އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބާނަން: އީސީ

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ވަނީ ގޮނޑި ގެއްލިފައިވާކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ބާތިލްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަންސް ބޭއްވުމަށް ނިންމި ނިންމުން ބާތިލްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރަށްފަހު އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އެ ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބައި، އަމުރާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރުމުގެ އިތުރުން، މައްސަލައާ މެދު ވަކިގޮތެއް ނުނިމެނީސް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުން ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.