ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ދުވަސްވީ މީހާއަށް އަނިޔާކުރާ ވީޑިއޯއިން ފެންނަނީ ބަލައިނުގަނެވޭނެ، އަނިޔާވެރި އަމަލެއް: ޖެންޑާ މިނިސްޓަރު

އިބްރާހިމް ޒަކީ

އުމުރުން ދުވަސްވީ، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަނީ ބަލައިނުގަނެވޭނެ، އަނިޔާވެރި އަމަލެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެެއްޖެ އެވެ.

ހޮޓަލެއްގެ ތެރޭގައި ސައިބޯން އިންދައި ދުވަަސްވީ، ނުކުޅެދުންތެރިކަން ހުންނަމީހަކަށް، އަނިޔާކޮށް ފުރައްސާރަކުރަނިކޮށް، ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވައި، ޖެންޑާ މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއީ ބަލައިނުގަނެވޭނެ، އަނިޔާވެރި އަމަލެއް ކަމަށާއި، އެކަންކުރި ފަރާތާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

"އުމުރުން ދުވަސްވީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭނެ، އަނިޔާވެރި އަމަލެކެވެ. އެ އަމަލު ހިންގި ފަރާތާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރަމުން ގެންދާނަން،" މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އިއްޔެ ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ، އުމުރުން ދުވަސްވީ ހަތަރު ފިރިހެނުން ހޮޓަލެއްގައި ސައިބޯން ތިއްބައި، ބޭރުން އައިސް އެމީހުންގެ ކައިރީގައި މަޑުކޮށްލި ޒުވާނަކު، އެތަނުން ދުވަސްވީ އެކަކަށް ފުރައްސާރަކުރާ މަންޒަރެވެ.

އެގޮތުން މޭޒު ކައިރީގައި މަޑުކުރިމީހާ، ދުވަސްމީހާއަށް ހަޅޭއްލަވައި އޭނާގެ ލޮލަށް އިނގިލި ވަންނަ ވަރަށް އަތް އުކަން ފަށައެވެ. އެކަމާގުޅިގެން ދުވަސްވީ މީހާ ވެސް ރުޅިގަދަވެ، އިން ގޮނޑިން ތެދުވެ އަނެއް މީހާއަަަށް ރައްދު ދެ އެވެ.

ދެމީހުންގެ ދެމެދުގައި ހިނގި ކަންތަކުގައި ޒުވާން މީހާ ދުވަސްވީމީހާ ކޮައްޕާލައި އެނާ ފަހަތުންގޮސް ގަޔަށާއި މޫނަށް ކުޅުޖަހާ ތަން ވީޑިއޯއިން ފެނެ އެވެ.

މި މައްސަލައިގައި އެތައް ބަޔަކު ސޯޝަލް މީޑިޔާގައި އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފުލުހުން ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެވީޑިއޯ އާ ގުޅިގެން އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ، އައްޑޫސިޓީ ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާކަަމަށެވެ.