މާތް ނަބިއްޔާއަށާއި އެ މާތް ނަބިއްޔާގެ ސަހާބީންނަށް ބޭއަދަބީ ގޮތަކަށް މުހާތަބު ކުރެވޭކަށް އެންމެ ދިވެއްސަކު ވެސް ނޭދޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ދިވެހީންގެ މެދުގައި އެންމެ ގަދަރުވެރިކަން ދެވިފައިވަނީ މާތްވެގެންވާ އިސްލާމު ދީނަށް ކަމަށާއި އިސްލާމް ދީނަށް ބަދުބަހެއް ރައްދުވާކަށް ހަމަ އެންމެ ދިވެއްސަކު ވެސް ނޭދޭނެ ކަމަށެވެ.
"ދިވެހީންގެ މެޗުގައި އެންމެ ގަދަރުވެރިކަން ދެވިފައިވަނީ މާތްވެގެންވާ އިސްލާމް ދީނަށެވެ. އިސްލާމް ދީނަށް ބަދުބަހެއް ރައްދުވާކަށް ހަމަ އެންމެ ދިވެއްސަކު ވެސް ނޭދޭނެއެވެ. އަދި މާތް ނަބިއްޔާއަށާއި އެ މާތް ނަބިއްޔާގެ ސަހާބީންނަށް ބޭއަދަބީ ގޮތަކަށް މުހާތަބު ކުރެވޭކަށް ވެސް ނުމެ އެދޭނޭމެއެވެ. އަދި އެންމެ ފަހު ނޭވާއަށް ދާންދެން، މި ދީން ހިމާޔަތްކުރުމުގައި ކޮންމެ ދިވެއްސަކުމެ ސާބިތުވެ ހުންނާނެކަން ކަށަވަރެވެ...،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ނަފްސާއި މުޖުތަމައު އިސްލާހުކުރުމުގައި އިސްލާމް ދީނުގެ ރިވެތި އަހުލާގާއި އިންސާނީ ކަރާމާތްތެރިކަމާއި މީސްތަކުންގެ އަބުރާއި މުދަލަށް އަރައިގަތުމަކީ އެއްވެސް ހަމައަކުން އިސްލާން ދީން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި ގައުމާއި މުޖުތަމައު އިސްލާހުކުރުމުގެ ނަމުގައި ފަރުދުންގެ އަމިއްލަ އަތަށް ގާނޫނީ ބާރުތައް ފިރުކައިލުމަކީ އިސްލާން ދީން ދަންނަ ހަމައެއް ނޫން ކަމަށެވެ.
"އެއްވެސް ގައުމެއް، އަދި އެއްވެސް މުޖުތަމައެއް، އަދި އެއްވެސް ރަށެއް، އަދި އެއްވެސް އަވަށެއް އޭގެ ޒާތުން ގޯސްވެގެން ނުދެއެވެ. ގޯސްވެގެން ދަނީ އެ ގައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ އަމަލުތަކެވެ. އެކަންތައްތަކުގެ ނަތީޖާއިން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެންނަށް އިހުސާސް ކުރަންޖެހޭ ގޮތްވެއެވެ...،" ހުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިންސާނީ މުޖުތަމައުތައް އިސްލާހުކުރަން ފެށޭ ހިސާބަކީ ކޮންމެ އިންސާނެއްގެ އަމިއްލަ ނަފުސު ކަމަށާއި ކޮންމެ އިންސާނެއްގެ ނަފުސު އިސްލާހުގެ މަގަށް އަޅުވައިފި ނަމަ، އިންސާނީ މުޅި ހަޔާތް އިސްލާހުވީ ކަމަށެވެ. އަދި އިންސާނާގެ އަމިއްލަ ނަފުސު އިސްލާހުކުރުމަކީ މުޅި މުޖުތަމައާއި މުޅި ގައުމު އިސްލާހުގެ މަގުން ހިނގުން އޭގެ މައްޗަށް ބިނާވެގެންވާ އަސާސްކަން ހާމަވެގެންދާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.