ކުޅިވަރު

ލެސްޓާގެ ތާރީހީ މޮޅު، ތައްޓާ އެކު މުސްލިމް ދެކުޅުންތެރީން ވިހުރުވައިލި ފަލަސްތީނުގެ ދިދައަށް ޓަކައި ޝުކުރާއި ލޯބި

ލެސްޓާ ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދި އެފްއޭ ކަޕާއެކު ރެއަކީ ކްލަބު ތާރީހުގައި އުފާވެރި ރެއެކެވެ. ކްލަބުން މީގެ ކުރިން ހަތަރު އަހަރު އެފްއޭ ކަޕް ފައިނަލް ކުޅުނު ނަމަވެސް އެޓީމަށް އެ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެވުނީ ރޭ ވެމްބްލީގައި ކުޅުނު ފައިނަލްގައި ޗެލްސީ ބަލިކޮށްގެންނެވެ. ޗެއާމަން ދަނޑަށް އަރައި ކުޅުންތެރިންނާއެކު ލެސްޓާގެ ތާރީހީ ކާމިޔާބު ފާހަގަކުރި އިރު، އެތައް ލޯތަކެއް އަމާޒުވީ މުސްލިމު ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗޯދުރީ އާއި ވެސްލޭ ފޯފާނާ އަށެވެ.

މެޗުން މޮޅުވެ އުފާފާޅުކުރަމުންދިޔަ ވަގުތު، އެތައް ބަޔަކު ބަލަމުންދިޔަ އުފާފާޅުކުރުންތަކުގައި އެ ދެކުޅުންތެރީން ވަނީ ފަލަސްތީނުގެ ދިދަ ވިހުރުވާލައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ބައިނަލްއަގުވާމީ މީޑިއާތަކަށް ދައްކާލައިފައެވެ. ބާރުގަދަ އެ މެސެޖު ހަމްޒާ އާއި ފޯފާނާ ދީފައި ވަނީ އިސްރާއީލްގެ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އެތައް ފަލަސްތީނު ރައްޔިތުންނެއް ޝަހީދު ވެ، ޒަހަމްވަމުންދާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކުން ބޭރުން އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް ކުރިންވެސް ގިނަ ކުޅުންތެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަޑު އުފުލާފައިވާއިރު، ރޭގެ މަންޒަރާއެކު ގިނަ ބަޔަކަށް އެކަމުގެ ސަމާލުކަން ލިބިގެން ދިޔައެވެ.

އިނގިރޭސިވިލާތުގައި ހުންނަ ފަލަސްތީނުގެ އެމްބަސީން ވަނީ ހަމްޒާ އާއި ފޯފާނާ ދައްކުވައިދިން މަންޒަރަކީ ފަލަސްތީނުގެ ރައްޔިތުން ނުހަނު ޝުކުރުވެރިވާ މަންޒަރެއް ކަމަ ށްބުނެ ހާއްސަ ސިޓީއެއް ޕަބްލިކް ކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ފަލަސްތީނު ރައްޔިތުންގެ ނަމުގައި ދެ ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށާއި، އިނގިރޭސި އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލުން މޮޅު ވެ، ތަށި ބަލައި އެރިއިރުވެސް ދެކުޅުންތެރިން ފަލަސްތީނުގެ ދިދަ ހިފައިގެން ދިޔަ ދިޔުމަކީ ފަލަސްތީނު މައްސަލައަށް ދުނިޔޭގެ ސަމާލުކަން އަންނާނެ ކަމެއް ކަމަށެވެ.

ލެސްޓާގެ މުސްލިމް ދެ ކުޅުންތެރީން ކަމަށްވާ ހަމްޒާ އާއި ފޯފާގެ ފަރާތުން ފެނުނު މަންޒަރާއެކު އެކުޅުންތެރިންނަށް އާންމުންވެސް ވަނީ މީސް މީޑިއާގައި ލޯތްބާއި ތައުރީފު ބަންޑުން ކޮށްލާފައެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ފަލަސްތީނު މައްސަލައަށް ދުނިޔެ ހޭލަން ޖެހޭ ކަމަށާއި، ނުފޫޒުގަދަ ޕްލެޓްފޯމްތަކުގައި ދައްކާލެވޭ އެއްބައިވަންތަ ކަމަކީ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ލެސްޓާއިން ރޭގެ މެޗުގައި ޗެލްސީ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ކްލަބުން ދެވަނަ ޑިވިޝަން ކާމިޔާބުކޮށް ޕްރިމިއާ ލީގަށް އައިފަހުން އެންމެން ހައިރާން ކޮށްލައި މިހާތަނަށް ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައިވާއިރު، ރޭގެ ކާމިޔާބީއަކީ ކްލަބުގެ ކުރިމަގަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެކެވެ.