ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ވަކިގޮތެއް ނުނިމެނީސް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުން ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑިއާ މެދު އިލެކްޝަންސް ކޮމިޝަނުން 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުން އެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަމުންދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާ ކަމަށް ބުނެ އެ މެމްބަރުން އެ ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.
އެ މައްސަލަތައް ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާ މެދު ބަހުސްކޮށް، ގޮތެއް ނިންމުމަކީ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ގާނޫނު އަސާސީން ލިބިދީފައިވާ ބާރަކާއި އިހްތިސޯސެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
ހަމައެހެންމެ ސުޕްރީމް ކޯޓުން މައްސަލަ ނުނިންމަނީސް އެ މައްސަލައަކާ މެދު ބަހުސްކޮށް ގޮތް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
12 މެމްބަރުން
- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު
- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު
- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
- ތިމަަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