ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހަމަޖައްސައިފިއެވެ.
މިހާތަނަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވަނީ ޕާޓީގެ ކައުންސިލަށް ޚަލީލު އިންތިޚާބުކޮށްފައެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން އަދާނުކުރެވޭނެއެވެ.
ސެކްރެޓަރީ ޖެނެރަލް ކަމަށް މުންދު ހަމަޖެއްސީ މިއަދު ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމް ހޯދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާލުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވަނީ ގޮވާލައްވައިފައެވެ.
މުންދުއަކީ ރައީސް މައުމޫންގެ ސަރުކާރުގައި އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ސްރީލަންކާއަށް ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމުގެ ކުރިން މުންދު ހުންނެވީ ރާއްޖެއިން ޗަޕާނަށް ކަނޑައަޅާ ސަފީރު ކަމުގައެވެ.