ޕީޕީއެމް

ކޮންގްރެސް ބަލައިނުގަންނަން ނިންމުމަކީ އީސީއަށް ނުފޫޒު ފޯރާފައިވާކަން އެނގޭ ކަމެއް: ޕީޕީއެމް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމުމުން އެކަމުން އެނގިގެންދަނީ އެކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޕީޕީއެމް އިން ބުނީ ގައުމީ ޖަލްސާގެ ކަންކަން ނިމި، އެކަން އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށްފަހު އެ ޖަލްސާ އާއި އެޖަލްސާގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމާ ދޭތެރޭ ސުވާލު އުފެދޭ އެތައް ކަމެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައި، އެކަންކަމާ މެދު ސުވާލު ކުރެވެން ފެށުމާއެކު އެ ކޮމިޝަންގެ ފަރާތުން މިފަދަ ތަސައްރަފް ނުފުދޭ ނިންމެވުންތައް ނިންމެވުމަކީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމާ މެދު ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް އޮތުންކަމުގައި ގަބޫލުކުރެވެއެވެ،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ގައުމީ ޖަލްސާ ބާއްވާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ކައުންސިލުން ނިންމައިގެން މަންދޫބުން ބައިވެރިކޮށްގެން ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާކަން ކުރިން ވަނީ އާންމުކޮށް އިއުލާންކޮށްފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ އެ ޖަލްސާ އޮބްޒާވްކުރުމަށް ކޮމިޝަންގެ ފަރާތުން އޮބްޒާވަރުން ވެސް ފޮނުވާފައިވާ ކަމަށާއި އެ ޖަލްސާގައި ގަވާއިދާ ޚިލާފު އެއްވެސްކަމެއް ހިނގާފައިނުވާކަން އޮބްޒާވަރުންގެ ފަރާތުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށްވާތީ އެ ޖަލްސާގައި ނިންނި ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ނިމިގެންދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ޕީޕީއެމް އިން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިންތިހާބުކޮށްފައެވެ.

އޭގެ އިތުރުން ހަތަރު ނައިބު ރައީސުންނާއި ކައުންސިލަށް 30 މެންބަރުން އިންތިހާބުކޮށްފައިވެއެވެ. ކައުންސިލަށް އިންތިހާބުކުރި 30 މެންބަރުންގެ ތެރޭގައި ހިމެނެނީ އަންހެން ދިހަ މެންބަރުންނާއި އާންމު މެންބަރުންގެ ތެރެއިން 20 މެންބަރުންނެވެ.

އެ ކޮންގްރެސް ބޭއްވުމުގެ ފަހުން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަމުންދިޔައީ ކޮންގްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ކޮންގްރެސް ބާތިލްކޮށްދިނުމަށް އެދި ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައެވެ.