އިބްރާހިމް ޒަކީ
ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީގެ ޓިކެޓުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ނިންމާފައިވާ ބައެއް ފަރާތްތަކުން، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ)ގެ އެހީތެރިކަމަށް އެދި ހުށަހަަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ލޭބާ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް ޒާކިރު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، އެ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ފަސް ދާއިރާއަކަށް ކުރިލާން ނިންމާފައިވާ ބޭފުޅުން ލޭބާ ޕާޓީގެ ތާއީދު ބޭނުން ކަމަށްބުނެ ހުށަހަޅާފައިވާ ކަމަށެވެ.
ލޭބާ ޕާޓީން ވަނީ، އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ އިތުރުން، އެބޭފުޅުން ބައްލަވާ އުސޫލުތަކަށް ފެތޭނަމަ އެހެން ޕާޓީތަކާ އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކަށްވެސް ތާއީދު ކޮށް، މަސައްކަތް ކޮށްދިނުމަށް ނިންމައިފަ އެވެ.
"އަދާލަތު ޕާޓީ އާއި ޖޭޕީގެ ޓިކެޓުގައި ފަސް ދާއިރާއަކަށް ކުރިމަތިލައްވަން ނިންމަވާފައިވާ ބޭފުޅުން ވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދި ހުށަހަޅާފަ،" މައުރޫފް ޒާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ނަންތައް ހާމަ ކުރައްވާނީ، ޕާޓީން ބަލާ ކަންތައްތަކަށް އެބޭފުޅުން ފެތޭތޯ ބެއްލެވުމަށްފަހު، ޕާޓީން އެންޑޯޒް ކުރުމަށްފަހު ކަމަށެވެ.
"އެގޮތަށް ހުށަހަޅާ ބޭފުޅުންގެ ބެކްރައުންޑް އަޅުގަނޑުމެން ބަލަން ޖެހޭ، އެގޮތުން އެބޭފުޅުން ލޭބަރުންނަށް އިހުމާލު ވެފައިވޭތޯ އާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވޭތޯ ބަލަންޖެހޭ. ކަނޑައެޅިފައި ހުރި އެފަދަ ކަންތައްތަކެއް ބެލުމަށްފަހު، ޓްރެއިނިން ޕްރޮގްރާމެއް ވެސް ހިންގޭނެ. އެގޮތަށް އަޅުގަނޑުމެން އެންޑޯޒް ކުރާނީ،" މައުރޫފް ޒާކިރު ވިދާޅުވި އެވެ.