އީދެއް ފުރިހަމަ ވަނީ ސަލްމާން ޚާންގެ ފިލްމެއް ސްކްރީނުން ފެނުމުންނެވެ. މި ޓްރެންޑް ދެމެހެއްޓުމަށް މިފަހަރުވެސް ސަލްމާން ގެ ފިލްމު ބާރަތް ރިލީސް ކުރަން ހަމަޖެހިފައިމިވަނީ އީދުގައެވެ.
ފިލްމުގެ ޓީޒާ އިއްޔެ ރިލީސްކޮށްފައިވާއިރު ސަލްމާންގެ ފަސް ލުކްއެއް ފެނިގެން ދެއެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ލީޑް ބަތަލާގެ ރޯލު ކުޅެނީ ކެޓްރީނާ ކައިފެވެ. ފިލްމުގެ ޓީޒާގައި އެއްވެސް ވަރަކަށް ކެޓްރީނާ ނުފެނުން ވެގެންގޮސްފައިވަނީ އޭނާގެ ފޭނުން ހިތްނުތަނަވަސްވި ކަމަކަށެވެ.
ނަމަވެސް ޕިކްން ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީޒާގައި ކެޓްރީނާ ގެ އެއްވެސް ސީނެއް ނުދެއްކީ ގަސްދުގައެވެ. ފިލްމު އުފެއްދި ފަރާތުން ބޭނުންވީ، ކެޓްރީނާގެ ރޯލާއި ލުކް ސިއްރުކުރަން ކަމަށް ރިޕޯޓްގައިވެއެވެ. އަދި ފިލްމުގައި ކެޓްރީނާ ކުޅެނީ މުހިއްމު ރޯލެއް ކަމަށާއި އޭނާގެ ސީނެއް ފެނިއްޖެޔާ ފިލްމުގެ ސްޓޯރީ ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެކަމަށްވެސް ވެއެވެ. ނަމަވެސް ކެޓްރީނާގެ ބައި ފިލްމުގެ ޓްރެއިލާ ރިލީސްކުރާއިރު ފެނިގެން ދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވެއެވެ.
ބާރަތްގައި ދިޝާ ޕަޓާނީ، ސުނިލް ގްރޯވަރު އަދި ނޯރާ ފަޓެހީ ވެސް މުހިއްމު ރޯލުތަކުން ފެނިގެން ދާނެއެވެ. ފިލްމަކީ ކޮރެއާގެ ފިލްމެއްކަމަށްވާ "އެން އޮޑޭ ޓު މައި ފާދާ" ގެ ރީމޭކެކެވެ.