ރިޕޯޓް

ކޮވިޑުގައި މަރީގެ މަރު:"ރާވަމުން އައީ ކައިވެނީގެ އެނިވަސަރީ ފާހަގަކުރަން، އެފަދަ ތެދުވެރި ވަފާތެރި އަންބަކު ނުލިބޭނެ"

ރިފާ ހަލީލު

2

އިންތިޒާރު ކުރީ ލޯބިވާ އަނބިމީހާ ހޮސްޕިޓަލުން ދޫކޮށް އެނބުރި ގެއަށް އަންނާނެ ވަގުތަކަށެވެ. ކައިވެންޏަށް އަށް އަހަރު ފުރުމުގެ އުފަލުގައި އަނބިމީހާއަށް އޭނާ ބޭނުންވާ ހަދިޔާއެއް ދިނުމަށެވެ. އަނބިމީހާގެ އުފަންދުވަހާއި ކައިވެނީގެ އަހަރީ ދުވަހަށް މާލެ ދިއުމަށް ކުރީންވެސް އޮތީ ރާވައިފަ އެވެ. އެ ދުވަހަށް މާލެ އަންނަން ނިންމީ އަނބިމީހާގެ އާއިލާގެ ގިނަ މީހުން މާލޭގައި ދިރިއުޅޭތީ އެ މީހުން ދެކިލުމަށެވެ.

ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ތަގުދީރުގެ ނިޔާ ބަދަލު ނުކުރެވޭނެކަން އެންމެންވެސް ގަބޫލު ކުރެ އެވެ.

މިއީ ގއ. ދާންދޫ އަށް ނިސްބަތްވާ ޒުވާން ދެމަފިރިއެއްގެ ވާހަކަ އެވެ. އެކުގައި 10 އަހަރު އުޅެފައި ލޯބިވާ އަނބިމީހާ ވަކިވެގެން ދިޔުމަކީ ނާފިއު ހަސަންގެ ހިތް ފަޅައިގެން ދިޔަކަމެކެވެ.

"ރަށަށް ގޮސްފަވެސް ވަންނަން ޖެހޭނީ އެ ކޮޓަރިއަށް. ދެ މީހުން އެކުގަ އުޅުނު ކޮޓަރިއަށް. ވަރަށް ހަނދާން ވާނެ. ނޭނގެ ދެން ބުނެދޭކަށް. އެވަރުގެ އަންބެއް ނުލިބޭނެ." ރޭ ފަތިހު 4:19ގައި މަރުވި ދާންދޫ ވިނަމަތި، އުމުރުން 28 އަހަރުގެ މަރިޔަމް އިބްރާހިމް (މަރީ)އާ ގުޅޭ ގޮތުން އޭނާގެ ފިރިމީހާ ނާފިއު ހަސަން މިއަދު "ވަން"އަށް މައުލޫމާތު ދޭން ފަށަމުން އަސަރާއެކު ބުންޏެވެ.

ނާފިއު ފާހަގަ ކުރާ ގޮތުގައި ގެއްލިގެން އެ ދިޔައީ ދެވަނައެއް ނެތް އަންބެކެވެ. ކިޔަމަންތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމުގެ ލާމަސީލު މިސާލެކެވެ. އެއީ ހަށިގަނޑުގެ އެއްބައެވެ. އާއިލާގެ މީހުންނާ ގުޅޭ އޯގާތެރި އަންބެކެވެ.

