އަހްމަދު އަދީބު އަބްދުލްގަފޫރު

ކޯޓުން ގޮތެއް ކަނޑައަޅަންދެން އަދީބު ގޭގައި ބެހެއްޓުމުގެ އަމުރަށް ހައިކޯޓުގައި އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް ހައިކޯޓުގައި އެދުނު މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އަދީބު ގޭގައި ބެހެއްޓުމުގެ އަމުރަކަށް ހައިކޯޓުގައި އެދިއްޖެއެވެ.

އަދީބުގެ ފަރާތުން މިދިޔަ އަހަރު ސިވިލް ކޯޓުގައި ކުރި ދައުވާގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅިގެން އެކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ ފަރާތުން ވަނީ ޑޮކްޓަރުގެ ލަފާގެ ދަށުން އަދީބު ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ހުށަހަޅަމުން އަދީބުގެ ވަކީލު ވިދާޅުވެފައިވަނީ އަދީބުގެ ސިއްހީ ހާލަތު މިހާރު ވަރަށް ގޯސްވެފައިވާތީ، އޭގެ ސަބަބުން އަދީބުގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަދި ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދީބުގެ ބޭސްފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރުމަށް ވަކީލު އެދިފައިވެއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމުގައި އަދީބުގެ ފަރާތުން ދައުލަތަށް އެއްބާރުލުން ދީފައި ނުވާތީކަމަށެވެ.

އެގޮތުން އަދީބުގެ ސީޓީ ސްކޭނެއް ހެދުމަށް ކަރެކްޝަނުން މަސައްކަތް ކުރުމުން އެކަމަށް އަދީބުގެ ފަރާތުން އެއްބާރުލުން ދީފައި ނުވާކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި ދައުލަތުގެ ވަކީލު ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލު ކުރިނަމަވެސް އަދީބު ބޭރަށް ފޮނުވަން މިވަގުތު ހައި ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ސިވިލް ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނީ މައުޟޫއީ ގޮތުން މައްސަލަ ބެލުމެއް ނެތި ކަމަށް ވެފައި، އަދި އެއީ އިޖްރާއީ ގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ ކަމަށް ވަކީލު ވިދާޅުވިއެވެ.

އަދީބުގެ ފަރާތުން އެދުނު ވަގުތީ އަމުރާ ގުޅިގެން ދައުލަތުން ވަނީ އެ އަމުރާ މެދު ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލެއްވީ ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދިނުމަށްފަހު، ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަން ރިޔާސަތުން އިއުލާންކުރުމަށްފަހުއެވެ.