ދީން

ކޯފާ އިސްނުކުރައްވާށެވެ.

އަބްދުﷲ ފާރޫގް ހަސަން

1

ކީރިތި ޤުރްއާނުގައި މުއުމިނުންގެ ތަޢާރުފުގައި ވަޙީ ކުރައްވައިފައިވާ ގޮތުގައި އެބައިމީހުންނަކީ ރުޅި އަތުވެއްޖެހިނދެއްގައި މާފުކުރާ ބައެކެވެ. (އައްޝޫރާ: 37)

މާނަޔަކީ މުއުމިނަކާމެދު މީހަކު އޭނާ ރުޅިއަންނަ ޒާތުގެ ކަމެއް ކުރިޔަސް އޭނާ ރުޅިޔެއް ނާންނާނެއެވެ. އަދި ކީއްތޯއެވެ. އޭނާ އެކަމެއް މާފު ކޮށްލާނެއެވެ. އޭނާ އިޚްތިޔާރު ކުރާނީ ރައްދު ޢަމަލެއް ނޫނެވެ. އެކަން "ކަމަކަށް" ނުހަދައި ދޫކޮށްލާނީއެވެ. އެހައިތަނުން އެކަން ނިންމައިލާނީއެވެ. އަނެކަކާ ހުރަހޮޅިގަތުމުގެ ބަދަލުގައި އޭނާ މަޝްޣޫލުވަނީ އޭނާގެ އަމިއްލަ މަސައްކަތާއިގެންނެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެބަސްފުޅެއް އަޅުގަނޑުގެ ޙަޔާތުގެ ލަނޑުދަނޑިޔަކަށް ހަދާނެ ބަސްފުޅެއް ވިދާޅުވެދެއްވާށެވެ. އެބަސްފުޅެއް ވާންޖެހޭނީ އަޅުގަނޑު އެބަސްފުޅެއް ހަނދާންނުނެތޭފަދަ ކުރު ބަސްފުޅަކަށެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ކަލޭގެ ރުޅި ނާންނާށެވެ." (މުއައްޠާ – އިމާމު މާލިކު)

ރުޅިޔަކީ ކަމަކާ ނުލައި ހަމަހުރެފައި ވައިގެ ތެރެއިން އަންނަ އެއްޗެއް ނޫނެވެ. ކަލާ ކޯފާ އިސްވާނީ އަނެކަކު ކަލާ ކޯފާ އިސްވާ ޒާތުގެ ކަމެއް ކުރުމުންނެވެ. އެފަދަ ވާހަކައެއް ދެއްކުމުންނެވެ. ކަލާއާމެދު ނުބައިކަމެއް ކުރުމުންނެވެ. ކަލާގެ ޣީރަތު އުތުރިގަންނާނެ ޒާތުގެ ކަމެއް ކުރުމުންނެވެ. ރުޅިއަކީ ޖަވާބީ ކަމެކެވެ. އާދެ ކަމަކާ ވިދިގެން އަންނަ އެއްޗެކެވެ. ކަލާ އަބަދުވެސް ކޯފާވާނީ އެހެން މީހެއްގެ ކިބައިން ކަލާ ރުހިވަޑައިނުގަންނަވާފަދަ ކަމެއް ތަޖްރިބާ ކުރެއްވެވުމުންނެވެ.

އެފަދަ ވަގުތުތަކުގައި ޢަމަލު ކުރެއްވިދާނެ ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ރައްދު ޢަމަލެވެ. ކަލާ ގާބުރީގެ ޖަވާބު ދަނޑިބުރީން ދެއްވުމެވެ. ނަމަވެސް އެއީ އިސްލާމްދީން ދަސްކޮށްދޭ ގޮތެއް ނޫނެވެ. އިސްލާމް އުނގަންނައިދެނީ އަނެކަކު ކަލާ ކޯފާ އިސްކުރުވަން އުޅުނަސް ކޯފާ އިސް ނުކުރެއްވުމަށެވެ. އަނެކަކު ކަލާ ރޯކުރަން އުޅުނަސް ކަލާ އަލިފާންގަނޑަކަށް ވެވަޑައިނުގަތުމަށެވެ.

މުއުމިނުންނަށް ޔަޤީންވެއެވެ. އަނެކުންގެ ފަރާތުން ލިބޭ އުނދަގުލަށް ކެތްތެރިވެއްޖެނަމަ މާތްﷲ ގެ ޙަޟުރަތުގައި އޭގެ ބަދަލުގައި މާބޮޑު ދަރުމަ ވެއެވެ. ނަތީޖާއެއްގެ ގޮތުން މީހަކު މުއުމިނަކު ރުޅިއަރުވާން އުޅެފިނަމަ އޭނާގެ ހިތަށް ލިބޭނީ އިތުރު ހަމަޖެހުމެކެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ކަންތައްތަކާމެދުވެސް އޭނާގެ ޣީރަތު އުތުރިއެއް ނުގަންނާނެއެވެ. އޭނާގެ އީމާންކަމުގެ މިޒާޖުގެ ސަބަބުން އޭނާގެ ރުޅި ބަދަލުކޮށްލާނީ މާފުކުރުމަށެވެ. ހިތްހެޔޮކޮށްލުމަށެވެ. އަނެކާގެ ރުޅިއެރުވުމުގެ މަސައްކަތް އޭނާ ފޮނުވާލާނީ އަޅާނުލައި ބަހައްޓާ ތަކެތީގެ ކޮށާރަށެވެ. އޭނާގެ ހިތުގައި އަލިފާން ރޯކޮށްލުމުގެ މަސައްކަތުން އޭނާ ލިބިގަންނާނީ ތަވާޟުޢުވެރިކަމާއި ހިތްހެޔޮކޮށްލުމުގެ ފިލާވަޅެވެ.