"ރައްޓެހިވެގެން ދެ އަހަރު ވަންދެން އުޅުނިން. ދެން އިނދެގެން މިވީ އަށް އަހަރު. މި 10 އަހަރު ތެރޭގަވެސް ރުޅިގަދަ ވެ ޒުވާބު ކޮށް ބޮޑު މައްސަލައެއް ޖެހިފައެއް ނޯންނާނެ. އެއީ ލިބުނު ޖަވާހިރެއް. ވަރަށް ލޯބިވޭ. ވަރަށް ހަނދާންވާނެ. އެންމެނާވެސް ގުޅޭ އޯގާތެރި އަންބެއް އެއީ. އެންމެ ހިނދުކޮޅަކަށްވެސް އުންމީދު ކަނޑައެއްނުލަން. ޑޮކްޓަރުން އުއްމީދު ކަނޑާލި ވާހަކަ ބުނީމަވެސް އަޅުގަނޑު އުއްމީދު ކުރިން އަލުން މަރީ އަންނާނެ ކަމަށް." އޭނާ ބުންޏެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހާއި ހަމަޔަށްވެސް މަރީގެ ހާލު ރަނގަޅެވެ. ދާންދޫ އަކީ ކޮވިޑު ފެތުރެމުންދިޔަ ރަށެއް ނޫނެވެ. ނަމަވެސް މަރީ ހުން އައިސް ކެއްސާތީ ޑޮކްޓަރަށް ދެއްކުމުން އެއީ ކޮވިޑުގެ އަލާމާތްތައް ކަމަށް ނިންމައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި އެވެ. ނަމަވެސް އޭގެ ނަތީޖާ ލިބުމުގެ ކުރިން މަރީ ނޭވާލުން އަވަސް ވެ އިތުރަށް ފަރުވާ ދޭން ޖެހިއްޖެކަން އާއިލާއަށް އެނގުނެވެ.

ނާފިއު ބުނީ ސާމްޕަލް ނެގިތާ ދެވަނަ ދުވަހު މަރީ ނޭވާލާން އުދަނގޫ ވެ ޑޮކްޓަރަށް ދެއްކި ކަމަށެވެ. ނަމަވެސް ޑޮކްޓަރު ފުރަތަމަ ބަލާފަ ގެއަށް ފޮނުވާލި ކަމަށާއި ނަމަވެސް އެ ދުވަހު ހަވީރު އަނެއްކާވެސް މާ ބޮޑަށް އުދަނގޫ ވާން ފެށުމުން މަރުކަޒަށް ގެންދިޔަ ކަމަށާއި އޭރު އޮކްސިޖަން ލެވެލް ދަށްވެގެން އިތުރު ފަރުވާއަށް ވަގުތުން އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލި ކަމަށެވެ.

"ވިލިނގިލިން އެހީ ކޮވިޑު ޖެހިފަހޭ. ދެން އަޅުގަނޑު ބުނިން ސާމްޕަލް ނަގާފައޭ ވީ އަދި ނަތީޖާއެއް ނުލިބެޔޭ. ބުނީމަ އެ މީހުން އަނެއްކާވެސް ސާމްޕަލް ނަގާފަ ޓެސްޓު ކުރީ. ނަތީޖާ ލިބުނު އިރު ޕޮޒިޓިވް. ދެން އެ ކޮޅަށް ގެންދިޔަ ފަހުންވެސް ވަކި ބަދަލެއް ނާދޭ. ދެން މާބޮޑަށް ސީރިއަސް ވެ ވެންޓިލޭޓަރަށް ލީ. މާލެ ފޮނުވާލީ ޖެހިގެން އައި ދުވަހު އެއީ 19 ވަނަ ދުވަހު." މަރީގެ ހާލަތު ގޯސްވަމުން އައި ގޮތް "ވަން" އާ ހިއްސާ ކުރަމުން ފިރިމީހާ ނާފިއު ބުންޏެވެ.

މާލެ ގެނައި އިރު މަރީގެ ހާލު ވަރަށް ބޮޑަށް ސީރިއަސް އެވެ. މާލެ ގެނެސް ފަރުވާ ދެމުން އައީވެސް ދަރުމަވަންތައިގަ އެވެ. ދުވަހެއް ދުވަހަކަށް ހާލަތު ދަށްވަމުން ގޮސް މީގެ ދެދުވަހެއް ކުރިން ޑޮކްޓަރުން އުއްމީދު ކަނޑާލި އެވެ. އުއްމީދު ކަނޑާލި ފަހުން މަރީގެ އޮކްސިޖެން ލެވެލް މަތި ވި ނަމަވެސް އެއްވަރެއްގައި ނުހިފެހެއްޓި ރޭ ފަތިހުގެ ވަގުތެއްގައި މަރުވީ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަސް، މަރީއަށް 28 އަހަރު ކައިވެންޏަށް އަށް އަހަރު!

