ރީކޯ މޫސާ މަނިކް

މަޖިލިސްގެ މިލްކުވެރިކަމަށް ޕާޓީތަކުން ދައުވާކުރާކަށް ނުވޭ: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ މިލްކުވެރިކަމަށް ސިޔާސީ ޕާޓީތަކުން ދައުވާކުރާނެ ޖާގައެއް ނެތް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

މޫސަގެ ޓުވީޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ކަނޑައަޅާ ބަޔަކު ތިބޭ ތަނެއް ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުން އަދިވެސް ތިބީ ޕާޓީތަކުގައި ނޫން ކަމަށެވެ. އަމިއްލަ ގޮތުން ލ. ގަމު ދާއިރާއަށް ކުރިމަތިލައްވަނީ އެހެންވެ ކަމަށް މޫސަގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެވެ.

މޫސަ މި ގޮތަށް ޓުވީޓު ކުރެއްވި އިރު، މަޖިލީހުގެ ގޮނޑިތައް ބެހުމުގެ މައްސަލައިގައި ވެރިކަން ކުރާ ކޯލިޝަންގެ ތިން ޕާޓީ އާއި ރައީސް މައުމޫނުގެ އެމްއާރްއެމްގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އޭގެ ތެރެއިން އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ދެބޭފުޅުން ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ވެސް ދެއްވަމުންނެވެ.

ވެރިކަން ކުރާ ކޯލިޝަން ތެރޭގައި މައްސަލަ އުފެދުނު ހިސާބަކީ އެމްޑީޕީން މަޖިިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމުންނެވެ. އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަަށް ވާދަކުރަން ފެންނަ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ މުހައްމަދު ނަޝީދު އެވެ.