ދީން

ޔޫސުފު ބިން ތާޝްފީން 89

އަބްދުﷲ ފާރޫގް ހަސަން

(08 މެއިގެ އަދަދާ ގުޅޭ)

أحمد ވިދާޅުވިއެވެ. "މިއީ ސަމާސާއެކޭ ހީފުޅު ނުކުރައްވާތި. ކަލާ ފެނުމުން އަޅުގަނޑަށް ހީވަނީ އަބަދުވެސް އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކު ދަންނަހެން. އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކަށް ބީރައްޓެހި ދެމީހުންނެއް ނޫންހެން. އަޅުގަނޑުމެން ދެމީހުންގެ ފުރާނަ އަޒަލުއްސުރެ ވަނީ އެކަކު އަނެކަކާ ރައްޓެހިވެފައިހެން. މިދުނިޔޭގައި އަޅުގަނޑުމެން ދެމީހުން އާވާރާވެގެން އުޅުނީ އެކަކު އަނެކަކު ނުފެނިގެން. ޙަޔާތުގެ ހާދިސާއެއް އަޅުގަނޑުމެން ދެމީހުން އެއްތަން ނުކުރުވިނަމަ އަބަދުވެސް ކަލާގެ ފަނޑުފަނޑު ތަސްވީރެއް އަޅުގަނޑުގެ ސިކުނޑީގައި ނުފިލައި ހުރީސް. އަޅުގަނޑު އަބަދުވެސް ބޭޤަރާރު ކުރުވަމުން ގެންދިޔައީސް!"

طـاهـــرة ހިނިފުޅުވަޑުވައިލައްވައި ވިދާޅުވިއެވެ. "ކަލާ ޅެމެއް ހައްދަވަނީތޯ!"

"މިއީ ޅެމެއް ނޫން. طـاهـــرة! ބައެއްފަހަރަށް ކަލާއަށް ކުއްލިޔަކަށް ވިދާޅުވެވޭ އެއްޗެއްގެ އަޑު އިވުމުން އަޅުގަނޑަށް އިޙުސާސުވަނީ އަޅުގަނޑުގެ ކަންފަތަށް ކުރީންވެސް އެ އަޑު އިވިފައިވާހެން."

طـاهـــرة އޭނާގެ ތުންފަތްޕުޅުމައްޗަށް ލާނެއް ހިނިތުންވެވަޑައިގެންނެވުމެއް ވެރިކުރައްވައިފައި ވިދާޅުވިއެވެ. "މާތް اللّـه ކަލާއަށް ދެއްވައިފައިވަނީ ވަރަށް ލޯބިކުރާ ހިތްޕުޅެއް! ބައެއްފަހަރުފަހަރު އަޅުގަނޑުގެ ހިތަށްއަރާ، އަޅުގަނޑުގެ ބަދަލުގައި ކޮންމެވެސް އެހެން އަންހެންކުއްޖަކު އިންކަމުގައިވިޔަސް ކަލާ ހަމަ ތިޔަކަހަލަ ލޯބިލޯބި ވާހަކަ ދައްކަވާނެއޭ."

أحمد އޭނާގެ މޫނުފުޅުމައްޗަށް މަސްނޫޢީ ކޯފާއެއްގެ އަސަރު ވެރިކުރައްވައިފައި ވިދާޅުވިއެވެ. "ކަލާ އަޅުގަނޑުގެ ލޯތްބަށް ތައުހީނު ކުރައްވަނީ!"

