އަނބިދަރީންނާއި ގޭތެރޭގެ ޚަރަދުތަކުގެ ހުރިހާ ޒިންމާއެއް ދީނީ ގޮތުން ބަލާ އިރު އަދާކުރަން ޖެހޭ މީހަކީ ފިރިހެން މީހާ ކަމަށާއި އަންހެނުން ވަޒިފާއަށް ނިކުންނަން ޖެހޭނީ ކޮންމެހެން ނިކުންނަން ޖެހޭ ފަދަ ޒަރޫރީ ހާލަތެއް އޮތް ނަމަ އެކަނި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ސަމީރު މިހެން ވިދާޅުވީ އޭނާ މީގެ އަށެއްކަ އަހަރު ކުރީން އަންހެނުންގެ ކަރާމާތާ ގުޅޭ ގޮތުން ދެއްވާފައިވާ ދަރުސަކާ ގުޅިގެން މީސްމީޑިއާގައި އޭނާއަށް ފާޑުކިޔަމުން ދާތީ އެކަމާ ގުޅިގެން "ވަން އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޝެއިޚް ސަމީރު ވިދާޅުވީ ގޭތެރޭގައި އަންހެން މީހާ އަދާކުރާ ޒިންމާ އާއި ދޭ ޚިދުމަތަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި ދީނީ ގޮތުން ވެސް އަދި ދުނިޔެވީ ގޮތުން ބެއްޔަސް އެންމެ އަގުބޮޑު ޚިދުމަތަކީ އަންހެން މީހާ ގޭގައި އިނދެގެން އެ އަދާކުރާ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށެވެ.
"އަންހެން މީހާގެ އެންމެ މުހިންމު ޒިންމާއަކީ އޭނާގެ ފިރިމީހާ އާއި ދަރީންނާއި ގޭތެރޭގެ ކަންކަން ހެޔޮގޮތުގައި ބެލެހެއްޓުން. އެއީ ދީނުގައި އަންގަވާފައި އޮތް ގޮތް. އަންހެނުންނަކީ އޭނާގެ ފިރިމީހާ އާއި ދަރީންގެ ކަންކަމާއި އަދި ގޭތެރޭގެ ކަންކަމުގައި ސުވާލުކުރެވޭނެ މީހެއް. ކީރިތި ގުރުއާނުންނާއި ރާސޫލާގެ ސުންނަތުން އެކަން އެނގޭ." ޝެއިޚް ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ އަންހެން މީހާ ގޭގައި އިނދެގެން އޭނާގެ ފިރިމީހާ އާއި ދަރީން އަދި ގޭތެރޭގެ ކަންކަން ހެޔޮގޮތުގައި ބެލެހެއްޓުމަކީ އެންމެ އަގު ބޮޑު ދީނީ އަދި ގައުމީ ޚިދުމަތް ކަމަށާއި އެކަމުގެ އަގު އެއްވެސް މީހަކަށް އަދާ ނުކުރެވޭނެ ކަމަށެވެ. އެއީ ދެރަ ކަމެއް ކަމަށް ނުވަތަ ނިކަމެތި ކަމެއް ކަމަށް ބައެއް އަންހެނުން ދެކޭ ކަމަށާއި އަދި އެ ގޮތަށް ދައްކަން މަސައްކަތް ކުރާ ބަޔަކު ވެސް ސޮސައިޓީގައި އުޅޭ ކަމަށެވެ. އެހެން ނަމަވެސް ގޭތެރޭގައި އަނބީން ނުތިބެ، އެމީހުންގެ ދަރީން މަގުމަތިވެ އެކުދީން ބިކަވެ، މުޖުތަމައު ހަލާކުވެގެން ދިއުމުން އެލިބޭ ގެއްލުން ހުރިހާ ގޮތަކުން ބެއްޔަސް މާ ބޮޑު ކަމަށެވެ.
"ހަގީގަތުގައި ފިރިހެނުންނަށް އާމްދަނީ ހޯދަން ނިކުމެ ބުރަ މަސައްކަތްކޮށް ފިކުރެއް ނެތި މި އުޅެވެނީ އޭނާގެ ގޭތެރޭގައި ގޭގެ އެންމެހައި ޒިންމާ ތަކާއި ދަރީންގެ ތަރުބިއްޔަތުގެ ހުރިހާ މަސްއޫލިއްޔަތެއް ނަގައިގެން އަނބިމީހާ ގޭގައި އިނީމަ. ދީނުގައި އަންގަވައިފައިވާ ގޮތަށް ފިރިމީހާ އާއި ދަރީންގެ ކަންކަމާއި ގޭތެރޭގެ އެހެން ޒިންމާތައް ބޭރުން ގެނެސް ގޭގައި ގެންގުޅޭ ބިދޭސީ މީހާއަށް އަދާކުރެވޭނީ ކިހިނެއްތޯ؟" ޝެއިޚް ސަމީރު ސުވާލުކުރެއްވި އެވެ.
