ކުޅިވަރު

މިއަދުން ފެށިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑް ކޮށްފި

މިއަދުން ފެށިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑް ކޮށްފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކަން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެފްއޭއެމް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ވާގޮތުގައި، ފުޓްބޯޅައިގެ ދާއިރާއިން އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، ރާއްޖޭގެ އެންމެ ބޮޑު ބުޓްބޯޅަ ކުލަބް، ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިހާތަނަށް 10 ކުޅުންތެރިއަކަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަ، އެ ކުޅުންތެރިންނަށް ދީފައިނުވާތީއެވެ.

އެފްއޭއެމްއިން ހާމަކުރި ގޮތުގައި އެ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ދިނުމަށް އެތައް ފަހަރެއްގެ މަތިން ނިއުރޭޑިއަންޓަށް މުހުލަތު ތަކާއި ފުރުސަތު ދީފައި ވީއިރުވެސް ބަޖެޓު ނެތްކަމަށާއި، އެކި ކަންކަމަށް ހަރަދުކޮށް ބަޖެޓް ހުސްވެފައިވާ ކަމަށް ބުނެ އެ ކުޅުންތެރިންނަށް ދޭންޖެހޭ އުޖޫރަ ކްލަބުން ދީފައެއް ނުވެ އެވެ.

10 ކުޅުންތެރިއަކަށް ނިއުރޭޑިއަންޓުން ޖުމްލަ 3.8 މިލިއަން ރުފިޔާ، މުސާރަ އާއި އުޖޫރައިގެ ގޮތުގައި ދޭން ޖެހޭކަމަށް އެފްއޭއެމްއިން ހާމަކުރެއެވެ. އަދި ނިއުރޭޑިއަންޓާއި މި ކުޅުންތެރިންނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކުޅުންތެރިންނަށް ލިބިދީފައިވާ ހައްގުތައް އެ ކުޅުންތެރިންނަށް ދީ، މިހާރު ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ އާއި އުޖޫރަ އެ ކުޅުންތެރިންނަށް ނުރޭޑީއަންޓުން ނުދެނީސް އެފްއޭއެމްގެ ފަރާތުން ރާވާ ހިންގާ އެއްވެސް ހަރަކާތެއް އަދި މުބާރާތެއް ގައި އެ ކްލަބަށް ބައިވެރި ނުވެވޭނެ ގޮތަށް އެ ކްލަބް ސަސްޕެންޑު ކުރެވިފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެފްއޭއެމް އިން ވަނީ މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅަން އެފްއޭއެމްގެ ހިންގާ ކޮމިޓީއިން މިހާރު ނިންމާފައިވާކަންވެސް އިއުލާނު ކޮށްފައެވެ. މީގެ އިތުރުން ފުޓުބޯޅަ އާއިލާގެ ހުރިހާ ފަރާތްތަކެއްގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް އެފްއޭއެމްއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.