ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމަށް މިދިޔަ މަހުގައި ހުޅުވާލި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.
ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ރަށްތައް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެއެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން، އިންވެސްޓަރުންނަށް ދިމާވެފައިވާ ދަތުރުފަތުރުކުރުމާއި ބޯޑަރުތައް ބަންދުކުރުން ފަދަ ދަތިތަކަށް ރިއާޔަތްކޮށް، ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 24 ވަނަ ދުވަހުގެ 10:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ލިބޭނެ ކަމަށް ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ވަނީ، މިވަގުތު ދުނިޔޭގެ އިންވެސްޓްކުރުމުގެ މާހައުލަށް ރިއާޔަތްކޮށް، ރަށްތަކުގެ އެންމެ ކުޑަކޮށް ހުށަހެޅޭ ލީޒް އެކުއިޒިޝަން ކޯސްޓުވެސް އިސްލާހުކޮށްފައެވެ.