ބޮލީވުޑް

ބޯމަން އިރާނީ އާއެކު އަދިވެސް ސްކްރީން ހިއްސާކުރަން ބޭނުން: އަމީތާބް

ބޮލީވުޑްގެ މެގާސްޓާރު އަމީތާބް ބަޗަން އާއި ބޯމަން އިރާނީ ވަނީ މީގެ ކުރިން ފިލްމު 'ލަކްޝްޔާ'، 'ވަގްތު - ދަ ރޭސް އަގެންސްޓް ޓައިމް' އަދި 'ބޫތްނާތް ރިޓާންސް' ގައި މަސައްކަތް ކޮށްފައެވެ.

ބޯމަން ގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ އިރާނީ މޫވީޓޯން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަމީތާބް ބުނީ އަދިވެސް ބޯމަންއާ އެކު ސްކްރީން ހިއްސާ ކުރަން ބޭނުން ކަމަށެވެ.

ފިލްމީ ދާއިރާއަށް ލިޔުންތެރިންގެ މުހިއްމުކަން ފާހަގަ ކުރަމުން އަމީތާބް ބުނީ ބޯމަން މި ހުޅުވި ޕްރޮޑަކްޝަން ހައުސްއަކީ ފިލްމު ތަކުގައި އެންމެ މުހިއްމު އެއް ރޯލު އަދާ ކުރާ މީހުނަށް ހުޅުވުނު ބޮޑު ފުރުސަތެއް ކަމަށެވެ. ލިޔުންތެރިންނަކީ ފިލްމުގައި ބަތަލުން ދައްކާ ވާހަކައާއި ލާ ހެދުމާއި އުޅެންވާ ގޮތާއި ޕާފޯމް ކުރަންޖެހޭ ގޮތް ބުނެދޭ މީހުން ކަމަށްވެސް އަމީތާބް ފާހަގަކުރިއެވެ.

ނޫސްވެރިން ބޯމަން ދެން އެކްޓް ކުރާނީތޯ ނުވަތަ ޕްރޮޑަކްޝަން ހައުސް ކުރިއަރުވަން މަސައްކަތް ކުރާނީތޯ ކުރި ސުވާލަށް ބޯމަން ބުނި ގޮތުގައި އޭނާ އަކީ އަބަދުވެސް އެކްޓަރެއް ކަމަށާއި، ނަަމަވެސް ކުޑަ އިރުންފެށިގެންވެސް ލިޔަން ޝައުގުވެރިކަންހުރި ކަމަށެވެ. ބޯމަން އިތުރަށް ބުނި ގޮތުގައި ލިޔާހިތްވިއަސް އޭނާ އަކީ އެހާ ރަނގަޅަށް ލިޔަން އެނގޭ މީހެއް ނޫން ކަމަށެވެ.