ސަންޖޭލީލާ ބަންސާލީގެ ފިލްމު އިޒްހާރު ކުޅެދިނުމަށް ޝާހުރުކް ހާންއަށް ހުށަހަޅައި އެފިލްމުން އޭނާ ފެނުމުގެ ފުރުސަތު ބޮޑުކަމުގައި ހަބަރުތައް ބުނެއެވެ.
މީގެ 17 އަހަރު ކުރިން ޝާހްރުކް ހާނާއެކު ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން ކާމިޔާބު ފިލްމު ދޭވްދާސްގައި ޝާހްރުކްހާން ކުޅެދިން ރޯލަށް އެތައް ތައުރީފެއް ލިބި ފިލްމު ހިޓަކަށް ވެގެން ގޮސްފައި ވީ ނަމަވެސް އޭގެފަހުން މި ދެ ފަންނާނުން އެކުގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.
ބަންސާލީގެ ކާމިޔާބު ފިލްމުތައް ކަމަށްވާ ބާޖީރާއޯ މަސްތާނީ އަދި ޕަދްމާވަތުން ޝާހުރުކަށް ފުރުސަތު ފަހިކޮށްދިން ނަމަވެސް އެފިލުމުތަކަށް ޝާހުރުކް ހަމަޖެހިގެން ގޮސްފައެއް ނުވެއެވެ. މީގެ އިތުރުންވެސް ސަލްމާން އަދި ޝާހުރުކާއެކު ހަމް ދިލް ދޭ ޗުކޭ ސަނަމްގެ ދެވަނަ ބައެއް ހެދުމުގެ ވާހަކަތަކެއް ދެކެވި މި މަސައްކަތްވެސް ކުރިއަށް ދާ ގޮތް ވަނީ ނުވެފައެވެ.
ސޮނާކްޝީ ސިންހާއާއެކު ވެބް ސީރީސެއް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ބަންސާލީ ވަނީ ފިލްމު އިޒްހާރު ކުޅުމުގެ ފުރުސަތު ޝާހުރުކަށް ދީފައެވެ.
އިޒްހާރުގެ ވާހަކަ ބިނާވެފައިވަނީ ނޯވޭގެ އަންހެނަކު ދެކެ އިންޑިއާ މީހަކު ވާ ލޯބީގައި އޭނާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި ނޯވޭއަށް ދަތުރުކުރާ ހަގީގީ ހާދިސާގެ މައްޗަށެވެ.
ޝާހުރުކަށް މިރޯލު ހުށަހަޅާފައި ވީ ނަމަވެސް މި ފިލްމު ކުޅޭނެ ކަމުގެ ޔަގީންކަން އޭނާގެ ފަރާތުން އަދި ދީފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.