ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނެއްކާވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.
އަދީބު ނިސްބަތްވާ އެމްޓީޑީން މައުލޫމާތުދޭގޮތުގައި އަދީބު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ އެމަޖެންސީގައި ނުހިނގޭ ހާލުގައި ކަމަށާއި އަދީބުގެ ހާލު ސީރިއަސް ކަމަށެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ އެތަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އެމްޓީޑީގެ އިސް އޮފިޝަލަކު "ވަން އޮންލައިން"އަށް ވިދާޅުވީ އަދީބު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމަށްފަހު ކަރެކްޝަންސްއިން އަދީބުގެ އާއިލާއަށް އެންގި ކަމަށެވެ. އަދި އަދީބަށް އަނިޔާތަކެއް ލިބިފައިވާކަން ވެސް އެ ޕާޓީގެ އޮފިޝަލް ފާހަގަކުރެއްވިއެވެ.
"ހޭނެތި އަދީބު ވެއްޓި ފާރުގައި ނިއްކުރި ޖެހުމުގެ ސަބަބުން ނިއްކުރި ވަނީ ދުޅަވެފައި. ރޭ ދަންވަރު 1:30 ހާއިރު އެކަމެއް ހިނގީ. ގޮޅީގައި އަދީބު ބޭއްވުމަށްފަހު ކަރެކްޝަންސްއިން އެމަޖެންސީގައި އަދީބު ހޮސްޕިޓަލަށް ގެނެސްފައިވަނީ އަދީބުގެ ނޭފަތުން ލޭ އަންނާތީ،" އެމްޓީޑީގެ އޮފިޝަލް ވިދާޅުވިއެވެ.
ގޭ ބަންދުގައި ހުންނަވަނިކޮށް އަދީބު އަނބުރާ ޖަލަށް ބަދަލުކުރި ފަހުން އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ފަރުވާއަށް ފަހު އަދީބު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
އޭރު އަދީބު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން ކަމަށް ކަރެކްޝަންސް އިން ބުނަމުންދިޔަ ނަމަވެސް، އަދީބުގެ އާއިލާއިންނާއި އެމްޓީޑީން ތުހުމަތުކުރަނީ އެއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމެއް ކަމަށެވެ.