طـاهـــرة، أحمد ގެ މޫނުފުޅުމައްޗަށް ވިހުރުވިފައިހުރި އިސްތަށިފުޅުތައް ރަނގަޅުކޮށްލައްވައިފައި ވިދާޅުވިއެވެ. "ކަލާ ނުގަބޫލުފުޅުވުމުން އަޅުގަނޑުގެ ވާހަކަ އަނބުރައި ގެނެސްފިން. ބައެއްފަހަރުފަހަރު ކަލާއެކޭ އެއްގޮތަށް އަޅުގަނޑުވެސް ވިސްނަން. އަޅުގަނޑުމެން ދެމީހުން އުޅުނީ ތަރިތަކުގެ ރީތި ދުނިޔޭގައި ފީކޯތް ކުޅެން. ކުޅެމުން ކުޅެމުން އަޅުގަނޑުމެންނަށް މިދުނިޔެއަށް އާދެވުނީ. އަޅުގަނޑު ކަލާއަށް ފިލައިގެން ޠުލައިޠުލާއަށް ހިނގައްޖައިން. ކަލާ އަޅުގަނޑު ފެނިވަޑައިނުގަންނަވައިގެން އަހަރުތަކެއް ވަންދެން ޤުރުޠުބާއާއި ޣަރުނާޠާގައި ލޯފުނާ އެޅުއްވުމަށްފަހު ޠުލައިޠުލާއަށް ވަޑައިގެންނެވީ— ދެނެއް އަޅުގަނޑުމެން ފީކޮއިއެއް ނުކުޅޭނަން. އަޅުގަނޑު ދެރަވެއްޖެކަމަށް ގަބޫލުކޮށްފިން."

"އަޅުގަނޑުގެ ޙަޔާތާ! އަޅުގަނޑުގެ ފުރާނަޔާ!" أحمد، طـاهـــرة ގެ އަތްތިލަފުޅުގައި ހިފަހައްޓަވައިފައި އޭނާގެ ތުންފަތްޕުޅުގައި ޖައްސައިލެއްވިއެވެ. أحمد ވިދާޅުވިއެވެ. "އެބަލިފުޅުވުމާމެދު ކަލާ ދެރަފުޅެއް ނުވޭތޯ؟"

"އަޅުގަނޑުގެ ސާހިބާ! އެދެރަވުމަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު ފަތަޙަ."

* * * * * * * * * * *

حسن ގެ ބޮޑުދައިތާފުޅު ޢީދުގެ އެއްހަފުތާގެ ފަހުން عبــدالمنـعـــم ގެ ގެޔަށް ވަޑައިގެންފިއެވެ. އޭނާ އޭނާގެ ކޮއްކޮ سـكيـنـة ގެ އަރިހުގައި ވިދާޅުވިއެވެ. "سـكيـنـة! ދެން حسن ވެސް މީހަކާ ދެވަން ތައްޔާރުކުރައްވާ!"

"ދައިތާފުޅާ! އަޅުގަނޑުވެސް އެތައްދުވަހަކުއްސުރެ ތިޔަކަމާ އެބަވިސްނަން. އަޅުގަނޑުމެންގެ އަވަށްޓެރި ރަނގަޅު ޢާއިލާއެއްގައި ރީތި ދެއަންހެންކުދީން އެބަތިބި. ދައިތާފުޅު ކޮންމެވެސް ދުވަހަކުން ميـمــونـة އާއި طـاهـــرة އާ ގޮވައިގެން ވަޑައިގެން އެކުދީން ބައްލަވައިލައްވާ!"

"އެހެން ދުވަހަކަށް ލަސްކުރާންވީ ކީއްކުރަންތޯ؟ ދައިތަ ހަމަ މިއަދު އެގެއަށް ދާނަން!"

"ދައިތާފުޅު ތިޔަހައި އަވަސްއަރުއްވައި ނުލައްވާ! އަޅުގަނޑު އަދިޔެއް حسن އަކާ ވާހަކައެއް ނުދައްކަން."

"حسن! حسن!" ބޮޑުދައިތަ ވަރަށް ބާރަށް ގޮވައިލެއްވިއެވެ. "ކޮންތަނަކަށްތޯ އޭނާ ދިޔައީ؟"

"އޭނާ ދިޔައީ އޭނާގެ ބައްޕައާއި ބޭބެމެންނާއެކު قـاضى أبـو جـعـفـر ގެ އަރިހަށް." سـكيـنـة ވިދާޅުވިއެވެ.