ސަމީރު ވިދާޅުވީ ދަރީންގެ ޚަރަދު ތަކާއި ގޭތެރޭގެ ކަންކަން ހަމަޖެއްސޭ ވަރަށް އާމްދަނީ ލިބޭ ނަމަ، އަދި އާމްދަނީ ހޯދަން އަންހެން މީހާ ނިކުންނަން ޖެހޭ ފަދަ ޒަރޫރީ ހާލަތެއް މެދުވެރިވެފައި ނުވާ ނަމަ އަންހެނުން ގޭތެރޭގެ ޒިންމާތައް ދޫކޮށްލާފައި ނިކުމެ އުޅެން ނުޖެހޭ ކަމަށެވެ.
ސަމީރު އިތުރަށް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ފިރިމީހާ އަކީ އަނބިދަރީންނާއި ގޭތެރޭގެ ކަންކަމުގައި މަސްއޫލުވެރިވާން ޖެހޭ ފަރާތް ކަމަށާއި އަންހެން މީހާ އަތުން އެންމެ ރުފިޔާއެއްވެސް ދޭން ފިރިމީހާއަށް ނުބުނެވޭނެ ކަމަށެވެ.
"އެންމެ ކުޑަމިނުން ފިޔައެއް ގަންނަން ފައިސާ ދޭން ވެސް އަނބިމީހާއަށް މަޖުބޫރެއް ނުކުރެވޭނެ. ކޯޓަކުން އެފަދަ ހުކުމެއް ވެސް ނުކުރެވޭނެ." ޝެއިޚް ވިދާޅުވި އެވެ.
ޝެއިޚް އިތުރަށް ވިދާޅުވީ މި ޒަމާނުގައި ފެންނަ ބައެއް މަންޒަރުތަކަށް ބަލާ އިރު ފިރިން އަތް އުރާލައިގެން ތިބެ އަނބިމީހާ އެކަނި ވަޒީފާ އަދާކޮށްގެން ފިރިމީހާގެ ހުރިހާ ޚަރަދެއް އަދި ދަރީންނާއި ގޭތެރޭގެ ހުރިހާ ޚަރަދެއް ވެސް ކުރާތަން ފެންނަ ކަމަށެވެ. އެހެން ވާނަމަ އަންހެން މީހާއަށް ކަންކަމުގައި ވިސްނޭގޮތް ވެސް ތަފާތު ވާނެ ކަމަށާއި ދިރިއުޅުމުގައި އެއްވެސް ކަހަލަ ކޮންޓްރޯލެއް ވެސް ނޯންނާނެ ކަމަށް ޝެއިޚް ވިދާޅުވި އެވެ.
ޝެއިޚް އިތުރަށް ވިދާޅުވީ ވަޒީފާތަކަށް އަންހެނުން ނެރެން ބާރު އަޅާ ފިރިހެނުން ފުރަތަމަ ކުރާން ޖެހޭ ކަމަކީ އެ ކަނބަލުންނަށް ރައްކާތެރި އަމާން އަދި ފަހި ވެށްޓެއް އެތަންތަނުގައި ގާއިމު ކުރުން ކަމަށެވެ. ދީނީގޮތުން ބަލާ އިރު އަންހެން މީހާގެ ޒީނަތްތެރިކަން
ހާއްސަ ވެގެން ވަނީ އޭނާގެ ފިރިމީހާއަށް އެކަނި ކަމަށާއި އެހެން ނަމަވެސް މިހާރު ކަން ހިނގަނީ އޭގެ އިދކޮޅަށް ކަމަށް ވެސް ޝެއިޚް ވިދާޅުވި އެވެ.
"މިހާރު ކިހިނެއްތޯ މި ވަނީ؟ ގެޔަށް ވަނުމަށް ފަހު އަންހެން މީހާ ގިނަ ފަހަރަށް މި އުޅެނީ ސޯޓު ބުރިއެއް ނޫނީ އެ ނޫންވެސް އެފަދަ އެއްޗެއް ލައިގެން. އޮފީހަށް ދާން ވީމާ، ނޫނީ ބޭރަށް ދާންވީމަ ގިނަ ފަހަރަށް ފެންވަރައި ފުށް ޖަހައި ރީތިހެދުން ލައި ޒީނަތްތެރިވެ ސެންޓު މި ޖަހަނީ. އެހެންވީމަ ހަގީގަތުގަ މިވާގޮތަކީ އަނބިމީހާގެ އަސްލު ޒީނަތްތެރިކަން މި އަންނަނީ ބޭރަށް ނިކުންނަން ވީމަ." ޝެއިޚް ސަމީރު ވިދާޅުވި އެވެ.