ދީން

އަމާނަތް އަދާކުރުމާއި ވަޢުދަށް ވަފާތެރިވުން

އަބްދުﷲ ފާރޫގް ހަސަން

ޙައްޤު މަގުގައި ތިބޭ މީހުންގެ އެއް ފާހަގައެއް ކަމުގައި ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައިވަނީ އެބައިމީހުނާ މަތިވެފައިވާ އަމާނާތްތަކަށާއި، އެބައިމީހުން ކޮށްފައިވާ ޢަހްދުތަކަށް ފަރުވާތެރިވުމެވެ. އެކަންކަމަށް ރައްކާތެރިވެ އެކަންކަން އަދާކުރަމުން ގެންދިޔުމެވެ. (އަލްމުއުމިނޫން: 8) މުފައްސިރުން ވިދާޅުވާގޮތުގައި މި އާޔަތުގައި ސިފަކުރައްވާ މުއުމިނުންނަކީ އެބައިމީހުންގެ ޙަވާލުގައިވާ އަމާނާތަށާއި، އެބައިމީހުން ކުރާ ޢަހްދަށާއި، ބުނާ ބަހަށް ރައްކާތެރިވާ މީހުންނެވެ. ޚިޔާނާތްތެރި ނުވާ މީހުންނެވެ. ވަޢްދާ ޚިލާފުނުވާ، ޢަހްދު އުވާނުލާ މީހުންނެވެ.

އިންސާނާގެ އަތުގައިވާ ކޮންމެ އެއްޗަކީ އޭނާގެ ޙަވާލުގައިވާ އަމާނާތެކެވެ. އެހެންޏާ މާތްﷲ ދެއްވައިފައިވާ އަމާނާތެކެވެ. އެހެންޏާ މަޚްލޫޤަކު ދީފައިވާ އަމާނާތެކެވެ. ހަމައެފަދައިން ކޮންމެ އިންސާނަކުވެސް ވަނީ ޢަހްދުތަކަކާއި ވަޢުދުތަކެއްގައި ބަނދެވިފައެވެ. ބައެއް ޢަހްދުތަކަކީ އޭގެ ލަފުޒުތައް އޭނާ އެކަށައަޅައި، ޤަރާރު ކޮށްފައިވާ ޢަހްދުތަކެވެ. އަނެއްބައި ޢަހްދުތަކަކީ އިންސާނީވަންތަކަމުގެ ގޮތުން ނުވަތަ އިޖްތިމާޢީގޮތުން އޭނާ ބައިވެރިވެފައިވާ ޢަހްދުތަކެވެ. އެހެންކަމުން އޭނާ ޒިންމާވާން ޖެހޭ ހުރިހާ އަމާނާތްތަކަކާއި އޭނާ ފުރިހަމަކުރަން ޖެހޭ ހުރިހާ ޢަހްދުތަކަކަށް ފުރިހަމަޔަށް ރައްކާތެރިވާން ޖެހޭނެއެވެ. އޭނާ އެކަން އެމަގަށް ނުކޮށްފިނަމަ އިންސާނީވަންތަކަމުގެ ފުރިހަމަ މިންގަނޑަކަށް ނުފެތޭނެއެވެ. މާތްﷲ ގެ ޙަޟުރަތުގައި އޭނާ ވާނީ އަމާނާތް އަދާނުކުރުމުގެ ނުވަތަ ވަޢުދަށް ވަފާތެރިނުވުމުގެ ކުށުން ކުށްވެރި ވެފައިވާ މުޖުރިމަކަށެވެ.

އިންސާނާގެ ހަށިގަނޑާއި، ފުރާނަޔާއި، އޭނާގެ ހިތާއި ސިކުނޑިއަކީ މާތްﷲ ގެ އަމާނާތެކެވެ. އެހެންކަމުން އޭނާއަށް ވާޖިބުވެގެން ވަނީ މާތްﷲ ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައި ތިމާގެ މުޅި ނަފުސު ބޭނުންކުރުމެވެ. އިންސާފަށްޓަކައި އޭނާގެ އަތްފައި ޙަރަކާތްކުރުމެވެ. ނަމަވެސް އަނިޔާއާއި ބޭއިންސާފަށްޓަކައި އެގުނަންތައް ގުޑުވައިނުލުމެވެ. އޭނާގެ ސިކުނޑިން ހެޔޮކަންތައްތަކާމެދު ވިސްނުމެވެ. ނަމަވެސް ނުބައިނުލަފާ ވިސްނުންތައް ނުވިސްނުމެވެ. ހަމައެފަދައިން އޭނާއާ މީހުން ހަވާލުކޮށްފައިވާ އަމާނާތްތައް އެކަމުގެ ލިޔުމެއް އޮތަސް ނުވަތަ ނެތަސް އޭގެ ޙައްޤުވެރީންނަށް އަދާކުރުމެވެ. އޭނާ އަނެކެއްގެ އެއްޗެއް އެއްވެސް ޙާލެއްގައި އަމިއްލަކޮށްގެނެއް ނުވާނެއެވެ.

ހުރިހާ އިންސާނުން ޝާމިލުވާ އެއް ޢަހްދަކީ ﷲ ގެ އެއްކައުވަންތަކަމުގެ ޢަހްދެވެ. އަނެއް ޢަހްދަކީ އީމާންކަމުގެ ޢަހްދެވެ. އީމާންކަމުގެ ޢަހްދުގައި ބައިވެރިވަނީ މާތްﷲ ގެ އެއްކައުވަންތަކަމަށް ޤަވާޢިދުން އިޤްރާރުވެފައިވާ މީހުންނެވެ. ޝުޢޫރީ ގޮތެއްގައި މާތްﷲ އާ އެކު އެކަމުގެ ޢަހުދުކޮށްފައިވާ މީހުންނެވެ. ދެންއޮތީ އަޅުތަކުން ޢަހްދުތަކުގެ މަސްއަލައެވެ. ކުރީންވެސް ދެންނެވި ފަދައިން އެއް ބާވަތެއްގެ ޢަހްދަކީ އޭގެ ޢިބާރާތްތައް އޭނާ އެކަށައަޅައި ހަމަޖައްސައިފައިވާ ޢަހްދުތަކެވެ. އަނެއް ބާވަތެއްގެ ޢަހްދުތަކަކީ ވަކި ޢާއިލާއެއްގެ މެންބަރެއްގެ ގޮތުން، ނުވަތަ ވަކި މުޖުތަމަޢެއްގެ ފަރުދެއްގެ ގޮތުން ނުވަތަ ވަކި ދައުލަތެއްގެ ރައްޔިތެއްގެ ގޮތުން އޭނާ އަމިއްލަޔަށް ލާޒިމު ކޮށްގެންފައިވާ ވަޢުދުތަކެވެ. މިހުރިހާ ޢަހްދުތަކަކާއި، ޒިންމާތަކެއް ފުރިހަމަކުރުމަކީ އޭނާގެ ފިޠުރީ ވާޖިބެކެވެ. އަދި އޭނާގެ ބޮލުގައި އެޅިފައިވާ ޝަރްޢީ ޙައްޤެއްވެސް މެއެވެ.