އެޓަރނީ ޖެނެރަލް

ރައީސް ޔާމީނާއި އަދީބުގެ މަނީލޯންޑްރީން މައްސަލަތަކެއް އޭޖީން ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެހެނިހެން ފަރާތްތަކެއް މަނީލޯންޑްރީން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ލިޔެކިޔުންތައް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފައްދަވައިވާ ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް ޔާމީންއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އަދި ކުރީގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން މަނީލޯންޑްރިން ހިންގިކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތަކެއްގެ ހެކި ހިމެނޭ ލިޔުންތަކެއް އެމްޑީޕީން މިމަހު އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެލިޔެކިއުންތަކަކީ އަދީބުގެ މޮބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކުރުމަށްފަހު ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކާއި އެއާ ގުޅޭ ލިޔުންތަކެއް ކަމަށް ބަޔާނުގައި ވެއެވެ.

އަދި އެރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މޮބައިލް ފޯނުގައިވާ ޑޭޓާ ތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދީފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެއް ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުން ބުނީ އެލިޔުންތައް އެއޮފީހުން ދިރާސާކުރިއިރު އެލިޔެކިއުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުން މަނީލޯންޑްރިންގެ ކުށުގެ އިތުރުން ރިޝްވަތު ދިނުމާއި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އަމަލުތަކެއް ވެސް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެލިޔެކިއުންތައް މިމަހުގެ 15 ވަނަ ދުވަހު ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެލިޔެކިއުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ހެކި ރައްކާތެރިކޮށް މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމަށް ފުލުހުންގެ އިދާރާއަށް ވެސް އެލިޔެކިއުންތައް ހުށަހަޅާފައިވާނެ ކަމަށް އެޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރައި ދައުލަތަށް ހޯދުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމަށެވެ.

އެހެންކަމުން ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ، އަނބުރައި ހޯދުމަށްފަހު އެފައިސާ ރާއްޖެއަށް ގެނައުމަށްޓަކައި ގާނޫނީ ގޮތުން ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތައް ކުރުމަށް، ބޭރުގެ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހޯދައި އެމަސައްކަތް ކުރިއަށްގެންދިއުމަށް ކަމާބެހޭ ފަރާތްތަކާއެކު އޭޖީ އޮފީހުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެއެވެ.