ބޮލީވުޑް

ޕީސީގެ ކައިވެންޏަށް މެދުކަނޑާލުމަށްފަހު ސްކައި އިސް ޕިންކް ގެ ޝޫޓިން ފަށަނީ

ޝޮނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމް "ދަ ސްކައި އިސް ޕިންކް" ފިލްމުގެ ލީޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) ގެ ކައިވެންޏަށް މެދު ކަނޑައިލުމަށްފަހު އަންނަ ފެންބުރައީގައި ފަށަން ތައްޔާރުވެެއްޖެއެވެ.

ފަރްހާން އަޚްތަރުއާއި ޒިއާރާ ވާސިމްވެސް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ވަނީ ލަންޑަން، ދިއްލީ އަދި މުމްބާއީގައި ކުރިއަށް ގެންގޮސްފައެވެ. ޑިސެމްބަރުމަހު ފިލްމުގެ ކާސްޓުންނާއި ކްރޫއިން ވަނީ ޕީސީގެ ކައިވެންޏަށް ފިލްމުން ބްރޭކެއް ނަގައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދެ މަސްދުވަހަށްފަހު ފިލްމުގެ ޝޫޓިން އަލުން ފަށަން ހަމަޖައްސައިފައިވަނީ ފެބްރުއަރީ މެދުތެރޭގައެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެންޑަމެން ނިކޮބާ އައިލެންޑްސްގަ އާއި މުމްބާއީގައެވެ.

ޕީސީގެ ކައިވެންޏަށް މެދުކަނޑާލިއިރު ފިލްމުގެ ރޮމެންޓިކް ލަވައެއްގެ ޝޫޓިން ވަނީ ދިއްލީގައިވެސް ނަގާފައެވެ. އެ ލަވައިގައި ފެނިގެން ދަނީ ޕީސީ އަދި ފަރްހާންއެވެ.

ފިލްމުގައި ޒައިރާ ފެނިގެންދާނީ މޯޓިވޭޝަނަލް ސްޕީކަރެއްގެ ގޮތުގައެވެ. ޕީސީ އާއި ފަރްހާން ކުޅެނީ ޒައިރާގެ މައިންބަފައިންގެ ރޯލެވެ. ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވާ ތާރީހު އަދި ނުނިންމާއިރު މިއަހަރު ރިލީސްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.