އަބްދުﷲ ޖާބިރު

ރައީސް ޔާމީންގެ މައްސަލަތައް ބަލަން ކޮމެޓީއެއް އެކުލަވާލަން ޖާބިރު ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އަށް ގޮވާލައްވައިފިއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގު ކުރާނެ ސްޓޭންޑްބައި ކޮމެޓީއެއް ނެގުމަށް އިބޫއަށް ގޮވާލާ ކަމަށެވެ.

"ކޮމިޝަނެއް ނަގަންވީ ނޫންތޯ ޕްރެޒިޑެންޓް އިލެކްޓް އިމީޑިއެޓްލީ. އޮޑިޓް ވަގުތުން ހިންގަން ފަށަންވީ ނޫންތޯ. އަޅުގަނޑު މިގޮވާލަނީ އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރުން މިހާރަށް ޔާމީނު ހިންގާފަހުރި ހުރިހާ ޖަރީމާތައް ބަލަން ކޮމެޓީއެއް ނަގަން. ސްޓޭންޑްބައި ކޮމެޓީއެއް ވަގުތުން ބަހައްޓަން. އަޅުގަނޑުމެންގެ ހައްގު އޮންނާނެ. ރައްޔިތުންގެ ހައްގު އޮންނާނެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކުގެ ތެރޭގައި ހެއްކާއި ގަރީނާ ހުރި އެތަކެއް މައްސަލަ އެބަހުރި ކަމަށެވެ. އަދި އެ މައްސަލަތައް ބަލަންޖެހޭނީ މިނިވަން ފުލުސް އޮފީހަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ "ގައިގައި އަތްނުލެވޭނެ" ކަމަށް ދެކެވެމުންދާ ވާހަކަތަކަށް ޖާބިރު މިރޭ ވަނީ ރައްދު ދެއްވާފައެވެ.

"ޔާމީނު އެ ވިދާޅުވަނީ އަތެއްނުލެވޭނެއޭ ތިމަންނާ ގައިގައި. އެކަމަކު އަމިއްލައަށް ދައްކާފަހުރި ވާހަކަތަކާއެކު މައްސަލަ ތަހުގީގު ކުރީމަ ނޫންތޯ އަތް ނުލެވޭ ލެވޭ އެނގޭނީ ރަނގަޅަށް. ބެލީމަ ނޫންތޯ އެނގޭނީ،" ޖާބިރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ގެއްލުނު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯއްދަވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވާ ކަމަށާއި އެމަނިކުފާނު އެކަން ކުރައްވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވިގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ކުށްވެރިވާނީ ހަމައެކަނި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ނޫނެވެ. ރައީސް ޔާމީން ވެސް އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތު ޖާބިރު ވަނީ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމަށެވެ.

"ރައީސް ޔާމީން ބަރާބަރަށް ބައިވެރިނުވަނީސް ކިހިނެތްތޯ އަދީބު އެވަރު ކަމެއް ކުރައްވަނީ. އޭގެ ރެސްޕޯސްނިބަލިޓީ ނަގަންޖެހޭނީ ރައީސް ޔާމީން. ޕްރެޒިޑެންޓް ނަގަންޖެހޭނީ ރެސްޕޯންސިބަލިޓީ. ރައީސް ޔާމީން ގެނައި ބޭފުޅެއް އަދީބަކީ. ދިވެހި ރައްޔިތުން އިންތިޚާބު ކުރި ބޭފުޅެއް ނޫން އެއީކީ. ޓޯޓަލް ރެސްޕޮންސިބަލިޓީ ރައީސް ޔާމީން ނަންގަވަންޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ.

ކޮންމެ ބޭފުޅެއް ކަމަށްވިޔަސް ގާނޫނު އެބޭފުޅަކާ އަރާ ހަމަކުރާނެ ކަމަށާއި އެކަމުގެ މިސާލަކީ ޖަލުގައި މިހާރު ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު އެބޭފުޅަކާ އަރާހަމަކުރާނެ އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް. އެއީ ފަނޑިޔާރަކަށް ވިޔަސް. އަޅުގަނޑުމެންގެ ގައުމުގައި ވަރަށް އިއްޒަތްތެރިކޮށް ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން އެތިބީ ޖަލުގައި. އެއީ އިހަށް ދުވަހު ހުކުމް ކުރަންތިބި ބޭފުޅުން އެތިބީ ޖަލުގައި. ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދު އެއޮތީ ޖަލުގައި. އަލީ ހަމީދު އެ ހުންނެވީ ޖަލުގައި. އެހެންވީމަ ކާކާތޯ ގާނޫނު އަރާ ހަމަނުކުރާނީ،" ޖާބިރު ވިދާޅުވިއެވެ.