ބޮލީވުޑް

ބައްޕަ ސައިފްގެ ފިލްމް ލަވް އާޖްކަލްގެ ރީމޭކުގައި ސާރާ

ސައިފް އަލީ ޚާންގެ ދަރި ސާރާ އަލީ ޚާންގެ ފުރަތަމަ ދެފިލްމުގެ ކާމިޔާބީއާ އެކު އޭނާ ދެން ފެންނާނީ ކޮން ފިލްމަކުންތޯ ބަލަން ގިނަ ބައެއްގެ ނަޒަރު ހުރީ ހުއްޓިފައެވެ.

ސާރާ ފުރަތަމަ ކުޅުނު ފިލްމު ކެދާރްނާތުގައި އޭނާގެ ރޯލަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ރަންވީރު ސިންގްއާއެކު ކުޅުނު ފިލްމު ސިމްބާ ވަނީ 2018ގެ އެންމެ ބޮޑު އެއް ހިޓަށް ވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާރާ ދެން ފެނިގެންދާނީ ކާރްތިކް އާރްޔަން އާއި އެކު އޭނާގެ ބައްޕަ މީގެ ކުރިން ކުޅެފައިވާ ފިލްމު ލަވް އާޖްކަލްގެ ރީމޭކުގައެވެ. އެ ފިލްމަކީ ސައިފް އަދި ދީޕިކާ ލީޑް ރޯލުން ފެންނަ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ވަނީ މި ފިލްމު އުފައްދަން ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ފިލްމުގެ ތަރިން އަދި ހާމައެއް ނުކުރެއެވެ.

ސައިފްވެސް ފިލްމުން ފެނިގެންދާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ސައިފް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ސައިފް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބުނީ ލަވް އާޖްކަލްގެ ރީމޭކުގައި ސާރާއާ އެކު އޭނާ ފެނިގެން ނުދާނެކަމަށެވެ.

ސާރާވެސް ވަނީ އެކަން ދޮގުކޮށްފައެވެ. ސާރާ ބުނިގޮތުގައި ބައްޕައާއެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ނަމަވެސް ނަމެއްގައި ކުޅުމުގެ ބަދަލުގައި ކުޅޭ ފިލްމެއްގައި ދެމީހުންގެ ރޯލަކީވެސް މުހިއްމު ރޯލަކަށް ވާކަހަލަ ފިލްމަކަށް ވާންޖެހޭ ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒް ފިލްމުގެ ކާސްޓުންގެ ނަން ހާމަކޮށްފައި ނުވިއަސް މިއަހަރު ތެރޭ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.