أبـو جـعـفـر ގެ ނަން އަޑުއިވިވަޑައިގެންނެވުމާއެކު ބޮޑުދައިތަ ކޯފާވެފައި ވިދާޅުވިއެވެ. "ތިޔަ މުސްކުޅިޔާގެ ކަންތައް اللّـه ބައްލަވައި ވޮޑިގެންވާށި! މިހާރު އަނެއްކާ ކޮންކަމެއްބާ އޭނާ ބޭނުންފުޅުވަނީ."

ميـمــونـة ހިނިފުޅު މަތަކުރެއްވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "ކާކޭތޯ ބޮޑުދައިތާފުޅާ؟"

"މިއުޅުއްވާ أبـو جـعـفـر އެއް ނޫންތޯ؟ ދެން އެހެން ކާކުތޯ؟"

عبـدالمـنعــم އިރުކޮޅެއްވީތަނާ އޭނާގެ ބޭފުޅުން ގޮވައިގެން ގެޔަށް ވަޑައިގެންފިއެވެ. ބޮޑުދައިތަ ޚާދިމާއަކު ފޮނުއްވައިގެން حسن އެތެރެޔަށް ގެންނަވައިފިއެވެ.

ބޮޑުދައިތަ އިތުރު ވާހަކަފުޅަކާ ނުލައި ސުވާލު ކުރެއްވިއެވެ. "حسن! ދައިތަމެން މިއުޅެނީ މިމަސް ހުސްވުމުގެ ކުރީން ދަރިފުޅުގެ ކާވެނި ކުރުވަން. ކޮބައިތަ ދަރިފުޅުގެ ޚިޔާލަކީ؟"

حسن ހިމޭނުން އިންނަވާން ފެއްޓެވުމުން ބޮޑުދައިތަ سـكيـنـة އާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކޮއްކޯ! ރަނގަޅު ކުދީން މިކަހަލަ ސުވާލުތަކަކަށް ޖަވާބެއް ނުދޭނެ! ميـمــونـة! ކަނބުލޮމެން ތައްޔާރުވެވަޑައިގަންނަވާ! ކޮއްކޯ سـكيـنـة! އެއީ ކޮންގެއެއްތޯ ދައިތަމެން ހަމަ މިހާރުގޮސް އަންހެންކުއްޖާ ދެކެލައިފައި އަންނާނަން."

ميـمــونـة އާއި طـاهـــرة ގެ މޫނުފުޅުމަތީން ހިނިތުންވެވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގެންނެވުމުން حسن ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ! ދައިތާފުޅު އަޅުގަނޑާމެދު ފިކުރުފުޅު ނުކުރައްވާ! އަޅުގަނޑު މީހަކާ އިނދެފިން—"

"ކީކޭ؟" ބޮޑުދައިތަ ކަންބޮޑުވެވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ.

"ބޮޑުދައިތާފުޅާ! އަޅުގަނޑު ދެންނެވީ އަޅުގަނޑު ކާވެނިކޮށްފީމޭ!"

"ކޮންތަނަކުން؟ ކޮންއިރަކު؟" ދައިތައަކަށް ދަރިފުޅުގެ ވާހަކައެއް ނުވިސްނުނު!"

"އޭގެފަހުން ވަރަށްގިނަ ދުވަސްވެއްޖެ. ބޮޑުދައިތާފުޅާ! އެކަން އަދި އެނގިވަޑައިގެންފައެއް ނެތްތޯ؟"

ބޮޑުދައިތަ سـكيـنـة އާ ދިމާޔަށް ބައްލަވައިލައްވައިފައި ވަރަށް މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "ކޮއްކޯ سـكيـنـة! ކީއްވެގެންތޯ ދައިތަ ގާތު ވިދާޅުނުވީ. މީގައި ކޮންކަމެއްތޯ ސިއްރުކުރާ ކަހަލަ ކަމަކަށް އޮތީ؟ ދައިތަ މިއަދު عبــدالمنـعـــم ކޮއްކޮގެ އަރިހުގައި ދަންނަވާނަން. އެކޮއްކޮ މިގެޔަށް ގެންނަވާން ތައްޔާރު ކުރައްވާށޭ."

