ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
އެ ދައުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަނބުރާ ފޮނުވާފައިވާކަން ޕީޖީން ވަނީ މިއަދު ފާރިސްއަށް އަންގައިފައެވެ.
ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅޭނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް 10 އޭޕްރީލް 2017ގައި މަޖިލީހުން ފާސްކުރުމާ ގުޅިގެން މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ބައެއް މެމްބަރުންނަށް ފާރިސް ނުފޫޒު ފޯރުވައި ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހަމަކުރުމަށް އެންމެ އިސްކޮށް ހަރަކާތެރިވީ ފާރިސްއެވެ.