"ކުރިން ޕްލޭން ކޮށްގެން ތިބީ މާލެ އަންނަން އެ ދުވަހާ ދިމާކޮށް. ކޮވިޑާ ހެދި އާއިލާގެ މީހުން ގާތަށްވެސް ނާދެވޭތާ އަހަރެއްވަރު ވެއްޖެ. އެހެންވެ މަރީ ފެމިލީ މާލޭގަ އުޅޭތީ އޭނަވެސް ބޭނުންވީ މާލެ އަންނަން. އެހެން ވެ އެ ގޮތަށް ޕްލޭން ކުރީ. މަރީގެ އުފަންދުވަހާ އަހަރުމެންގެ އެނިވާސަރީ އެއްދުވަހެއް. އަބަދުވެސް ދެނީ މަރީ ބޭނުންވަނީ ކޮންކަހަލަ ގިފްޓެއްތޯ ބަލާފަ އެ ގިފްޓެއް. ދެން މިފަހަރުވެސް އެގޮތަށް މިހުރީ. މަރީ ރަނގަޅުވެގެން އައީމަ ބޭނުންވަނީ ކޮންކަހަލަ ގިފްޓެއްތޯ ބަލާފަ ދޭން މިހުރީ. އެކަމަކު މަރީއަށް ހަދިޔާއެއް ނުދެވުނު." ރޮވިފައި ހުރެ ނާފިއު ބުންޏެވެ.

ނާފިއު ބުނީ ދެ މީހުން ރޭވި ގޮތަށް ނޫން ނަމަވެސް ދެ މީހުންނަށް މާލެ އާދެވުނު ކަމަށާއި އެހެން ނަމަވެސް ކަންތައްވީ މާ ހިތްދަތިކޮށް ކަމަށެވެ.

"މާލެ އާދެވުނު. އެކަމަކު ޕްލޭން ކުރި ގޮތާ ތަފާތުކޮށް މާހިތްދަތި ކޮށް. އަނބުރާ ދާން މިޖެހުނީ އެކަނި. އާއިލާ މީހުންނާ ބައްދަލު ކުރަން ޖެހުނީ ސަހަރާއިން." ހުއްޓެމުން އޭނާ ބުންޏެވެ.

މަރީގެ ހަނދާންތަކާއެކު ނާފިއު ހުރީ ކުރިއަށްދާށެވެ. ހިތްވަރެއް ނެތަސް ކެތްކުރަން ނާފިއު ހުރީ ތައްޔާރަށެވެ. ފަހު ވަގުތު ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ނާފިއު އަކަށް ނުލިބުނެވެ. އެންމެ ފަހުން ދެކެވުނު ވާހަކަ އަކީވެސް ނޭވާލާން އުދަނގޫ ވެ ވަރުބަލިވާ ވާހަކަ އެވެ.

ނާފިއު ބުނީ މަރީ އަކީ މީގެ ކުރިން އެއްވެސް ބޮޑު ބައްޔެއް ހުރި މީހެއް ނޫން ކަމަށެވެ. ނަމަވެސް ކޮވިޑު ޖެހި ހާލަތު ގޯސްވެ ނިއުމޯނިޔާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ނާފިއު ބުންޏެވެ.

ވިލިނގިލިން ފޮނުވި ވެންޓިލޭޓަރު ފްލައިޓު މަތިން ޗާޖު ހުސްވެ ހާލަތު އިތުރަށް ގޯސްވި!

