ދީން

މުއުމިނުންނަކީ ތެދުވެރި ބައެކެވެ.

އަބްދުﷲ ފާރޫގް ހަސަން

1

އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި މުއުމިނުން ސިފަކުރައްވައިފައިވާ ގޮތުގައި މުއުމިނުންނަކީ ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުންނެވެ. އަންހެނެއްގެ ވިޔަސް ފިރިހެނެއްގެ ވިޔަސް ތެދުވެރިކަމަކީ އެމީހެއްގެ ކިބައިގައިވާ މަތީ ދަރަޖައިގެ އިންސާނީ ސިފައެކެވެ. އަޚްލާޤީ މާތް ސިފައެކެވެ. އާދެ، މުއުމިނުންނާ ކުފޫ ހަމަވާ ގޮތަކީ އޭނާ ވާހަކަދައްކާ ނަމަ އަބަދުވެސް ތެދުބަހުން ވާހަކަދެއްކުމެވެ. އޭނާ އެއްވެސް ޙާލެއްގައި ދޮގު ނުހެދުމެވެ. ތެދުވެރި، ހެޔޮލަފާ މާތް އިންސާނުންގެ ޝަރަފާ އެކަށީގެންވާ ގޮތަކީ މިއީއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ވަރަށް ގިނަ ޙަދީޘުފުޅުތަކެއްގައި ވަނީ ތެދުވެރިކަމުގެ އަހައްމިއްޔަތު ބަޔާން ކޮށްދެއްވައިފައެވެ. އޭގެތެރެއިން އެއް ޙަދީޘުފުޅެއްގައި ވިދާޅުވެފައި ވެއެވެ. "ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ތެދު ހެޔޮމަގަށް މަގުދައްކައެވެ. ތިޔަބައިމީހުން ދޮގު ނުބުނާ ހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ދޮގަކީ ނުބައިކަމާއި ފާފަވެރިކަމަށް މަގުދައްކާ އެއްޗެކެވެ." (މުސްލިމު) މާނައަކީ ތިޔަބައިމީހުން އަބަދުވެސް ތެދު ބުނާށެވެ. ތެދު އިންސާނާ ހެޔޮކަމުގެ ފަރާތަށް ގެންދެއެވެ. ތިޔަބައިމީހުން ދޮގު ހެދުމުން އެއްކިބާވެ ސަލާމަތްވާށެވެ. އެހެނީ ދޮގު ހެދުމަކީ އިންސާނާ ނުބައިކަމާއި ފާފަވެރިކަމާ ދިމާޔަށް ގެންދާ ކަމެކެވެ.

ކައުސާހިބާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘުފުޅުގައިވަނީ ތެދު ބުނުމަށް އަމުރު ކުރައްވައިފައެވެ. ހަމައެއާއެކު އެކަމުގެ ޙިކުމަތް ވެސް ބަޔާން ކޮށްދެއްވައިފައެވެ. އިންސާނާ ތެދުބުނަން އާދަ ކޮށްފިނަމަ އޭނާގެ ކިބައިގައި ހެޔޮލަފާކަމާއި ތެދުވެރިކަމުގެ ޝަޚްޞިއްޔަތު ދިރިގެން އާދެއެވެ. އޭނާގެ މިޒާޖާއި ޠަބީޢަތުގައި ހެޔޮކަމުގެ ކުލަޖެހެއެވެ. އޭނާގެ ކިބައިގައި ނަފްސާނީ ހަލަބޮލިކަމާއި އޮޅުންބޮޅުންތަކުގެ ނުބައިކަމުން ސަލާމަތްވެގެންވާ ރޫޙެއް ދިރިގެން އާދެއެވެ. މިގޮތްގޮތުން ބަލާއިރު ތެދުބުނުމަކީ އިންސާނާ ހުރިހާ ގޮތަކުންވެސް ހެޔޮލަފާ މާތް އިންސާނަކަށް ހަދާ ސިފައެކެވެ.

މިއާ ޚިލާފަށް މީހަކު ދޮގުހަދާނަމަ އެމީހެއްގެ އެތެރޭގެ ޝަޚްޞިއްޔަތު ދަމިލަޖަހައި ހަޑިވެއެވެ. އެމީހެއްގެ ހަށިގަނޑުގައި ތެދުވެރި ރޫޙެއް ދިރިއާލާވާކަށެއް ޖާގައެއް ނޯންނާނެއެވެ. އޭނާ ހައްތާވެސް ދާނީ ފާފަވެރިކަމުގައި މެކެމުންނެވެ. ނުބައިނުލަފާކަމުގެ ސިފަ އަށަގަންނަމުންނެވެ.

އިތުރު ސާހިބާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެހެން ޙަދީޘުފުޅެއްގައި ވެއެވެ. "ތިމަން ކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑީ ތެދު ވާހަކަތަކެވެ." (ބުޚާރީ) އަދިވެސް ޙަދީޘު ކުރައްވާފައި ވެއެވެ. "ތެދުވެރި، އަމާނާތްތެރި ވިޔަފާރިވެރިޔާ ޤިޔާމަތްދުވަހު ވާހުށީ ނަބީ ބޭކަލުންނާ އެކުގައެވެ." (ތިރުމިޒީ)