ޑރ. މުހައްމަދު ޖަމީލް އަހްމަދު

އަންނަ ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ ވަކި ބައެއްގެ ކިއްލާއަކަށް ނޫން: ޖަމީލް

2

ރާއްޖޭގައި ދެން އަންނަ ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ ވަކި ބައެއްގެ ކިއްލާއަކަށް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ވިލިމާލޭގައި ޖަމީލްގެ މަޖިލީހުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޖަމީލްގެ ވާހަކައިގައި ވަނީ ހުޅުމާލެއަކީ ވިލިމާލެއަށް ވުރެ ފަހުން ތަރައްގީ ކުރެވުނު ރަށެއް ކަމަށް ވީ ނަމަވެސް ވިލިމާލެ ތަރައްގީ ނުކުރާކަން ފާހަގަކޮށް ވާހަކަދައްކަވައިފައެވެ.

ޖަމީލްގެ ވާހަކައިގައި ވަނީ ވަކި ޕާޓީއެއްގެ އަގުލަބިއްޔަތުގެ މައްޗަށް ބަރޯސާވާ މަޖިލީހެއް ރައްޔިތުން ހޮވުން މުހިއްމު ކަމަށް ބަޔަކު ބުނަނީ އެބަޔެއްގެ މަސްލަހަތަށް ބިނާކޮށްކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވަކި ޕާޓީއެއްގެ އަގުލަބިއްޔަތެއްގެ މައްޗަށް ބަރޯސާ ނުކުރަންވީ ސަބަބަކީ ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބޭރުންނާއި އެތެރެއިން ދިވެހިންގެ ގައުމީ ވަރުގަދަ އަސާސް (އިސްލާމް ދީން) ގުޑުވާލުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން ދާއިރުގައި ފަރުދާގެ އެއްފަރާތުން އެބަޔަކަށް އެހީތެރިވާ ބަޔަކު ތިބިކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވަނީ ރާއްޖެއަށް ބޭނުންވަނީ ގައުމީ ފިކުރު ކުރިއަށް ނެރިގެން މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ތަރައްގީ ގެންނަން ބޭނުންވަނީ ވަކި ޕާޓީއަކަށް ނިސްބަތްވާ މަޖިލީހެއް ނޫންކަމާއި ރާއްޖެއަށް ތަރައްގީ ގެނެވޭނީ ގާބިލިއްޔަތުކަމެއް ހުރި މީހުން މަޖިލީހަށް ހޮވިގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވަނީ މަޖިލީހަކީ ރިޔާސީ ނިޒާމު ހިފަހައްޓާ މަޖިލީހަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އަމަލުކޮށް މަޖިލީހުން ފާރުވެރި ނަޒަރަކުން ދެން ތިބި ފަރާތްތަކުން ކުރާ މަސައްކަތް ބަލަހައްޓާންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިކަން ވާނީ ރައްޔިތުންގެ މަސްލަހަތު އިސްކުރާ މަޖިލީހެއް އޮވެގެން ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ޒިންމާއަކީ ރައްޔިތުންގެ މަޖިލީހާ ވާހަކަދައްކައިގެން މަސައްކަތް ކުރުން ކަމަށާއި ރިޔާސީ ނިޒާމެއްގައި މަޖިލީހުގެ ބޭނުމަކީ އެއީ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހަކީ ހަމަހަމަ ކަމާއި އިންސާފާއެކު މަސައްކަތް ކުރާ ތަނަކަށް ހެދިއްޖެ ނަމަ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