ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް 97 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
"ވީޓީވީ ފަސްމަންޒަރު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ އިއްޔެ ހަވީރު 5:00އަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވި އިރު 97 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކިތައް ދާއިރާއަށް ކަމެއް އަދި މުޅިން ސާފުނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސުންގަޑި ހަމަވިއިރު އަޅުގަނޑުމެންނަށް މިހާތަނަށް 97 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ. އިދާރީ މަސައްކަތް އެއްކޮށް ނިމުނީމަ އަޅުގަނޑުމެންނަށް ސީދާ ދަންނަވާލަން އެނގޭނީ 87 ދާއިރާއަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައި އޮތްކަން ނުވަތަ ނޫންކަން. އަޅުގަނޑަށް ޔަގީންވާ ކަމަކީ ހަމަގައިމު ވެސް 50 ދާއިރާއަށް ވުރެ މައްޗަށް އެބަހުރި އެޕްލިކޭޝަންސްތައް ލިބިފައި،" އޭނާ ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދާޅުވީ އެއް ދާއިރާއަކަށް އެއް ބޭފުޅަކަށް ވުރެ ގިނައިން ކުރިމަތިލާފައިވާ ނަމަ ޕްރައިމަރީއެއް ބޭއްވުމާ މެދު ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށާއި ހުރިހާ ފޯމުތަކެއް ކޮމިޓީއަކުން ބެލުމަށްފަހު ޖޭޕީގެ ކައުންސިލަށް ފޮނުވާނެ ކަމަށެވެ. އަދި އެންމެ ފަހުގެ ނިންމުން ނިންމާނީ ކައުންސިލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.