ބޮލީވުޑްގައި އިއްޔެ އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ރިޝީ ކަޕޫރަށް ކެންސަރު ޖެހުނު ވާހަކައެވެ. އަދި ކެންސަރުގެ ވެސް އެޑްވާންސް ސްޓޭޖް ގައި ހުރި ވާހަކަ އެވެ.
ނަމަވެސް ރިޝީގެ ބޭބެ ރަންދީރު ކަޕޫރު ވަނީ އެއީ މުޅީން ރަނގަޅު ވާހަކައެއް ނޫންކަމަށް ބުނެފައެވެ. ޓައިމްސް އޮފް އިންޑިއާއަށް ރަންދީރު ދިން އިންޓަވިއުއެއްގައި ބުނީ ރިޝީއަށް ކެންސަރު ޖެހިފައިވާ ކަން އަދި ޔަގީން ނުވާ ކަމަށެވެ. އެމެރިކާގައި މިހާރު ޓެސްޓްތައް ހަދަމުން އަންނަ ރިޝީގެ ބަލި އަދި އެނގޭނީ ހުރިހާ ޓެސްޓުތަކެއް ހެދުމަށްފަހުގައި ކަމަށް ރަންދީރު ވަނީ ބުނެފައެވެ.
މީޑިއާގައި މިހާ އަވަހަށް ރިޝީއަށް ކެންސަރު ޖެހިފަ ވާ ކަމަށާއި އެވެސް އެންމެ އެޑްވާންސް ސްޓޭޖްގައި ކަމަށް ދެކެވޭ ވާހަކަތަކާ މެދު ރަންދީރު ހުރީ ހިތްހަމަ ނުޖެހިފައެވެ. ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަމަޖެހިގެން ހެދުމަށް ރިޝީއަށް ވަގުތު ދިނުމަށް ރަންދީރު އެދެއެވެ. އަދި ޓެސްޓްތައް ހަދައި ނިމުމުން ރިޝީއަށް ޖެހިފައިވާ ބަލި އެންމެނަށް ހާމަ ކުރާނެ ކަމަށްވެސް ރަންދީރު ބުންޏެވެ.
ރިޝީ ވަނީ މީގެ ތިން ދުވަސް ކުރިން އެމެރިކާ އަށް ފުރައިފައެވެ. އަދި ފުރަމުން އޭނާ ވަނީ ޓުވީޓެއް ކޮށްފައެވެ. އޭގައި 45 އަހަރު ވަންދެން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ސިއްހަތާމެދު ސަމާލުކަންދޭން ޖެހިއްޖެކަމަށް ވަނީ ބުނެފައެވެ. އަދި ގެއިން ދަމުން އަނބުރާ ގެއަށް އައުމަށް ވެސް ވައުދުވިއެވެ. ރިޝީގެ ދަރި ރަންބީރު އާއި އަންހެނުން ނީތޫ ވެސް ވަނީ އޭނާ އާ އެކު އެމެރިކާ އަށް ފުރާފައެވެ. އަދި އޭނާގެ އަންހެން ދަރި ރިދިމާ ކަޕޫރު ވެސް ވަރަށް އަވަހަށް އެމެރިކާއަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިޝީއަށް ވަނީ ލޭގެ ކެންސަރު ޖެހިފައެވެ. އަދި އޭނާ އެމެރިކާ އަށް ދިޔައީ ބޭސްފަރުވާ އަށާއި ކީމޯތެރަޕީ އަށެވެ.
ރިޝީމެންގެ އާއިލާ އަށް މި އޮކްޓޯބަރު މަސް ފެށުނީވެސް ހިތާމަ ވެރި ހަބަރަކުންނެވެ. މަޝްހޫރު ލެޖެންޑަރީ ބަތަލު ރާޖް ކަޕޫރުގެ އަންހެނުން، ރިޝީ އަދި ރަންދީރުގެ މަންމަ ވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މަރުވެފައެވެ. ރިޝީ އެމެރިކާގައި ވުމުން އޭނާގެ މަންމަގެ ޖަނާޒާގައި ބައިވެރިއެއް ނުވެވުނެވެ.