ޑާކާ އިން: އަހުމަދު ޔަޝާއު – ވަން އޮންލައިން
ސާފް ސުޒުކީ ކަޕް ގްރޫޕް އޭ ގައި ބޫޓާންގެ މައްޗަށް ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ސެމީފައިނަލަށް ޕާކިސްތާން ދަތުރުކޮށްފިއެވެ.
މިއަދުގެ މެޗަށް ޕާކިސްތާން ނިކުތްއިރު އެޓީމަށް ދެމެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެހެންކަމުން، މިއަދުގެ މެޗުން މޮޅުވެގެން އެޓީމަށް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ.
މިއަދުގެ މެޗު ފަށައިގެން ގިނަ ހަމަލާ އުފެއްދީ ޕާކިސްތާނެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނެޓުގައި އެޓީމުގެ ހަސަން ނަވީދު ބަޝީރު ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ބޫޓާނުގެ ގޯލްކީޕަރު އަތަށެވެ. އަދި އޭގެ ހަތް މިނެޓުފަހުން އެޓީމުގެ މުޙައްދަމު އަލީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަވެސް ބޫޓާންގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފައެވެ.
ޕާކިސްތާނުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ކެޕްޓަން ސައްދާމް ހުސައިން ތަނަވަސްކުރި ފުރުޞަތެއްގައި އެޓީމުގެ މުހައްމަދު ރިއާޒް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލާފައެވެ. ޕާކިސްތާންގެ ލަނޑަށްފަހު ބޫޓާނަށް ވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޗެންޗޯ ވާތުފައިން ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެން ދިޔައީ ބޭރަށެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ޕާކިސްތާނުން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަލީ ތަނަވަސްކުރި ފުރުޞަތެއްގައި އެޓީމުގެ ފޯވާޑު ހަސަން ނަވާޒް ބަޝީރެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ރިއާޒަށް ވަނީ އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބި ބޭކާރުވެފައެވެ.
މެޗުގެ ދެވަނަހާފުގައި ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުންކުރެ އެއްވެސް ޓީމެއްގެ ފަރާތުން މާރަނގަޅު ހަމަލާއެއް ފެނިގެނެއް ނުދެއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ބޫޓާންގެ ކަބީ ރާޖް ރާއީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ އިތުރު ވަގުތުގައި ޕާކިސްތާންގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަޙްމަދު ފަހީމެވެ.
މި މޮޅާއެކު ޕާކިސްތާން ވަގުތީގޮތުން ޓޭބަލްގެ އެއްވަނަ އަށް އެރީއެވެ. އަދި ސެމީފައިނަލްގެ ޖާގަ ކަށަވަރުވީއެވެ. ސެމީގެ ދެވަނަ ޖާގައަށް ވާދަކުރާނީ ބަންގްލަދޭޝް އާއި ނޭޕާލް އެވެ. އެމެޗުން މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭއިރު، އެއްވަރުވެއްޖެނަމަ ސެމީއަށް ދާނީ ބަންގްލަދޭޝްއެވެ.