ދާންދޫ ކައުންސިލް ރައީސް އަދި ނާފިއުގެ ބޭބެ މުހައްމަދު އާސިފް "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރީގެ ހާލު ސީރިއަސްވެ ވިލިނގިލިން އޭނާ މާލެ ފޮނުވާލި އިރު ވެންޓިލޭޓަރަށް ގުޅާފައި ހުރި މެޝިންގެ ޗާޖު ހުސްވެ، އޭނާގެ ހާލު އިތުރަށް ގޯސްވި ކަމަށެވެ. އެގޮތުން އޮކްސިޖަން ލެވެލް 30 އަށް ދަށް ވެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަންދެން އަތުން ޕަންޕު ކުރަން ޖެހުނު ކަމަށެވެ.

"ފްލައިޓު މިކޮޅުން ނައްޓާލިތާ އެހާ ގިނައިރެއް ނުވެ އެ ވެންޓިލޭޓަރު ގުޅާފަ އިން މެޝިނުން ޗާޖު ހުސްވެ ނިވުނު. ދެން އޮކްސިޖެން ލެވެލް މި ވައްޓާލަނީ 30 އަށް. އެހާ ބޮޑަށް ދަށްވުމުން ނަރުސް ކުދިން މަރީގެ މެޔަށް ޕަންޕުކޮށް ނޭވާ ލައްވަމުން ދިޔައީ މާލެ ދެވެންދެން. ދެން އައިޖީއެމްއެޗަށް ގެންގޮސް ދަރުމަވަންތައަށް ބަދަލު ކުރި އިރު ވަރަށް ހާލު ސީރިއަސް. އެގޮތަށް އޮވެ އެ ދިޔައީ." އޭނާ ވިދާޅުވި އެވެ.

އާސިފް ގަބޫލު ކުރާ ގޮތުގައި ސިއްހީ ހިދުމަތްދޭ އެފަދަ ބޮޑު ތަނަކުން މިހާ ބޮޑު އިހުމާލެއް ވެގެން ނުވާނެ އެވެ. މަރީގެ ހާލު އެހާ ބޮޑަށް ސީރިއަސް ވީ ވިލިނގިލީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"މިހާ ހާލު ސީރިއަސް ޕޭޝަންޓެއް މާލެ ފޮނުވާލާއިރު ބަލަން ޖެހޭނެ ދޯ މެޝިނާއި އެއްޗެހި ޗާޖު ހުރިތޯ. މިއި ވަކި މަރީ ވީމައެއް ނޫން. ކޮންމެ މީހަކު އެފަދަ ހާލަތެއްގަ އޮތް ނަމަވެސް އަމަލު ކުރަން ޖެހޭނީ އެހެންދޯ. ދެން މިއީ އެ ހޮސްޕިޓަލުގަ އިން ހަމަ އެކަނި މެޝިން. އެވަގުތު މަރީ އެ މެޝިން ގުޅާފަ މި ފޮނުވީ، އެހެން މީހަކު ހަމަ އެ ހާލަތަށް ވެއްޓުނު ނަމަ ކިހިނެއް ހަދާނީ؟ މިފަދަ އެމަޖެންސީ ކޭސްތަކުގަ އާންމުކޮށް މިގެންނަނީ ޗާޓަރު ފްލައިޓުތައް. ގެންނަ އިރު ވެންޓިލޭޓަރު ފަދަ މިފަދަ މުހިންމު މެޝިންތައް އެ ފްލައިޓަށް އަރުވާފަ ފޮނުވިއްޔާ ކީއްތޯ ވާނީ؟" އޭނާ ވިދާޅުވި އެވެ.

މަރީ އަކީ ދާންދޫ ކުޅިވަރުގެ ރާނީ، އެންމެނާ ގުޅޭ ހުރިހާ ކަމެއްގައި މަސްއޫލުވާ މީހެއް!

މަރީ އާ ގުޅޭ ގޮތުން ދާންދޫ އިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ މަރީ އަކީ ރަށުގެ ކުޅިވަރުގެ ރާނީ ކަމަށެވެ. ކޮންމެ ކުޅިވަރެއް ކުޅުނަސް މަރީ އެކަމުގައި އުޅޭނެ ކަމަށެވެ. އަދި ރަށުގެ އިޖުތިމާއީ ކަމެއް ހިންގިޔަސް އެކަމުގައިވެސް އޭނާ އުޅޭނެ ކަމަށެވެ.

މިކަމަށް ދާންދޫ ކައުންސިލުގެ ރައީސް އާސިފް ވެސް ދެކޮޅެއް ނުހައްދަވަ އެވެ. އާސިފް ވިދާޅުވީ މަރީގެ ބައިވެރިވުން ނެތް ކުޅިވަރު ހަރަކާތެއް އެރަށުގައި ކުރިއަށް ނުދާނެ ކަމަށެވެ. އިޖުތިމާއީ ކަންކަމުގައިވެސް އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރާ މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މަރީއަކީ ކޮއްކޮގެ އަނބިމީހާވިޔަސް ފަހަރިއެއް ގޮތަށް ނުދެކޭ ކަމަށެވެ. ދެކެނީ އެއްބަނޑު އެއްބަފާ މީހެއް ގޮތަށް ކަމަށާއި މަރީގެ ވަކިވުމުން މުޅި އާއިލާއަށްވެސް ޝޮކެއް ލިބިފައިވާ ކަމަށެވެ. އަދި މަރީގެ ވާހަކަ އަހާލާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އަންނަ ކަމަށާއި އެވަރުގެ ފަހަރިއެއް މަދުވާނެ ކަމަށެވެ.

"އެއީ ވަރަށް ރަނގަޅު ވަރަށް އަހުލާގު ރަނގަޅު ހުލްގު ހެޔޮ ކުއްޖެއް. ރަށުގަ ނުހުންނާނެ ކުޑަޔަސް ބޮޑަސް މަރީ ވާހަކަ ނުދައްކާ މީހެއް. ވަރަށް ހެޔޮ ވާނެ. މީހަކަށް ލިބޭނެ އެންމެ ރަނގަޅު އަނބި އެއީ. އަޅުގަނޑަކަށް ހިޔެއް ނުވޭ އެވަރުގެ ފަހަރިއެއް ލިބޭނެހެން. އެހާވެސް ރަނގަޅު. މަރީ މަރުވެއްޖެއޭ ބުނި ވަގުތުން ފެށިގެން ގޭ މީހުން އެތިބީ ޝޮކެއްކަ. މަރީ އޭ ބުނާއިރަށް ރޮވޭ. ދެރަވޭ. ވަރަށް ހަނދާންވާނެ އެކުއްޖާ މަތިން" އަސަރާއެކު އޭނާ ވިދާޅުވި އެވެ.

ބޭބެއެއްގެ ވިޔަފާރީގައި އެހީތެރިވަމުން އަންނަ މަރީ އަކީ އެންމެނާވެސް ގުޅޭ ހިތްހެޔޮ ޒުވާނެއް ކަމަށް އެރަށު ގިނަ ބަޔަކު ބުނެ އެވެ.

މަރީ އާއެކު މި ބަލީގައި ރާއްޖެއިން މިހާތަނަށް 182 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެ އެވެ. މަރީ ކޮވިޑު ބަލީގައި މަރުވި އިރު، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން ގެންދިޔަ ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ.

މަރީ ވަކިވެގެން އެ ދިޔައީ އެތައް ބަޔަކު ރޮއްވާލައިފަ އެވެ. މަރީގެ މަރުން ލިބޭ މެސެޖަކީ ކޮވިޑުގެ ނުރައްކާތެރިކަމަށް ވަކި އުމުރެއް ނެތް ކަމެވެ. އެނގޭ ކަމަކީ އެންމެވެސް މި ތިބީ ބައްޔަށް ހުށަހެޅިފައި ކަމެވެ. ލޯބިވާ މީހުން ދޫކޮށް ކޮންމެ ވަގުތަކުވެސް މި ދުނިޔެ ދޫކުރާން ޖެހިދާނެ ކަމަށް ތައްޔާރު ވާން ޖެހޭ ކަމެވެ.