ގާސިމް އިބްރާހިމް

ރައީސް ސޯލިހުގެ ސާބިތުކަމަށްޓަކައި ސެލިއުޓްކުރަން: ގާސިމް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ސާބިތުކަމަށްޓަކައި އެމަނިކުފާނަށް ސެލިއުޓްކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ކެރިވަޑައިގަތުމާއި ސާބިތުކަމާއެކު ވިދާޅުވި ހުރިހާ ބަސްފުޅުތައް އެނަލައިޒް ކޮށްލާއިރު އޭގެ ސާފުކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތަނެއް ދޮރެއް އޮޅުން ނުފިލުވާ، ނުވަތަ ތަނެއް ދޮރެއް ސާފުނުވެގެން މީހަކު އިތުރަށް ދައްކާނެ ވާހަކައެއް ނެތޭ ދިވެހި ރައްޔިތުންނަށް އޮޅުވާލަން އެހެން މިހެން ހަދާކަށް. އެމަނިކުފާނު ވަރަށް ސާބިތުކަމާއެކީގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާއި އަހުދުގެ ވާހަކަ އެމަނިކުފާނު ވިދާޅުވި. އަދި ސާބިތުކަމާއެކު މިހާތަނަށް އެމަނިކުފާނު ކަންކަން ގެންދަވާތީ އެ ކެރިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީން އެމަނިކުފާނަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެގޮތުގައި ސާބިތުކަމާއެކު ހުންނަވާނެކަން ކަށަވަރުކުރާ ކަމަށާއި އެހެންކަމަށްވާނަމަ ރައީސް ސޯލިހު ވެވަޑައިގެންނެވި ހުރިހާ ވައުދަކާއި އަހުދެއް ފުއްދުމަށްޓަކައި އެމަނިކުފާނާއެކު ޖުމްހޫރީ ޕާޓީ ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ.

"އެގޮތުގައި އެމަނިކުފާނު ސާބިތުކަމާއެކީގައި ހުންނަވާނެކަން އަޅުގަނޑަށް ކަށަވަރު. އެހެންކަމަށްވާނަމަ، ހަމަކަށަވަރުންވެސް އެމަނިކުފާނު ވަރަށް ސާބިތުކަމާއެކީގައި ފިސާރި ކެރި ފޯރުންތެރިކަމާއެކީގައި މިގައުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދަކާއި އަހުދު، ފުއްދުމުގައި އަޅުގަނޑުމެން، ޖުމްހޫރީ ޕާޓީން، އަޅުގަނޑުމެން މިތިބީ އެމަނިކުފާނާ އެކީގައި ސާބިތުކަމާއެކީގައިކަން ފަށްފަށުން ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިހާރު ރައީސް ސޯލިހަކީ ވަކި ޕާޓީއެއްގެ މީހެއް ނޫން ކަމަށާއި މިހާރު އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކާ މެދު ވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަން ޖެހޭނީ އެއް ނަޒަރިއްޔާތަކުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.