެނީ މަކަރެންކޯ (ކޯޓްރިޖް)
ވިކްޓޯ ސިހެންކޯވް (ޑައިނަމޯ ކިޔެވް)
އޮލެކްސެންޑާ ޒިންޗެންކޯ (މެންޗެސްޓާ ސިޓީ)
ރޯމަން ބެޒުސް (ގެންޓް)
އޮލެކްސެންޑާ ޒުބްކޯވް (ފެރެންކްވަރޯސް)

ފޯވަޑުން

ރޯމަން ޔަރެމްޗުކް (ގެންޓް)
އާޓެމް ބެސްޔެޑިން (ޑައިނަމޯ ކިޔެވް)
އާޓެމް ޑޮވްބީކް (ޑެނިޕްރޯ-1)