އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި (ދެވަނަ ބައި)

އާމިނަތު އަޒްލާ

1

(ސެޕްޓެމްބަރ 7 އާއި ގުޅޭ)

އާރިޔާ މިވަޒީފާ އަށް އައީ އެހެން މީހެއްގެ ސީވީ ބޭނުންކޮށްގެން ކަން އެނގިއްޖެނަމަ އަދި އާރިޔާ އަކީ މާލިކުގެ ގާތް އެކުވެރިޔާގެ ދަރިފުޅު ނޫންކަން އިނގޭ ދުވަހަކުން ވާނީ ކިހިނެތްބާއެވެ. ޒައުލްގެ ބަލާލުމާއެކު އާރިޔާ އަށް ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ.

ދުވަސް ނިމިގެން ދިޔައީ މަސައްކަތުގެ މާބޮޑު ވަރުބަލި ކަމެއްނެތި ނަމަވެސް ޖަމާލުގެ ކިބައިން ސަލާމަތްވާނެ މަގެއް ފެނޭތޯ ވިސްނާ ވިސްނާ އާރިޔާގެ ސިކުނޑިވަރުބަލި ވަނީ އެވެ. ކިޔަވަން ޖަމާލު އެހީވީ މިވަރުގެ ބޮޑު ރޭވުމެއް ހިތުގައި އޮވެގެން ކަން އެނގުނު ނަމަ އެފުރުސަތުގެ ބޭނުން އާރިޔާ ނުހިފީހެވެ. ޖަމާލު މާލެ އައީ ދެދުވަހަށް ނަމަވެސް ޖަމާލުގެ ހިޔަނިން އާރިޔާގެ މުޅި ދިރިއުޅުން ބަނަކޮށްފިއެވެ. ބޯފާރަކުން ތޮރުފިފައިވާ އާނގައަކުން އަލިކޮޅެއް ފާޅުވާ ފަދައިން މިއަދު އާރިޔާ އެހޯދަނީ އެ ބަނަކަމުން ސަލާމަތްވާނެ އަލިކޮޅެކެވެ. މުއްސަނދިންނަށް މުއްސަނދިކަން ދެއްވީމާ ޖާހިލުކަން ފިޔަވައި އެހެން ކަމެއް ހިތަށް ނުވަންނަނީ ކީއްވެބާއެވެ! މިއީވެސް ކަލާނގެ އޭނާ އާ ކުރިމަތި ކުރައްވާ އިމްތިހާނެކެވެ.

* * * * * * * * * * * * *

އޮފީހުން ނިކުންނަން ހިނގައިގަތް ޒައުލް ކުއްލި އަކަށް ކަމެއް ހަނދާންވީހެން ދުވެފައިގޮސް ކާރަށް އެރިއެވެ. ކޮޓަރި މޭޒުމަތީގައި ބެހެއްޓިފައި ހުރި ލިޔުންތައް ދާރިޔާގެ ވަކިތަކުގެ ދަށަށް ނުވަންނަނީސް ގެއަށް ދާން މަސައްކަތްކުރި ނަމަވެސް އެމަސައްކަތްވީ ނާކާމިޔާބެވެ. ގެއަށް ވަންއިރު ދާރިޔާ އިނީ ސިޓީއުރަ އަތަށް ލައިގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހުޅުމާލެއިން ފްލެޓެއް ގަތުމަށް އެމްއެމް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އެހެން މީހަކަށް ޒައުލް ދައްކަން ބޭނުންނުވީ ދޮންމަންމަ ދާރިޔާގެ ވިސްނުން ހުންނަގޮތް ރަނގަޅަށް އިނގޭތީއެވެ.

ވަގުތަކީ ހަވީރުގެ ސަޔަށް އެއްމެން އިންސާފުކުރަން ހަމަޖެހިފައިވާ ގަޑިކަމުން ހަގީގަތާ ކުރިމަތިލާން ޒައުލް އަށް މަޖުބޫރިވިއެވެ.

"މާލިކުގެ ފައިސާ އިން ގޯއްޗާ ބިން ވަކި ދަރިއަކަށް ގަނެދޭން ޖެހޭނެ ސަބަބެއް އަހަންނަކަށް ނުވިސްނޭ" އެހެން ބުނުމަށްފަހު ސިޓީ މޭޒުމައްޗަށް ހޫރާލާފައި ދާރިޔާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

"ތިއީ އަޅުގަނޑު އަމިއްލަ ދިރިއުޅުމެއް ފަށަން ވިސްނާތީ ނިންމި ނިންމުމެއް" ބުނާނެ އެއްޗެއް ނޭނގިހުރެ ޒައުލް އެހެން ބުނީ ޒަކްވާންގެ ހިތުގައި އޭނާ އާއި މެދު ދާރިޔާ ގެންގުޅޭ ކަހަލަ ވިސްނުމެއް އޮންނަން ބޭނުން ނުވާތީއެވެ. މާލިކު އާއި އަމީނާގެ މޫނުން އުފާވެރިކަން ފާޅުވިއިރު ޒަކްވާން ބެލީ ޒައުލް އާއި ދިމާކުރެވޭތޯއެވެ.

