ޝަހީދާ އަބްދުﷲ ސައީދު
ލިބުނު އަނިޔާގެ މަތީން ހަނދާން ނައްތާލާފައިވާ ކަމަށާއި މިއަދުވެސް ސިޔާސީ މަޝްރަހުގައި މަސައްކަތްކުރައްވަމުން ގެންދަވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރި ބަޔަކާއެކުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
''ވީޓީވީގެ ފަސްމަންޒަރު'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ހަޔާތުގައި ވަރަށް ތަފާތު ތަޖުރިބާތައް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައި އަހަރުތަކެއް ޖަލުގައި ވެސް ހޭދަކުރެއްވިކަމަށާއި އަދި އޭގެ ކުރީންވެސް ސިޔާސީ ގޮތުން ތަފާތު ތަޖުރިބާތައް ކުރައްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޖަލުގައި ދުވަސްތައް ހޭދަ ކުރައްވަންޖެހުނު ސަބަބު ހާމަކޮށްދެއްވަމުން ނާޒިމް ވިދާޅުވީ އެއްވެސް މީހަކާ މެދު ޒާތީ ގޮތެއް ނުގެންގުޅުއްވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒު ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ނަވާޒަށް މަރުހަބާ ވިދާޅުވެ، ނަވާޒުއާ މަޝްވަރާކުރެއްވި ކަމަށް ނާޒިމު ވިދާޅުވިއެވެ.
ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލައިގައި އޭނާ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތްކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް އެންމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ފުލުހުން އެދުވަހު ހިންގި އެ އަމަލަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ފުލުހުންނަކީ އެއަށްވުރެ އަބުރުވެރި ބައެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އޭނާއަށް އަނިޔާވެރިވި ބައެއް މީހުން މިއަދު މާނިކަމެތިކޮށް އެބައުޅުއްވާކަމަށާއި ދުނިޔެއާއި އާޚިރަތް އަދި އެބައޮތްކަމަށެވެ. އަދި ކޮންމެ މީހަކުވެސް ކުށް ކުރާނެ ކަމަށާއި ނަމަވެސް އަބަދު އެކަން ހިތުގައި ބާއްވައިގެން ހަސަދަވެރިކަމާ އެކު އުޅުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.