ކުޅިވަރު

ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ، ރާއްޖެ ހާސްކަމުގެ ތެރެއަށް

ޑާކާ އިން: އަހުމަދު ޔަޝާއު – ވަން އޮންލައިން

ސާފް ސުޒުކީ ކަޕް 2018 ގެ ގްރޫޕް ބީ ގައި، ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން އެކުވެރި ލަންކާ އާ އެއްވަރުވެ ޓީމު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

ބަންގްލަދޭޝްގެ ޑާކާގައި ރޭ ކުޅުނު މެޗުން ރާއްޖެ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕްގައި ރާއްޖެއާއި، ލަންކާގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއެވެ. އިންޑިއާ ވަނީ ލަންކާއާ ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މިއަދުގެ މެޗުން ރާއްޖެ ލަންކާއާ އެއްވަރުވުމުން، އިންޑިއާ ސެމީފައިނަލަށް ދަތުރުކުރީއެވެ. އަދި ރާއްޖެއަށް އޮތް ހަމައެކަނި ފުރުޞަތަކީ، ގްރޫޕްގެ ފަހުމެޗުގައި އިންޑިއާ އަތުން ދެ ލަނޑުގެ ތަފާތުން ބަލި ނުވެ ފަރުޖެއްސުމެވެ.

ރާއްޖެ އިން މި މުބާރާތަށް އައީ ޓީމުގެ އެންމެ މުޙިއްމު ކުޅުންތެރިޔާ އަދި ސާފު ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ އިތުބާރު ފޯވާޑު އަލީ އަޝްފާޤު (ދަގަނޑޭ) ނުލައެވެ. ދަގަނޑޭ ޓީމަށް ނުނެގީ ތަފާތު އެކިއެކި ސަބަބުތަކާހުރެ ކަމަށް ޤައުމީ ކޯޗު ޕީޓާ ސެގާޓް ވަނީ މީގެކުރިން ބުނެފައެވެ. ދަގަނޑޭގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމައިރުވެސް ވަނީ އަނިޔާގެ ސަބަބުންކަމަށްބުނެ ފައިނަލް ސްކޮޑުން ބާކީ ކޮށްފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ ދެވަނަ މިނެޓުގައެވެ. ރާއްޖެ ޓީމުގެ ހަސަން ނާއިޒް ނަގައިދިން ކޯނަރު އިބްރާހީމް ވަހީދު މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލިނަމަވެސް، ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ސުޖަން ޕެރޭރާ އަކީ ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ ކީޕަރެކެވެ.

ރާއްޖޭގެ ދެވަނަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދަށް ލަންކާ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ހިލޭޖެހުމަކުންނެވެ. އަލީ ފާސިރުގެ މި ހިލޭޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ތިން މިނެޓު ފަހުން ރާއްޖެއަށް ލިބުނު އިތުރު ހިލޭޖެހުމެއް އަކްރަމް އަބްދުލްޤަނީ ފޮނުވާލުމުން ލަންކާގެ ގޯލްކީޕަރު ސުޖަން ޕަންޗުކޮށް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ފޮނުވައިލި އެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ލަންކާއިން ވަނީ ކައުންޓާ އެޓޭކުގައި ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ލައިންސްމަން ވަނީ އެ ލަނޑަކީ ލަންކާ ކުޅުންތެރިޔާ އޮފްސައިޑް މަޤާމެއްގައި ހުރެ ކާމިޔާބު ކުރި ލަނޑެއް ކަމަށް ނިންމާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރާއްޖޭގެ ހަސަން ނާއިޒަށްވެސް ލީޑު ނަގަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލާފަ އޭނޭ ޖެހި ޝޮޓުވެސް ސުޖަން ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަންކާއަށްވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެޓީމުގެ އަފީލް މުޙައްމަދު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަމްޒާ މުޙައްމަދަށްވެސް ލަނޑުޖަހަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލަން މަސައްކަތްކުރި ނަމަވެސް އޭނާ ހޫރާލި ފައިގައި ބޯޅަ ރަނގަޅަށް ލައްވައިލާ ގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ލަންކާއިން ޖެހިޖެހިގެން ދެ ހަމަލާ އުފެއްދިއެވެ. ނަމަވެސް، މި ދެ ހަމަލާވެސް ރާއްޖޭގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ރާއްޖޭއަށް ރަނގަޅު ހިސާބަކުން ހިލޭޖެހުމެއް ލިބި ބޭކާރުވިއެވެ. އަލީ ފާސިރު ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. އޭގެ ތިން މިނެޓުފަހުން ރާއްޖޭގެ ހަސަން ނާއިޒު ތިރިތިރިން ނަގައިދިން ހުރަސް މުޅިން ހުސްކޮށް އަރާ ގޯލަށް ފޮނުވާލަން ރާއްޖޭގެ ހަމްޒާ މުޙައްމަދު މަސައްކަތްކުރި އިރު އޭނާ ހުރީ އޮފްސައިޑް މަޤާމެއްގައެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ލަންކާގެ އަސިކުރް ރަޙްމާން އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ދެމިނެޓުފަހުން ލަންކާގެ އެހެން ކުޅުންތެރިއެއް ފޮނުވާލި ބޯޅަވެސް ފައިސަލް ވަނީ މަތަކޮށްފައެވެ. ރާއްޖޭގެ ފުރަތަމަ ބަދަލު ފެނިގެން ގޮސްފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ހަމްޒާ މުޙައްމަދަށް ލިބުނު އަނިޔާއަކާ ގުޅިގެން ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލްޤަނީ ވަނީ ކުޅެން އަރާފައެވެ. ލަންކާއިން ވަނީ ކައުންޓަ އެޓޭކުގައި ރާއްޖޭގެ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ. ރާއްޖޭގެ ދެވަނަ ބަދަލު ފެނިގެންދިޔައީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ހަސަން ނާއިޒްގެ ބަދަލުގައި ޓީސީ ސްޕޯރޓްސް އަށް ކުޅެމުން އަންނަ އިބްރާހީމް މަހުދީ ވަނީ ކުޅެން އަރާފައެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައި ލަންކާއަށް ލަނޑު ޖަހަން ރަނގަޅު ތިން ފުރުޞަތު ލިބުނެވެ. އެޓީމުގެ އަސޭލާ މަދުޝަން އާއި ކަވިންދު އިޝާންގެ މި ތިން ހަމަލާވެސް ރާއްޖޭގެ ގޯލްކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. މެޗުގެ 86 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ތިރިތިރިން ނަގައިދިން ހުރަހަކުން ރިހާމް އަބްދުލްޤަނީ ވަނީ ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް، ލައިންސްމަން ވަނީ މިލަނޑަކީވެސް އޮފްސައިޑް މަޤާމެއްގައި ހުރެ ކާމިޔާބުކުރި ލަނޑެއްކަމަށް ނިންމާފައެވެ.

މި ގްރޫޕްގައި ދެން ރާއްޖެ ކުޅޭ މެޗެއް އޮންނާނީ އަންނަ އާދީއްތަ ދުވަހު އިންޑިއާ އާދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ.