މިނިސްޓަރު ފައްޔާޒް އިސްމާއީލް

އަންހެނުން ވަޒީފާއަށް ދަނީ ފިރިހެނުންނަށް ދެއްކޭކަށް ނޫން، ވަކި ކަހަލަ ހެދުމެއް ލިޔޭކިޔާފަ ފޮށޭކަށް ނުޖެހޭ: ފައްޔާޒް

1

ރާއްޖޭގައި އަންހެނުން ވަޒީފާއަށް ނިކުންނަނީ ފިރިހެނުންނަށް އިޝްތިހާރުވާން ނޫން ކަމަށާއި އެ ކަނބަލުން ވަކި ކަހަލަ ހެދުމެއް ލިޔޭ ކިޔާފަ ފޮށެން ވެސް ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އަންހެނުންގެ ކަރާމާތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މީގެ އަށެއްކަ އަހަރު ކުރީން ޝެއިޚް އަހުމަދު ސަމީރު ދެއްވާފައިވާ ދަރުސެއްގެ ވީޑިއޯކޮޅުތަކެއް ސޯޝިއަލް މީޑިއާގައި ދައުރުވަމުންދަނިކޮށް އެޔަށް ފައްޔާޒް ކުރައްވާފައިވާ ބައެއް ކޮމެންޓުތަކާ ގުޅޭ ގޮތުން "ވަން އޮންލައިން"އިން ސުވާލު ދެންނެވުމުންނެވެ.

ޝެއިޚު ސަމީރުގެ އެ ދަރުސްގައި ވިދާޅުވެފައި ވަނީ އަނބިމީހާ އާއި ދަރީން އަދި ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިމީހާގެ ޒިންމާއެއް ކަމަށާއި އަންހެނުން ވަޒީފާއަށް ނިކުންނަން ވާނީ އެކަންކަން ފުރިހަމަ ނުވުން ނުވަތަ އެނޫން ވެސް ކޮންމެހެން ވަޒީފާއަށް ނިކުންނަން މަޖުބޫރު ފަދަ ހާލަތެއް އޮތް ނަމަ އެކަނި ކަމަށެވެ. އަދި ގޭތެރޭގައި އަނބީން ތިބެގެން ފިރީންނާއި ދަރީންގެ ހައްގުގައި އެ ކުރާ މަސައްކަތަކީ ދީނީ ގޮތުން ބެލިޔަސް އަދި ގައުމީ ނަޒަރަކުން ބެލިޔަސް މާ މުހިންމު އަދި އަގު ބޮޑު މަސައްކަތެއް ކަމަށް ޝެއިޚު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ބައެއް ކަހަލަ ހެދުން އަޅައިގެން އަންހެނުން ބޭރުތެރެއަށް ނިކުމެ އުޅުމުން ގޯސް ކަންކަމަށް އަރައިގަންނަން ފިރިހެނުންނަށް ދައުވަތު ދެވޭ ކަމަށް ވެސް ޝެއިޚު ސަމީރުގެ ދަރުސްގައި ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އެއީ މީގެ އަށް އަހަރު ކުރީގެ ދަރުސެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ޝެއިޚުގެ މިހާރުގެ ވެސް ވިސްނުންފުޅު ނަމަ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ކަނބަލުން މަސައްކަތްކުރައްވަނީ އެފަދަ ގޮތަކަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކަނބަލުން ވަޒީފާއަށް ނިކުންނަވަނީ ވެސް ދަރީންނާއި އާއިލީ ޒިންމާތައް ވެސް އަދާކުރައްވަން ކަމަށް ގަބޫލުފުޅުކުރައްވާ ކަަމަށެވެ. އަދި ރާއްޖޭގެ ދިރިއުޅުމުގެ ފެންވަރާއި ހާލަތު އަދި އޮތީ ހަމައެކަނި ފިރިމީހާއަށް ލިބޭ އެއްޗަކުން އާއިލާގެ ހުރިހާ ކަމެއް ފުއްދޭ ފަދަ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ޝެއިޚް ސަމީރު ފަދަ ބޭފުޅުން އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން އަންހެނުންނާ މެދު އަނިޔާވެރިކަން އިސްކޮށް އެ ކަންބަލުންނާ މެދު އިހާނެތިކޮށް ހިތުމަށް ހިތްވަރުލިބޭ ކަމަށެވެ.

"ޝެއިޚް ސަމީރު ފަދަ ބޭފުޅަކު އެގޮތަށް ވާހަކަފުޅުދެއްކެވުމުން އަންހެނުންނަށް އަނިޔާކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބޭނެ. މިހާރުވެސް ކޮންމެ ދުވަހަކުމެ އެފަދަ ޝަކުވާތައް އެދަނީ ލިބެމުން. އެއްވެސް ސަބަބެއް ނެތި އަންހެނުން ގޭގައި ބަންދުކޮށްގެން ގެންގުޅޭ މީހުން ވެސް އެބަ އުޅޭ. އަދި ހަމަ އެހެންމެ އަންހެނުންނާ މެދު އިހާނެތިކޮށް ހިތައި ދީނުގެ ނަމުގައި ނިކަމެތިކަން ދޭ ފިރިހެނުން ވެސް އެހާ ގިނަ." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ނިވައިކަން ކުޑަ ހެދުން ލައިގެން މަގުމަތީގައި އަންހެނުން އުޅުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެގޮތަށް މީހަކު އަދި އުޅުނަސް އެމީހަކާ ބެހި ފުރައްސާރަކޮށް ގަޔަށް ބޮލަށް އެރުމުގެ ލައިސަންސް ފިރިހެނުންނަށް ނޯންނާނެ ކަމަށެވެ. އަދި ޝެއިޚުން ވެސް ވާހަކަފުޅު ދައްކަވާ އިރު އެދެކޮޅަށް ވެސް ބަސް ވިދާޅުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ނުބުނަން އަންހެނުން ވެސް ބޭނުންހާ އެއްޗެއް ލައިގެން މަގުމަތީ އުޅޭށެކޭ. ރާއްޖޭގައި މިހާރު މި އޮތީ މަގުމަތީގެ އަދަބުތައް އެނގޭ ފަދަ ހޭލުންތެރި އަދި ތައުލީމީ ޖީލެއް. އަޅުގަނޑުމެންގެ ކަނބަލުންނަކީ ގައުމުގެ ކަންކަމުގައި ވަރަށް ވެސް ޒިންމާދާރު ބައެއް. އިސްލާމް ދީނުގެ ކަންކަމަށް ވެސް ލޯބިކުރާ ބައެއް." ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