سـكيـنـة އާއި ميـمــونـة އާއި طـاهـــرة އާ ތިންމައިކަނބަލުން ކަންބޮޑުވެވަޑައިގެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. ބޮޑުދައިތަ އޯގާވެރި ރާގެއްގައި حسن އާ ދިމާޔަށް ވިދާޅުވިއެވެ. "ދަރިފުޅާ حسن! ދައިތަ ގާތު ބުނެބަލަ އެއީ ކޮންރަށެއްގެ ކޮންގެއެއްގެ ކުއްޖެއްތަ؟ ދަރިފުޅަކީ ކިހާ ގޯސް ކުއްޖެއް! ދަރިފުޅު ގެއަށް އައިސް އެއްވެސް މީހެއްގެ ގާތު އެވާހަކަ ނުބުނީ ކީއްވެގެންތަ؟ އެކުއްޖާގެ ގޭގެ މީހުން ދަރިފުޅާމެދު ހީކުރާނީވެސް ކީކޭ— އެއީ ކޮން ޢާއިލާއެއްގެ ކޮންކަހަލަ ކުއްޖެއްތަ؟ ކޮބައިތަ އޭނާގެ ނަމަކީ؟"

حسن ވިދާޅުވިއެވެ. "ދައިތާފުޅާ! އެއީ ވަރަށް ރީތި ކުއްޖެއް. އެއީ އަންދަލުސުގައި އިން އެންމެ ރީތި ކުއްޖާ. ދައިތާފުޅު ދެކެވަޑައިގަންނަވާން ބޭނުންފުޅު ކަމުގައިވާނަމަ އަޅުގަނޑު ހަމަ މިހާރު ގެނެސް ދައްކައިފާނަން."

حسن އެހެން ވިދާޅުވެފައި އެހެން ކޮޓަރިޔަކާ ދިމާޔަށް ވަޑައިގެންފިއެވެ. އޭނާ އެނބުރި ވަޑައިގެންނެވިއިރު އޭނާގެ އަތްޕުޅުގައި ކަނޑިޔެއް އޮތެވެ. އޭނާ ވިދާޅުވިއެވެ. "ބައްލަވާ ބޮޑުދައިތާފުޅާ! މިއީ އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔަކީ."

ބޮޑުދައިތަ ސިހިވަޑައިގެން ދިޔުމާއެކު ވިދާޅުވިއެވެ. "މިއީ ހަމަ أبـو جـعـفـر ގެ އެކުވެރިކަމުގެ އަސަރު— މާތްކަލާނގެ އޭނާއަށް ރަނގަޅު ގޮތެއް މެދުވެރި ނުކުރައްވާށި!"

حسن ހިނިފުޅުވަޑުވައިލައްވައިފައި އޭނާގެ ކޮޓަރިޔަށް ވަޑައިގެންފިއެވެ. ބޮޑުދައިތަ އިރުކޮޅެއް ކޮށްލައްވައިފައި حسن އަށް ގޮވައިލައްވައިފިއެވެ. "حسن! حسن! މިކޮޅަށް އައިސްބަލަ!"

حسن ދެވަނަފަހަރަށް އެކޮޓަރިޔަށް ވެދެވަޑައިގެން ވިދާޅުވިއެވެ. "ބޮޑުދައިތާފުޅު އިތުރު އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯ؟"

"ދަރިފުޅު ދައިތަގެ ސުވާލުގެ ޖަވާބެއް ނުދެމެއްނު؟"

"ލޯބިވާ ބޮޑުދައިތާފުޅާ! އަޅުގަނޑު ދައިތާފުޅުގެ ހުރިހައި ސުވާލުތަކެއްގެ ޖަވާބު އަރުވައިފިން. ދައިތާފުޅު ދެން ތިޔަ މައްސަލަ ނުނިއުޅުއްވުން އެދެން."

(ނުނިމޭ)