ގޮނޑި ގެއްލިފައިވާކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑިއާ މެދު އިލެކްޝަންސް ކޮމިޝަނުން 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުން އެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަމުންދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާ ކަމަށް ބުނެ އެ މެމްބަރުން އެ ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.
އެ މައްސަލަތައް ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާ މެދު ބަހުސްކޮށް، ގޮތެއް ނިންމުމަކީ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ގާނޫނު އަސާސީން ލިބިދީފައިވާ ބާރަކާއި އިހްތިސޯސެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އެ ކޮމިޝަންގެ 442 ވަނަ ޖަލްސާގައި އެ 12 މެމްބަރުންނާ މެދު ނިންމާފައިވާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.