* * * * * * * * *

ރޭގަނޑުގެ ހަމަހިމޭންކަން ދޭދަރުގެއަށް ވެރިވެފައިވީނަމަވެސް ބޮޑުކޮޓަރީގެ މެދުގައި އަމީނާ އިނީ ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ޅަދުވަހުގެ ހަނދާންތަކުން އުޘްމާނުގެ ހިޔާލުތައް އަމީނާގެ ހިތް ރޮއްވަމުންދަނީ ދަރީންގެ ދިރިއުޅުމުގައި ކަންތައް ހިނގާ ގޮތާއިމެދު ފިކުރުކުރެވޭލެއް ބޮޑުކަމުންނެވެ. ހަނދުވަރުދޭ ރޭތަކުގައި އައްޑޫން އުޘްމާން ގެނެސްދޭ ނާރިކު ފަލިދަ ތަށިވަރު ހިފައިގެން ފަޅުރަށްރަށަށް ބޮއްކުރަލުގައި ދެމީހުން ކުރި ދަތުރުތަކުގެ ހަނދާން އެއީ އަމީނާގެ ދިރިއުޅުމުގެ އެއްމެ ފޮނިހަނދާންތަކެވެ. އެހަނދާންތައް ހަނދުވަރުދޭ ރެއެއްގައި މޫދަށް ރިވެލިކުރާ ހަނދުގެ ރިހިއަލި ފަދައިން އަމީނާގެ ހިތުގައި މިވަގުތު އެދަނީ ނަށަމުންނެވެ.

އުޘްމާނުގެ ކުއްލި މަރަށް އަދިވެސް އިންސާފު ނުލިބޭއިރު މާލިކު އާއި އޭނާގެ މާމަދަރިން އެކަމަށް މަސައްކަތް ނުކުރާތީ އަމީނާ އަށް ޝަކުވާ ކުރެވުނު އަދަދު ދެނެވޮޑިގެންވާނީ ކަލާންގެއެވެ.

މާހައުލަށް ސިހުންގެނުވީ ދާރިޔާގެ ހަރުފިޔަވަޅުތަކެވެ. ދާރިޔާގެ ފަހަތުން އައި ދެތިން މީހަކު ގޭގެ ބެލްކަނީގައި ނިކަންރީތި މާގަސްތަކެއް ބަހައްޓާފައި ދިޔަތަން އަމީނާ އަށް ފެނުނެވެ. އެމަންޒަރު އޭނާގެ ހިތަށް ފިނިކަމެއް ގެނުވީ އެމާތަކުގެ ރީތިކަމުންނާއި ޖެހިލާއި ވައިރޯލިއާއިއެކު މާތައް ހެލިލާ ގޮތުންނެވެ.

ކިތަންމެ އޮމާންކޮށް ދާރިޔާ އެކަންތައް ކޮށްލިޔަސް އޭގެ ފަހަތުގައި ދޭދަރުގެއަށް އަންނާނީ ކޮންފަދަ ތޫފާނެއް ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

* * * * * * * * * * * * * * *

" އަޅުގަނޑު މިއަދު ބަލިކަމުން އޮފީހަށް ނުދަން" އާރިޔާގެ އެޖަވާބުން ޖަމާލުގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ.

"މަސައްކަތް ނުވަންޏާ މިއަދުން މިއަދަށް ދަރަނި އަދާކުރޭ" ޖަމާލުގެ އެޖުމްލަ އާއިއެކު ބަލި އެނދުގައި އޮތް ބައްޕަގެ މޫނު އާރިޔާއަށް ސިފަވެގެން ދިޔައެވެ. ރޯމަހެއް ފެނަށް ތެޅޭހެން އަވަސް ހަރަކާތާއިއެކު ކުރިޔަށް އޮތް 10 މިނަޓް ތެރޭ އޮފީހަށް ދެވޭތޯ އާރިޔާ ކޮޅުކޮޅަށް ދުވަން ފެށިއެވެ.

" އެދުމެއްނެތި ވެދުމެއް ނުކުރާނެކަން" ދުނިޔެ އޭނާ އަށް އޭރު ދަސްކޮށް ދިން ނަމައޭ އާރިޔާ ހިތަށް އެރިއެވެ.

ބާރަށް ދުވެފައި ގޮސް އާރިޔާ އަށް ލިފްޓަށް އެރުނީ ޒައުލް އާއި އެކުއެކީއެވެ. މާހައުލަށް ސަމާލުކަމެއް ދިނުމެއްނެތި އާރިޔާ ދޫކުރަމުންދިޔަ ފުން ނޭވާތަކުން ޒައުލް އަށް އާރިޔާއަށް ބަލާލަން މަޖުބޫރުވިއެވެ.

"އޯހް މައި … ވަޓް އަ ބިއުޓީ" ޒައުލް އަށް ހިތާ ހިތާ ބުނެލެވުނެވެ. ހިނގަމުންދިޔަ ގަޑިއެއްގެ ހިނގުން ހުއްޓޭހެން ޒައުލް އަށް އެވަގުތު ދުނިޔެ ހުއްޓުނު ކަހަލައެވެ.

ތަނަށް ވެރިވި ހަމަހިމޭންކަން ފޫއަޅުވާލީ ރިންގުވާން ފެށި އާރިޔާގެ ފޯނެވެ. ޖަމާލުގެ ނަމާއިއެކު އަރަމުންދިޔަ ފޮޓޯއަށް ޒައުލް އަށް ބަލާ ލެވުނީ ގަސްތަކާނުލައެވެ. އެހެނަސް އެހިނދުކޮޅުވީ އާރިޔާ އާއިމެދު ޒައުލްގެ ހިތް ބަދަލުކޮށްލަން މަޖުބޫރުވި ހިނދުކޮޅަކަށެވެ.

ޖަމާލުފަދަ ފައިސާވެރިއަކާއި އާރިޔާ ކަހަލަ ކުއްޖަކު ގުޅުން އޮންނާންވީ ސަބަބެއް ޒައުލް އަކަށް ނުވިސްނުނެވެ. ނަމަވެސް ޖަމާލުގެ ކޯލުން އާރިޔާގެ ހަރަކާތްތަކަށް އަންނަމުންދިޔަ ބަދަލު ޒައުލް ދިޔައީ ގާތުން ބަލަމުންނެވެ.

އާރިޔާ އަކީ ކޮންމެސް އެހެން މަގުސަދެއްގައި އޮފީހަށް ވަން ކުއްޖެކޭ ޒައުލް ގެ ހިތް ގޮވަމުންދިޔައެވެ. އެހިޔާލުތަކުން މަސައްކަތް ކުރަން އުނދަގޫވެ ފައިލުގައި އޮތް އާރިޔާގެ ސީވީ ނަގަން ޒައުލް އަށް މަޖުބޫރުވިއެވެ.

ބްރޭކަށް ޒައުލް ދިޔަ ގަޑީގައި ދާރިޔާއަށް އެތަނަށް ވަދެވުންވީ ނަސީބެކޭ ދާރިޔާ ހިތަށް އެރިއެވެ. މޭޒުމަތީގައި އޮތް އާރިޔާގެ ޕާސްޕޯޓް ސައިޒު ފޮޓޯއަށް ކަޅިއަޅާލުމަށްފަހު ސީވީގައި އިން އެޑްރެހަށް ދާރިޔާ ފޯނުކުރީ މާލިކުގެ ރައްޓެއްސަކަށް ވީތީ ހާއްސަ ދައުވަތެއް ދިނުމަށެވެ.

ފޯނުން ވާހަކަ ދެއްކެނީ އާރިޔާ ކަން އެގުމުން މާނަފުން ހިނިތުންވުމަކާއި އެކު ދާރިޔާ ހިނިތުންވެލިއެވެ. ނަމަވެސް ފައިލުތަކެއް ހިފައިގެން އެވަގުތު އެތަނަށް ވަން އާރިޔާ ފެނުމުން ދާރިޔާގެ ދިޔައީ ސިއްސައިގެންނެވެ.

މޭޒުމަތީގައި އޮތް ސީވީ އާއި ފޮޓޯ ގަނޑު ފެނި އާރިޔާގެ އަތުގައި ހުރި ކޮފީތަބަށް އަތުން ދޫވީ ބޭއިޙްތިޔާރުގައެވެ. އިރާދައިގަ މިއަދު އާރިޔާ އަށް ލައްވާނީ ނަސީބުތޯ ބަދު ނަސީބުތޯ ދެނެވޮޑިގެންވާނީ ކަލާންގެއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް އެވަނީ ޒައުލް އެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