އިބްރާހިމް ޒަކީ
މުވައްޒަފުން ސަސްޕެންޑް ކުރަނީ، މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަވުމާއި، ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލުވާކަން ފާހަގަ ކުރެވިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ނޯޓިސް ދެމުންދާކަމަށް ބައެއް މީޑިޔާތަކުން ބުނެފައިވާތީ، ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ކުއްލި ގޮތަކަށް ސަސްޕެންޑްކުރަމުންދާ ކަމަށް މީޑިޔާ ގައި ދައްކާ ވާހަކައަކީ ހަގީގަތް އޮޅޭގޮތަށް ދައްކަމުންދާ ވާހަކައެއް ކަމަށެވެ.
ކުންފުނިން މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާނަމަ އެކަން ކޮށްފައިވަނީ، އެ މުވައްޒިފެއްގެ ސަބަބުން ކުންފުންޏަށް ގެއްލުންވެ ފަރުވާ ކުޑަވެ، ކުންފުނީގެ މުދަލަށާއި ފައިސާއަށް އިހުމާލުވެގެން ކަމަށްވެސް ބުނެފައިވެ އެވެ.
"މި ކުންފުނީގެ މުވައްޒުފެއް ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާނަމަ، ސަސްޕެންޑް ކުރެވިފައިވަނީ، ކުންފުނިންދޭ ހިދުމަތްތައް ދިނުމުގައި މުވައްޒިފުންގެ އިހުމާލުން ކުންފުންޏަށް ގެއްލުންވެ، މުވައްޒަފާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާ ކުޑަވުމާއި، ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލުވަމުން ދިއުމާއި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފޯރުކޮށްދިނުން، ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ އާއި މި ކުންފުނިން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަށް ބުރޫއަރާފަދަ އަމަލުތައް ހިންގަމުންދާ މުވައްޒަފުން،" ފެނަކައިގެ ބަޔާނުގައިވެ އެވެ.
ފެނަކައިން ބުނެފައިވަނީ، ކުންފުނީގެ މަސްއޫލިއްޔަތުގެ ތެރެއިން އިތުބާރު ލިބިފައިވާ، ހަރުދަނާ، ދެމެހެއްޓެނިވި، ހިދުމަތްތަކެއް، ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ، ކޮންމެ މުވައްޒިފެއްގެ ޒިންމާއެއް ކަމަށެވެ.
އަދި އެ ކުންފުންޏަކީ، މުވައްޒިފުންގެ ވަޒީފާގެ ރައްކާތެރިކަމާއި، މުވައްޒިފުންގެ ނަޒާހަތްތެރިކަން ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މަސައްކަތްކުރާނެ ކުންފުންޏެއް ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.