އަލީ ހުސައިން

ގޮނޑީގެ މައްސަލާގައި އޮތް ޚިލާފު ނެތިއްޖެ، ސުޕްރީމް ކޯޓުން ބަލަންޖެހޭ މައްސަލައެއް ނެތް: އަލީ ހުސައިން

އިލެކްޝަންސް ކޮމިޝަނުންގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމާމެދު އުފެދިފައިވާ ޚިލާފު ނެތިގެން ހިނގައްޖެ ކަމަށާއި އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދެން އިތުރަށް ބަލަންޖެހޭ މައްސަލައެއް ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ވީޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންް ކޮމިޝަނުން ކަނޑައެޅުމުން ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިތާ އެތަކެއް ދުވަހެއް ވެގެންދިޔައިރުވެސް މައްސަލަ ނިންމާފައިނުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަ ނުނިމި ލަސްވާތީ އެ 12 މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބަޔާންކޮށް އެ ނިންމުން މުރާޖާކޮށްދޭން އެދިފައި ކަމަށެވެ. އަދި އެ މެމްބަރުން އެދުމުން އެ ނިންމުން މުރާޖާކޮށް ކުރިން ނިންމި ނިންމުން ބާތިލްކޮށްފައިވާއިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަދި އެ މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެ ނިންމުން ބާތިލްނުކުރަނީސް އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލްކޮށްފައިވާތީ ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނުން ގާނޫނު އަސާސީއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބަޔާންކޮށް 12 މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް މި ހުށަހަޅަނީ. ދެން އިލެކްޝަންސް ކޮމިޝަނުން މި ބުނަނީ އާ އޯކޭއޭ ތިމަންނަމެންގެ މައްސަލައެއް މިހާރު ނެތޭ. 12 މެމްބަރުން އެބުނަނީ ހަމަ ރަނގަޅު ވާހަކައެކޭ. އެމީހުންނަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭ. އެމީހުންގެ ގޮނޑިއެއް ނުގެއްލެއޭ. އެހެންވީމަ އިތުރަށް ސުޕްރީމް ކޯޓުން މައްސަލަ ބަލަންޖެހޭ ސަބަބެއް ނެތެއް ނޫންތޯ. މައްސަލަ ނިމުނީ ނޫންތޯ ހަގީގަތުގައި،" އަލީ ހުސައިން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ޚިލާފެއް އުފެދިގެން ކޯޓަށް މިދަނީ. ދިޔައިމަ މައްސަލަ ރައްދުވާ އެއްފަރާތުން މި ބުނަނީ މައްސަލަ ހުށަހަޅާފަ އޮތް ފަރާތްތަކުގެ ރައުޔޭ ތިމަންނަމެންވެސް ގަބޫލުކުރަނީ. ތިމަންނަމެން ވެސް ގަބޫލުކުރާގޮތުގައި އެމީހުންގެ ގޮނޑިއެއް ނުގެއްލެއޭ،"

އޭނާ ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ނިންމި ނިންމުން މުރާޖާކޮށް ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުނުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ވަނީ ހައްލު ލިބިފައި ކަމަށެވެ.

"އަޅުގަނޑު ދަންނަވަން މިއުޅެނީ އެ ޚުސޫމަތު ނެތި ދިޔައީއޭ، އެ ޝަކުވާ ނެތި ދިޔައީއޭ. އެއްވެސް ޝަކުވާއެއް ނެތޭ. މައްސަލައެއް ނެތޭ. ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ އިތުރަށް ކުރިއަށްގެންދަން ޖެހޭނެ އެއްވެސް ސަބަބެއްވެސް ނެތޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"ދައުވާ ރައްދުވާ ފަރާތުން އެ ބުނަނީ ދައުވާ ހުށަހެޅި ފަރާތުން ބުނާ ފަދައިން ތިމަންނަމެންވެސް ގަބޫލުކުރާ ގޮތުގައި ގޮނޑިއެއް ނުގެއްލޭ ކަމަށް. އެހެންވީމަ އެ ހިސާބުން ސުޕްރީމް ކޯޓުން އިތުރަށް ކޮން މައްސަލައެއް ބަލާކަށްތޯ. އިތުރަށް ސުޕްރީމް ކޯޓުން ކޮން އަމުރެއް ނެރޭކަށްތޯ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަގީގަތުގައި ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެންޖެހޭ އެއްވެސް ސަބަބެއް ނެތް،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އެގެންދަނީ ގާނޫނީ އުމުގެ ތެރެއިން ކަމަށާއި މީގެކުރިން ގޮނޑީގެ މައްސަލާގައި އެ ކޮމިޝަނުން ގޮތް ނިންމީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައި ވަނިކޮށް ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ގޮނޑީގެ މައްސަލާގައި އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ހުކުމް ނީއްވަނީސް، އެކަމާ ގުޅޭގޮތުން ނިންމުމެއް ނިންމުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ވިޔަސް އަދި އެހެން އިދާރާއަކަށް ވެސް ލިބިގެންނުވާ ކަމަށެވެ. އަދި އެ ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.