މުނިފޫހިފިލުވުން

މަގުބޫލު ޑުރާމާ ސިލްސިލާ ''ދިސް އިސް އަސް'' ވެސް ނިމުމަކަށް

އެންބީސީގެ މަގުބޫލު ޑްރާމާ ސިލްސިލާ ''ދިސް އިސް އަސް'' ގެ އަންނަ އަހަރު ނުކުންނާނެ 6 ވަނަ ސީޒަނަކީ ވަދާއީ ސީޒަންކަން އިއުލާން ކޮށްފި އެވެ.

2019 ވަނަ އަހަރު އެންބީސީ އާއެކު އެޝޯގެ 5 އަދި 6 ވަނަ ސީޒަނަށް ސޮއިކޮށްފައިވާއިރު، 6 ވަނަ ސީޒަނަކީ ބެލުންތެރިންނަށް ފެންނާނެ ޖެކް އަދި ރެބެކާގެ އާއިލާގެ ވަދާއީ ދަތުރުކަމަށް ވެދާނެ ކަމަށް ކާސްޓުން އަދި ކްރޫއިން ވަނީ ކުރިން ލަފާކޮށްފައެވެ.

6 ވަނަ ސީޒަނާއެކު މި ޝޯ ހުއްޓާލަން ނިންމުމާއެކު ރެބެކާގެ ރޯލުން ފެނިގެންދާ ބަތަލާ މެންޑީ މޯ ވަނީ އެކަމާ ހިތާމަ ކުރާކަން އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައެވެ.

މި ހަބަރާއެކު އޭނާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އޭނާ އެންމެ ގަޔާވާ ރޯލު ނިމުމަކާ ހަމައަކަށް އަންނާތީ ހިތާމަކުރާ ކަމަށެވެ.

ރެންޑަލްގެ އަންހެނުންގެ ރޯލުން ފެނިގެންދާ ސޫޒަން ކެލެޗީ ވޮޓްސަން ވެސް ވަނީ އެހަބަރު ރީޓުވީޓު ކޮށް ޝޯއާ އެކު މިހާތަނަށް ކުރެވިފައިވަނީ ތަފާތު ދަތުރެއް ކަމަށާއި، ކުރިއަށް އޮތީ ވަރަށް ގަޔާވާނެ ސީޒަނެއް ކަމުގައި ބުނެފައެވެ.

މި ޑްރާމާގައި ސުޕަސްޓާރެއް ކަމަށްވާ ކެވިންގެ ރޯލުން ފެނިގެންދާ ޖަސްޓިން ހާޓްލީ، ޔާހޫ ފައިނެންސަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މި ޝޯ ގިނަބަޔަކަށް ކަމުދަނީ އޭގައި ދައްކުވައިދޭ ކެރެކްޓާތައް މީހުންގެ ހަޔާތުގައި ތަހައްމަލުކުރާ ކަންތައްތަކާ ގުޅުވައިދޭތީކަމުގައި އޭނާއަށް ގަބޫލުކުރެވޭކަމަށް ބުނެފަ އެވެ.